ޚަބަރު

މަސްތުވާތަކެތީގެ ވަބާއިން އަރައިގަތުމަށް ފަރުވާދޭ މަރުކަޒުތައް 3 ރަށެއްގައި އަޅަނީ


  • މަރުކަޒުތައް ޤާއިމުކުރާ 3 ރަށަކީ ނ. ވެލިދޫ، ކ. ކާށިދޫ، ލ. ގަން

  • ރާއްޖޭގައި ޖުމްލަ 6 ޑްރަގް ރީހެބިލިޓޭޝަން ސެންޓަރު ހުރޭ

މަސްތުވާތަކެތީގެ ވަބާއިން އަރައިގަތުމަށް ފަރުވާދޭ މަރުކަޒުތައް 3 ރަށެއްގައި އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީއާ ހަވާލުކޮށްފިއެވެ.

އެންޑީއޭގެ މަރުކަޒުތައް ޤާއިމުކުރާ 3 ރަށަކީ ނ. ވެލިދޫ، ކ. ކާށިދޫގެ އިތުރުން ލ. ގަމެވެ.

ފަރުވާދޭ މަރުކަޒުތައް އެޅުމުގެ މަސައްކަތް ހަވާލުކުރުމުގެ ގޮތުން ނެޝަނަލް ޑްރަގް އެޖެންސީ، އެންޑީއޭއާއި އާރުޑީސީއާ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފައެވެ. މި އެއްބަސްވުމުގައި އެންޑީއޭގެ ފަރާތުން ސޮއިކުރެއްވީ އެކްޓިން ސީއީއޯ މުޙައްމަދު ރާޝިދެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ޢަލީ ޒުހައިރެވެ.

އެންޑީއޭއިން ވިދާޅުވީ ފަރުވާދޭ މަރުކަޒުތައް އެޅުމަށް ނ. ވެލިދޫން މިހާރު ބިމެއް ހަމަޖެހިފައިވާ ކަމަށެވެ. އަދި ބާކީ އޮތް 2 ރަށުން ބިން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

އެންޑީއޭގެ އެކްޓިން ސީއީއޯ މުޙައްމަދު ރާޝިދު ވިދާޅުވީ ފަރުވާދޭ މިމަރުކަޒުތައް އެޅިގެންދިއުމުން މަސްތުވާތަކެތި އަރައިގަތުމަށް ދެވޭ ފަރުވާގެ ފުރުޞަތު ގިނަ ބަޔަކަށް ލިބުމުގެ ފުރުޞަތު ފަހިވާނެ ކަަމަށެވެ. އަދި އަތޮޅުތަކުން މީހުން މާލެ ނައިސް ފަރުވާ ހޯދުމުގެ ފުރުޞަތުވެސް މިއާއެކު ފަހިވާނެކަމަށް ރާޝިދު ވިދާޅުވިއެވެ.

ރާއްޖޭގައި ޖުމްލަ 6 ޑްރަގް ރީހެބިލިޓޭޝަން ސެންޓަރު ހުރެއެެވެ. މި ސެންޓަރުތަކުން އެއްފަހަރާ ފަރުވާ ދެވެނީ ގާތްގަނޑަކަށް 570 އެއްހާ މީހުންނަށެވެ. ނަމަވެސް އެކި ގޮތްގޮތުން ޖާގަ ހަދައިގެން މިއަށްވުރެވެސް ގިނަ އަދަދެއްގެ މީހުންނަށް ދަނީ ފަރުވާދެމުންނެވެ. އެންޑީއޭއިން ހާމަކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތުތަކުން އެނގޭ ގޮތުގައި ފަރުވާއަށް ޙުކުމްކޮށް ފަރުވާ ދޭން ނުފެށި 100އެއްހާ މީހުން މިހާރުވެސް އެބަތިއްބެވެ.

އެންޑީއޭގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ހިންމަފުށީ ފަރުވާދޭ މަރުކަޒުގައިވެސް މިހާރު ހުރި އަދަދަށްވުރެ 1000 ޖާގަ އިތުރުކުރުމެވެ.