ޚަބަރު

ކްރޮސްސަބްސިޑީ އުސޫލުން ޤައުމީ ސަލާމަތާގުޅޭ މަޝްރޫޢުތަކަށް މަދުވެގެން 100 މިލިއަން ޑޮލަރު އިންވެސްޓްކުރަންޖެހޭނެ


  • ކުރިން އޮތްގޮތުން މަދުވެގެން އިންވެސްޓްކުރަންޖެހޭނީ 15 މިލިއަން ޑޮލަރު

ޤައުމީ ސަލަމާތާއި ގުޅޭ މަޝްރޫޢުތަކަށް މަދުވެގެން 100 މިލިއަން ޑޮލަރު އިންވެސްޓްކުރަންޖެހޭގޮތަށް ކްރޮސް ސަބްސިޑީ އުސޫލުން މަޝްރޫޢުތައް ހިންގުމާއި ގުޅޭ އުސޫލުތައް ބަދަލުކުރައްވައިފިއެވެ.

މި ބަދަލު ގެންނަވާފައިވަނީ ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫޢުތައް ކަނޑައެޅުމަށް އެކަށައެޅި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަށް ގެންނެވި އިސްލާހުގައެވެ.

މިދިޔަމަހުގެ 21ވަނަ ދުވަހު ގެޒެޓްކުރެއްވި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައިވާ ގޮތުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، ޤައުމުގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި މަޝްރޫޢުތަކެއް ވަނީ ކުރިއަށް ގެންދަން ރާއްވަވާފައެވެ. އަދި ކްރޮސް ސަބްސިޑީ އުސޫލުން އެ މަޝްރޫޢުތަކަށް އިސްވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތުވެސް ވަނީ ހުޅުވާލައްވާފައެވެ. އެގޮތުން އެ މަޝްރޫޢުތަކަށް މަދުވެގެން 15 މިލިއަން ޑޮލަރު އިންވެސްޓްކުރަންޖެހޭކަމަށް އެ ޤަރާރުގައި ވަނީ ކަނޑައަޅުއްވާފައެވެ. ނަމަވެސް އެ ޤަރާރަށް އިސްލާހު ގެންނަވައި، ޤައުމީ ސަލާމަތާއި ގުޅޭ މަޝްރޫޢުތަކަށް އިންވެސްޓްކުރަންޖެހޭ އަދަދު މިހާރު ވަނީ ބޮޑުކުރައްވާފައެވެެ.

ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫޢުތައް ކަނޑައެޅުމަށް އެކަށައެޅި ޤަރާރަށް އެންމެފަހުން ގެންނެވި އިސްލާހުގައިވާ ގޮތުން ކްރޮސް ސަބްސިޑީ އުސޫލުން ޤައުމީ ސަލާމަތާއި ގުޅުންހުރި މަޝްރޫއުތަކަށް މަދުވެގެން އިންވެސްޓްކުރަންޖެހޭ އަދަދު ވަނީ 15 މިލިއަން ޑޮލަރުން 100 މިލިއަން ޑޮލަރަށް ބޮޑުކުރައްވާފައެވެ.

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، ގައުމުގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި މަޝްރޫޢުތަކެއް ވަނީ ކުރިއަށް ގެންދަން ނިންމަވާފައިވާއިރު، އެ މަޝްރޫޢުތަކުގެ ތަފްސީލްތަކެއް ސަރުކާރުން މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް ރާއްޖޭގެ އަސްކަރީ ޤާބިލްކަން ވަރުގަދަކޮށް، ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދު ހިމާޔަތްކޮށް، ބެލެހެއްޓެވުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އަދި އެމަސައްކަތުގެ ދަށުން މިހާތަނަށް އައިއިރު ސަރުކާރުން ވަނީ ގިނަ ކާމިޔާބީތަކެއްވެސް ހޯއްދަވާފައެވެ.