ޚަބަރު

ދިރާސީ އަހަރު ފެށޭއިރު އަސާސީ ހުރިހާކަމެއް ފުރިހަމަވާނެ: ތަޢުލީމާބެހޭ ވަޒީރު


  • ދަރިވަރުންނަށް ބޭނުންވާ ވަސީލަތްތައް ވަނީ ހަމަވެފައި

މާދަމާ ދިރާސީ އައު އަހަރު ކިޔެވުން ފެށޭއިރު ތަޢުލީމާބެހޭ ވުޒާރާއިން ވާންޖެހޭ އެންމެހައި ތައްޔާރީތައް މިހާރު ވެނިމިފައިވާކަމަށް ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ދިރާސީ އައު އަހަރު ފެށުމަށްޓަކައި އެވުޒާރާއިން ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުންނެވެ.

ބޮޑު ޗުއްޓީއަކަށްފަހު މާދަމާއަކީ ދިރާސީ އައު އަހަރު ފެށޭ ދުވަހެވެ. ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، ކިޔެވުން ފެށުމަށްޓަކައި ވާންޖެހޭ އެންމެހައި ތައްޔާރީތައް އެ ވުޒާރާއިން ވެފައިވާކަމަށެވެ. އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރަކީވެސް ވަސީލަތްތައްތައް ހަމަ އަހަރަކަށް ވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ދަރިވަރުންނަށް ބޭނުންވާ ފޮތްތަކާއި، މުދައްރިސުން އަދި ސްކޫލަށް ބޭނުންވާ އަސާސީ އެންމެހައި ކަންކަން ހަމަވެފައިވާ އަހަރެއްގެ ގޮތުގައި މި ދިރާސީ އަހަރުގެ ކިޔެވުން ފެށިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެހެން އަހަރުތަކަށްވުރެ މާ ފުރިހަމައަށް ދަރިވަރުންނަށް ފޮތްތައް ޑިސްޓްރިބިއުޓް ކުރެވިފައިވާނީ. މިއަދުވެސް އައި 12 ރިކުއެސްޓް އެކިއެކި ސްކޫލްތަކުން ބަދަލުވާން. އެހެންވެއްޖެނަމަ އެޑްމިޝަން ޕްރޮސެސް ނިންމާލާފައި ފަހަރުގައި އެ ދަރިވަރު އަތުގައި ފޮތްތައް ނުހުރެދާނެ އަދި. އެހެންނަމަވެސް އެންމެ ލަސްވެގެންވެސް އަޅުގަނޑުމެން ގަސްދުކުރަނީ ޕްލޭސްމަންޓް ކަށަވަރުވާ ހިސާބުން ސްކޫލްތައް މެދުވެރިކޮށް ދަރިވަރުންނަށް ފޮތްތައް ހަމަކުރަން މިހާހިސާބަށް ހުރިހައި ދަރިވަރުންނަށްވެސް އިރާދަކުރެއްވިއްޔާ ފޮތްތައް ސްކޫލްތަކަށް ފޮނުވިފައި." ވަޒީރު ވިދާޅުވިއެވެ.

ސްކޫލްތައް ފެށޭއިރު މުދައްރިއްސުން ހަމަނުވާކަމަށް ދެކެވޭ ވާހަކައަށް ރައްދު ދެއްވައި ވަޒީރު ޝަފީޢު ވިދާޅުވީ، މި ޗުއްޓީ ނިމުނު ފަހުންވެސް 14 ވަރަކަށް މުވައްޒަފުން ވަޒީފާއިން ވަކިވެފައިވާކަމަށެވެ. އެ މުވައްޒަފުން ހޯދުމަށް ހަފްތާއެއްހައި ދުވަސް ނަގާފާނެކަމަށާއި އެހެންނޫންނަމަ ހުރިހައި ކަމެއްވެސް ހުރީ ވަރަށް ފުރިހަމައަށް އިންތިޒާމްކުރެވިފައިކަމަށެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބެނީ މި ޗުއްޓީ ނިމުނު ފަހުންވެސް 14 ވަރަކަށް މުވައްޒަފުން ރިޒައިން ކުރި ވާހަކަ. އެހެންވީމަ މިފަދަ ރިސެގްނޭޝަންއަށް ކުޑަ ވަގުތުކޮޅެއް ނަގާފާނެ. ގާތްގަނޑަކަށް ހަފްތާއެއްހައި ދުވަސް ނަގާފާނެ. ނޫނިއްޔާމުން ހުރިހައި ކަމެއްވެސް ހުރީ ވަރަށް ރަނގަޅަށް". ވަޒީރު ވިދާޅުވިއެވެ.

ތަޢުލީމާބެހޭ ވަޒީރު ޑރ. ޝަފީޢު ވިދާޅުވީ، ފެންވަރު ރަނގަޅު އަމާން ވެއްޓެއްގައި ދަރިވަރުންނަށް ރަނގަޅު ތައުލީމެއް ދެވިގެންދާނީ މުދައްރިސުންނާއި، ބެލެނިވެރިން އަދި މުޅި މުޖްތަމައު ގުޅިގެން ކުރަމުންދާ މަސައްކަތުންކަމަށެވެ. އެހެންކަމުން މި ފެށޭ ދިރާސީ އައު އަހަރަކީ އެންމެން ގުޅިގެން ދަރިވަރުންގެ ކިޔެވުމަށް މަސައްކަތްކުރާ އަހަރެއްގެ ގޮތުގައި ހެއްދެވުމަށް އެޑިއުކޭޝަން މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ.

2024 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިންމައި، ދަރިވަރުން ޗުއްޓީއަށް ދިޔައީ މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ. މި އަހަރުގެ ބޮޑު ޗުއްޓީ ދިމާވީ ރަމަޟާންމަހާއެވެ. ދިރާސީ އައު އަހަރުގެ ކިޔެވުން މި މަހުގެ 6 ގައި ފަށާއިރު، ދިރާސީ އަހަރު ނިމޭނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.