ލިވަޕޫލްގެ އަރަމުން އަންނަ ކުޅުންތެރިން މައްޗަށް އެކުލެވޭ ޓީމުތަކާއި ވެޓެރަންސް ޓީމުތައް މެޗުތަކެއް ކުޅުމަށް ރާއްޖެއަށް އައުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
އިނިގރޭސިވިލާތައް ކުރެއްވި ކާމިޔާބު ދަތުރުފުޅަށްފަހު "ޕީއެސްއެމް ނިއުސް" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ރާފިޢު ވިދާޅުވީ އެކަމުގެ މަޝްވާރާތައް މި ފަހަރުގެ ދަތުރުގައި ކުރުވެނު ނަމަވެސް، މެޗުތައް ކުޅުމަށް ލިވަޕޫލް ޓީމު ރާއްޖެ ގެނައުމުގެ ކަންކަން ކުރިއަށްދާނެ ކަމަށާއި، އެ ފުރުސަތު އޮތީ ވަރަށް ބޮޑަށް ހުޅިވިފައި ކަމަށެވެ.
"އަޅުގަނޑުމެންގެ ޑިވޮލޮޕްމަންޓް ޓީމުތައްވެސް، ލިވަޕޫލަށް ގޮސް އެ ތަނުގައިވެސް ޕްރެޓިސް ކުރެވޭނެގޮތައް މަޝްވަރާ ކުރެވިފައިވަނީ. މިހާރުވެސް ބޭނުންކުރައްވާ އެކޮމޮޑޭޝަން އަޅުގަނޑުމެން ޓީމުތަކަށް ދީގެން، ލިވަޕޫލްގައި އެކަން ކުރާގޮތް ކުދިންނަށް ދަސްކޮށްދިނުން." ރާފިޢު ވިދާޅުވިއެވެ.
ލިވަޕޫލް ޓީމުތައް ރާއްޖެ ގެނައުމަށް ހަމަޖެހިފައިވަނީ ސްޕޯޓްސް ޓޫރިޒަމްގެ ތެރެއިން ގެންދާ ޚާއްސަ ހަރަކާތްތަކުގެ ތެރެއިންނެވެ. ސްޕޯޓްސް ޓޫރިޒަމަކީ މިހާރުވެސް ރާއްޖޭގައި ކުރިއެރުވޭނެ އެއް ދާއިރާ ކަމަށް ވަޒީރު ރާފިޢު ވަނީ ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވީ ރާއްޖޭގައި އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ލިވަޕޫލްގެ ޑިވަލޮޕްމަންޓް ޕްރޮގްރާމުތައް ފެނި, ތަޖުރިބާކުރުން އެއީ މުހިންމު ކަމެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިމެނިވަޑައިގެންނާ ގޮތަށް ބޭއްވެވި މި މަޝްވަރާ ބައްދަލުކުރެއްވުމުގައި ކުޅިވަރާ ބެހޭ ވަޒީރު ވަނީ ލިވަޕޫލް އެކެޑަމީގެ ވައިސް ޕްރެޒިޑެންޓް ޑެނިއަލް ވައިޓް އާއި ސީނިއަރ ޑިވަލޮޕްމަންޓް މެނޭޖަރ އެންޑްރޫ ނިކޮލަސް އަދި ސީނިއަރ ބިޒްނަސް މެނޭޖަރ ރިޗާޑް އައުލްޓްއާ ބައްދަލުކުރައްވާފައެވެ.