ޚަބަރު

މުޤައްރަރުތައް މުރާޖަޢާކޮށް ކޮންޓެންޓުގެ ފެންވަރު މިއަހަރު ރަނގަޅުކުރާނަން: ތަޢުލީމީ ވަޒީރު


  • ކީ-ސްޓޭޖް 4 ގެ ފޮތްތަކުގެ ޑިޖިޓަލް ކޮންޓެންޓު އެކުލަވާލަނީ

  • ފަށާ ތަޢުލީމުގެ މަރުޙަލާގެ ދަރިވަރުންގެ އުނގެނުމުގެ ފެންވަރު ބައިނަލްއަޤުވާމީ ލެވެލްގައި ބެންޗުމާކު ކުރަނީ

ތަޢުލީމީ މަންހަޖުގައި ހިމެނޭ ހުރިހާ މާއްދާތަކުގެ މުޤައްރަރުތައް އަލުން މުރާޖަޢާކޮށް، ދަރިވަރުންނަށް އުނގަންނައިދޭ ކޮންޓެންޓްގެ ފެންވަރު ރަނގަޅުކުރުމަށް މިއަހަރު ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ ދިރާސީ އައު އަހަރުގެ ކިޔެވުންފެށުމާ ގުޅިގެން ދެއްވި ޚިތާބުގައެވެ.

ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ މިއަހަރުގެ ތެރޭގައި މާއްދާތަކުގެ މުޤައްރަރުތައް އަލުން މުރާޖަޢާކޮށް، ކޮންމެހެން ގެންނަންޖެހޭނެ ބަދަލުތަށް ގެނެއުމާއި ދަރިވަރުންނަށް އުނގަންނައިދޭ ކޮންޓެންޓްގެ ފެންވަރު ރަނގަޅު ކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށެވެ. އަދި ކީ-ސްޓޭޖް 4 ގެ މާއްދާތަކުގެ ޓެކްސްޓް ފޮތްތަކާއި މަސައްކަތު ފޮތްތަކުގެ ޑިޖިޓަލް ކޮންޓެންޓު އެކުލަވާލުމުގެ ޢަމަލީ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ފަށްޓަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ އެ މަސައްކަތްތައް ކުރިއަށް ގެންދާނީ ތަޢުލީމީ ދާއިރާގެ ޢިލްމާއި ތަޖުރިބާ ލިބިފައިވާ މުދައްރިސުންނާއި ފަންނީ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކުކަމަށެވެ.

އެކި މަރުހަލާތަކުގައި ދަރިވަރުންގެ އުނގެނުމުގެ ފެންވަރު ހުރިނެތްގޮތް ދެނެގަތުމަށް، ޤައުމީ ފެންވަރުގައި ކުރިއަށް ގެންދާ ނެޝަނަލް އެސެސްމެންޓް ފޯ ލާނިންގ އައުޓްކަމްސް (ނާލޯ) މިއަހަރުވެސް ކުރިއަށްގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން މީގެކުރިން މި އެސެސްމަންޓް ކީސްޓޭޖް-1 އަދި ކީސްޓޭޖް-2 ނިންމާ މަރުހަލާގައި ނެގިނަމަވެސް ދިރާސީ އަހަރުގައި ކީސްޓޭޖް-3ގެ މަރުހަލާ ނިންމާ ދަރިވަރުންނަށް މިއެސެސްމެންޓް ދޭންފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރުނިންމާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރަށް މުޅިން އަލަށް ރާއްޖޭގެ ފަށާ ތަޢުލީމުގެ މަރުޙަލާގެ ދަރިވަރުންގެ އުނގެނުމުގެ ފެންވަރު ބައިނަލްއަޤުވާމީ ލެވެލްގައި ބެންޗުމާކު ކުރުމުގެ އަމަލީ މަސައްކަތްވެސް ފަށާނެކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީއު ވިދާޅުވިއެވެ.

"އެކިއެކި މާއްދާތައް ކިޔަވައިދެއްވާ މުދައްރިސުންނަށާއި މިޑްލް މެނޭޖްމަންޓުގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް އަމާޒުކޮށްގެން ފަންނީ ތަރައްޤީގެ ހަރަކާތްތައް ކުރިއަށް ގެންދެވުނު. މިފެށޭ ދިރާސީ އަހަރުވެސް މިފަދަ މުހިންމު ފަންނީ ތަރައްޤީގެ ތަމްރީނު ޕްރޮގްރާމުތައް ކުރިއަށް ގެންދެވޭނެ." ތައުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.

މިދިޔަ ދިރާސީ އަހަރުގައި އަތޮޅުތަކުގެ 23 ސްކޫލެއްގައި އޭލެވެލްއަށް ކިޔަވައިދިނުމުގެ ޕައިލެޓް ޕްރޮގްރާމް ފެށުނުކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެއާއެކު އަލަށް އޭލެވެލް ކިޔެވުމަށް ވަންނަ ދަރިވަރުންގެ އަދަދު %77 އަށް އިތުރުވެފައިވާކަމަށެވެ.

މަތީ ސާނަވީއަށް ދަރިވަރުން އިތުރުވެގެންދިޔުމަކީ ގައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގެ ބާރަކަށްވާނެކަމަށާއި މި ޕްރޮގްރާމް އިތުރު ލާރނިންގ ޕާތްވޭސްތަކާއެކު މިއަހަރު ފުޅާކުރެވިގެންދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ވަޒީރު ވަނީ ކޫލް ސްކޫލް ޕްރޮގްރާމްގެ ތެރެއިން، ސަރުކާރު ސްކޫލުތަކުގައި ހުރި 3740 ކުލާސްރޫމު، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އޭސީކޮށް ނިންމާލުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ނިމިފައިވާކަންވެސް ފާހަގަކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ ތަޢުލީމީ ދާއިރާގެ ސިޔާސަތުކާއި ނިންމުންތައް، ހެއްކާއި ޤަރީނާގެ މައްޗަށް ނިންމުމުގެ މުހިންމުކަމަށް ބަލާ، އާޓިފިޝަލް އިންޓެލިޖެންސާއި އެންމެ ފަހުގެ ޓެކްނޮލޮޖީގެ އަލީގައި ތަރައްޤީ ކުރެވިގެންދާ އާ އެޑިއުކޭޝަނަލް މެނެޖްމަންޓް ސިސްޓަމްގެ މޮޑިއުލްތަށް ދިރާސީ އަހަރުގެ ތެރޭގައި ރޯލްއައުޓް ކުރަން ފެށޭނެކަމަށެވެ.

"ޒަމާނަށް އަންނަ ބަދަލުތަކާއެކު، ދަރިވަރުންގެ ވިސްނުމަށާއި އުޅުމާއި ގުޅުންތަކަށް އަންނަ ބަދަލުތަކަށް އަހުލުވެރިވެ، އެބަދަލުތަކަށް އެންމެ ފުރިހަމަ ގޮތުގައި ރީޢާޔަތްކޮށްގެން އުނގަންނައި ދިނުމަކީ، ތަހުޒީބީ ޖީލެއް ބިނާކުރުމަށް ކޮންމެހެންވެސް ކުރާންޖެހޭނެ ކަމެއް. ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކަށް އަހުލުވެރިވެ، ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން އުނގަންނައިދިނުމަށްޓަކައި އުނގަންނައިދިނުމުގެ ވައްޓަފާޅިއަށް ގެންނަންޖެހޭ ބަދަލުތައް އަބަދުވެސް ގެންނަމުން ދިޔުމަށް އިލްތިމާސްކުރަން." ތައުލީމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީއު ވިދާޅުވިއެވެ.

ދިރާސީ އާ އަހަރަކަށް ކުރިމަތިލާއިރު، މަތިވެރި އަޒުމަކާއި އާ ހިއްވަރަކާއެކު އުނގެނުމަށް މަސައްކަތްކުރުމަށް ދަރިވަރުންނަށް ވަޒީރު ވައިލްތިމާސްކުރެއްވިއެވެ. ނުވަދިހާ ހާހެއްހާ ދަރިވަރުން މިދިރާސީ އަހަރު ރާއްޖޭގެ ސްކޫލުތަކުގައި އެކިއެކި މަރުހަލާތަކުގައި ކިޔަވަމުންދާނެއެވެ. މި ދަރިވަރުންގެ ޚިދުމަތުގައި ގާތްގަޑަކަށް 11،000 މުދައްރިސުން ސްކޫލުތަކުގައި އުނގަންނައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.