ޚަބަރު

ދުނިޔޭގައި ސުލްޙަ ޤާއިމްކުރުމަށް މަޝްވަރާގެ ވިސްނުން އިސްކުރަންޖެހޭ: މަޖިލީހުގެ ރައީސް


  • ބަންޑުން އުސޫލުތަށް ދެމެހެއްޓުމަށް ގޮވާލެއްވި

  • ވިޔަފާރިއާއި ސަގާފަތުގައި އެއްބާރުލުންދިނުމަށް އެދިވަޑައިގެންނެވި

ދުނިޔޭގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ ސުލްހަވެރިކަން ޤާއިމްކުރުމަށް ޤައުމުތައް ގުޅިގެން މަޝްވަރާކުރުމުގެ ވިސްނުން އިސްކުރުމަށްވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ގޮވާލައްވައިފިއެވެ. މަޖިލީހުގެ ރައީސް މިފަދައިން ގޮވާލެއްވީ ، އުޒްބަކިސްތާނުގެ ތަޝްކެންޓުގައި ކުރިއަށްދާ އިންޓަރ-ޕާލިމެންޓަރީ ޔުނިއަންގެ 150 ވަނަ އެސެމްބްލީގެ ހަވާސާގައި ކުރިއަށްދާ ނަން-އެލައިންޑް މޫވްމެންޓް ޕާލިމެންޓަރީ ނެޓްވޯރކްގެ 4 ވަނަ ކޮންފަރެންސްގައި ދެއްކެވި ވާހަކަފުޅުގައެވެ.

ނަން-އެލައިންޑް މޫވްމެންޓް ޕާލިމެންޓަރީ ނެޓްވޯރކްގެ 4 ވަނަ ކޮންފަރެންސްގެ މިއަހަރުގެ މަޢުޟޫއަކީ "ބަންޑުން އުސޫލުތަކަށް 70 އަހަރު ފުރުން: ބަންޑުން އުސޫލުތައް ދެމެހެއްޓުމުގައި މަޖިލިސްތަކުގެ ދައުރު" މި މައުޟޫއެވެ. މަޢުޟޫއަށް އިޝާރަތްކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުالله ވަނީ، ބަންޑުން އުސޫލުތަށް ދެމެހެއްޓުމަށް ދިވެހިރާއްޖެއިން ކުރަމުންދާ އިޚްލާޞްތެރި މަސައްކަތް ފާހަގަކުރައްވައި، މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލާއި، ބައިނަލްއަޤްވާމީ އެއްބާރުލުމުގެ އަގުތައް ދެމެހެއްޓުމަށް ޕާލިމެންޓަރީ ފިޔަވަޅުތަކެއް އަލުން އެޅުމަށް ގޮވާލައްވާފައެވެ. އަދުގެ ދުނިޔޭގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގައި، ނުފޫޒު ނުފޯރުވުމާއި، ސުލްހަވެރިކަމާއެކު މައްސަލަތައް ހައްލުކުރުމާއި، ވިޔަފާރިއާއި ސަގާފަތުގައި އެއްބާރުލުން ދިނުމުގެ ބޭނުން ހިފުމުގައި ބަންޑުން އުސޫލުތަކުގެ މުހިންމުކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. އަދި ސުލްހަވެރިކަން ޤާއިމްކުރުމަށް ޤައުމުތައް ގުޅިގެން މަޝްވަރާކުރުމުގެ ވިސްނުން އިސްކުރުމަށްވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.

ކުދި ޖަޒީރާ ޤައުމުތަކުގެ ނާޒުކުކަމަށް އަލިއަޅުއްވާލައްވަމުން، މަޖިލީހުގެ ރައީސް ވަނީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދުނިޔޭގެ އެއްބާރުލުން ދިނުމަށް ގޮވާލައްވައި، އެކަމަކީ ދިވެހިރާއްޖެއަށް ސީދާ ގޮތެއްގައި އަސަރުކުރާ އަދި ދުވަހުން ދުވަހަށް ނުރައްކާތެރިކަން އިތުރުވަމުންދާ ކަމެއް ކަމުގައި ފާހަގަކުރައްވާފައެވެ. ޚާއްޞަކޮށް އެންމެ ބޮޑަށް ނުރައްކާތެރިކަމުގެ ތެރޭގައިވާ ޤައުމުތަކަށް، ތިމާވެށީގެ އިންސާފު ގާއިމުކުރުމަށް ނަން-އެލައިންޑް މޫވްމެންޓް (ނާމް)ގެ މެންބަރު ޤައުމުތަކުން ދޭ އަހައްމިއްޔަތުކަން އިތުރަށް ހަރުދަނާކުރުމަށްވެސް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

އަދި، އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނާއި ލާމަރުކަޒީ ޤާނޫނު ފަދަ ޤާނޫނުތައް މެދުވެރިކޮށް އިންކްލޫސިވް ޑިވެލޮޕްމަންޓް ކުރިއެރުވުމުގައި ރައްޔިތުންގެ މަޖިލީހުން ހޯދާފައިވާ ކުރިއެރުންތަކަށް މަޖިލީހުގެ ރައީސް އަލިއަޅުއްވާލެއްވިއެވެ. އަދި، މި ޤާނޫނުތަކުގެ ސަބަބުން މުޖުތަމަޢުތަކަށް ބާރު ލިބި، ހަމަހަމަކަން ކުރިއަރާފައިވާކަމަށްވެސް މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ޤައުމީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަންތައްތައް ކުރިއަށްދޭތޯ ބެލުމުގައި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން، ޚާއްޞަކޮށް ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއާއި ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއިން ވަރަށް މުހިންމު ދައުރެއް އަދާކުރާކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަޖިލީހުގެ ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ "ނާމް" މެންބަރު ޤައުމުތަކުން އެއްބައިވެ، ސުލްޙައާއި، އިސްތިގުލާލާއި، އިންސާފު ދިފާޢުކުރުމަށް ގޮވާލައްވާފައެވެ.