ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުގެ މަގާމަށް މއ. ސިގްމާ، އަލްއުސްތާޛް މުޙައްމަދު މުޖުތާޒް ޢައްޔަންކުރެއްވުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފިއެވެ.
ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމުގައި ހުންނެވި އިބްރާހިމް ރަޝީދު މިދިޔަ މަހުގެ 11 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭނާ މަޤާމުން ވަކިކުރުމުގެ މަސައްކަތް ފަށާފައިވަނިކޮށެވެ.
އިބްރާހީމް ރަޝީދު މަޤާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓިން ފެށީ މުވައްޒަފުން ރެކްރޫޓް ކުރުމުގައި ހުރި ބައެއް މައްސަލަތަކާއި އިތުރު ބައެއް ތުހުމަތުތަކާއި ގުޅިގެންނެވެ.
އެ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލީ މިދިޔަ މަހުގެ 12ވަނަ ދުވަހުއެވެ.
މިނިވަން މުއައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާ މެންބަރުން ޢައްޔަން ކުރައްވާނީ އާންމުކޮށް ހުޅުވާލުމުން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިންނެވެ. އެގޮތުން، މިފަހަރު ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން މުޖުތާޒު ސިވިލް ސަރވިސް ކޮމިޝަނަށް ޢައްޔަން ކުރެއްވުމަށް ފެނިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވި ސިޓީގައި ވިދާޅުވިއެވެ.
ސިވިލް ސަރވިސް ކޮމިޝަނަށް މުޖުތާޒު ޢައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުން ރުހުން ލިބުމުން ރައީސުލްޖުމްހޫރިއްޔާއެވެ. އެ މައްސަލަ މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.
ސިވިލް ސަރވިސް ކޮމިޝަން އެކުލެވިގެން ވަނީ 5 މެންބަރުންގެ މައްޗަށެވެ. މިހާރު އެ ކޮމިޝަނުގައި ތިއްބެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ނާސިޙާއި ކޮމިޝަނުގެ މެންބަރުން ކަމަށްވާ މުޙައްމަދު ފަރުޞަތާއި ފާތިމަތު ޝަރީފް އަދި ފާތިމަތު ޙަބީބާއެވެ.