ޚަބަރު

ތެލަސީމިއާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މިއަހަރު ފެށުމަށް ދަނީ މަސައްކަތްކުރަމުން: ސިއްޙީ ވަޒީރު


  • މަސައްކަތް ހަވާލުކޮށްފަވަނީ މެލޭޝިޔާ ކުންފުންޏަކާ

  • ވަގުތީ ފެސިލިޓީގެ މަސައްކަތް އަންނަ މަހު ނިމޭނެ

ރައީސްގެ ވައުދާއެއްގޮތަށް ބިނާކުރާ ތެލަސީމިއާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މިއަހަރު ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ސިއްޙީ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންންގެ ބައްދަލުވުމުގައެވެ.

ތެލަސީމީއާ ކުދިންނަށް ދޭ ޚިދުމަތްތައް ޒަމާނީކޮށް، ލުއިފަސޭހަކަމާއެކު ފޯރުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ. އެވަޢުދާއެއްގޮތަށް، ހުޅުމާލޭގައި ތަރައްޤީކުރާ ތެލެސީމިއާ ހޮސްޕިޓަލުގެ އިންޖިނިއަރިންގ އާއި ޕްރޮކިއުމަންޓް އަދި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.

ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ އެއްބަސްވުމުގެދަށުން، ހޮސްޕިޓަލްގެ ޑިޒައިން މަސައްކަތްތައް ނިމި، ކުރެހުންތައް ފައިނަލްކުރުމުގެ މަސައްކަތް މިޙާރު ކުރަމުންދާކަމަށެވެ. އަދި ލަސްތަކެއް ނުވެ، ފުރިހަމަ ޑިޒައިނެއްގެ ތަނަވަސް ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ތެލަސީމިއާ ގެ ފަރވާ ހޯދާ ފަރާތްތަކަށް ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"އެއްބަސްވުމާ އެއްގޮތަށް ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދޭ. ކުރެހުންތައް ފައިނަލްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދޭ. މާލަސްނުވެ މިއަހަރު ޢަމަލީ މަސައްކަތް ފެށުމަށް މަސައްކަތް ކުރަމުން މިދަނީ" ސިއްޙީ ވަޒީރު ވިދާޅުވިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ މި ހޮސްޕިޓަލަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތެލަސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާތައް ދެވޭގޮތަށް، ލެބޯޓްރީއާއި ވޯޑްތަކުގެ އިތުރުން ޕްރައިވެޓް ރޫމްތަކާއި އައިސީޔޫ އަދި އެކަހެރިކޮށްގެން ފަރުވާދެވޭނެ އިންތިޒާމާއި، ގުނަވަން ބަދަލުކުރުމާއި ބޯންމެރޯއަށް ޓްރާންސްޕްލާން ޔުނިޓެއްވެސް ހިމެނޭގޮތަށް ފަރުމާކޮށްފައިވާ ހޮސްޕިޓަލެކެވެ.

މިވަގުތު ކުރަމުންދަނީ ތެލަސީމިއާ ޚިދުމަތުގެ ނިޒާމުގައި ހުރި މައްސަލަތަކަށް ވަގުތީ ޙައްލުތައް ހޯދައިދިނުމުގެ މަސައްކަތެވެ.

ތެލަސީމިއާ ސެންޓަރާއި ގުޅިގެން ހުރި ކަންބޮޑުވުންތަކާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ހުޅުމާލެ އޮރެންޖް ހިޔާ ފެސިލިޓީއަށް ތެލަސީމިއާ ސެންޓަރު ބަދަލުކުރުމަށް ނިންމަވާފައެވެ. އެ މަސައްކަތް ކުރިއަށްދާއިރު، އަންނަމަހުގެ ތެރޭގައި އޮރެންޖް ހިޔާގައި ޚިދުމަތް ފެށުމަކީ ސަރުކާރުގެ ޢަމާޒެވެ. މީގެއިތުރުން، ލޭ އެޅުމުގައި ދިމާވި މައްސަލައަށްވެސް މިހާރު ޙައްލެއް ހޯދިފަވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"ފިލްޓަރުގައި މައްސަލަ ޖޭހޭ މައްސަލަ ޙައްލުކޮށް، އޭރު ލިބުން ދަތިވި ފިލްޓަރު މިހާރު ލިބި އޭގެއިން ޚިދުމަތް ދަނީ ލިބެމުން. ތެލަސީމިއާ ހޮސްޕިޓަލް އަޅަނީ މިއާ ގުޅިގެނެއް ނޫން. އެއީ މާކުރިންވެސް ރައީސްގެ ނިންމެވުމެއް. މިވަގުތު ހަދާ އިމަރާތަކީ ވަގުތީ ތަނެއް." ސިއްޙީ ވަޒީރު ނާޒިމް އިބްރާޙިމް ވިދާޅުވިއެވެ.

ތެލަސީމިއާ ފަރުވާ ފުޅާކުރުމަށް، ބައެއްކަހަލަ އިތުރު ޓެސްޓުތައް ރާއްޖެއިން ހެދޭނެ އިންތިޒާމް ހަމަޖެއްސުމާއި އަދި ކޮންމެ އަހަރަކު 10 ކުދިންނަށް ބޯންމެރޯ ހެދުމުގެ ފުރުޞަތު ދިނުމަށްވެސް ސަރުކާރުން ނިންމަވާ، އެކަންކަމަށް ވަނީ ޢަމަލުކުރަން ފަށާފައެވެ.
ރާއްޖޭގައި ތެލަސީމިއާއަށް ފަރުވާހޯދާ 650އެއްހާ މީހުން އެބަތިއްބެވެ.