ސްޕެއިނުގް ރެއާލް މެޑްރިޑުން އަނެއްކާވެސް ސްޕެނިޝް ލީގު ދެކެ ރުޅިއަތުވެއްޖެއެވެ.
ރެއާލް މި ފަހަރު ރުޅިއައީ ސްޕެނިޝް ލީގުގައި މިރޭ ޑިޕޯޓިވޯ އަލަވެޒްއާ ދެކޮޅަށް ކުޅެން އޮތް މެޗު ބަދަލުކޮށްނުދީގެންނެވެ. މިރޭ އިރާކޮޅު ކުޅެން އޮތް މެޗު ރެއާލް ބޭނުންވީ އިއްޔެގެ ވަގުތެއްގައި ކުޅުމަށެވެ. ސަބަބަކީ އަންނަ ބުދަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގައި އިނގިރޭސިވިލާތުގެ އާސެނަލްއާ ދެކޮޅަށް ކުޅެން ޖެހޭ މެޗަށް ތައްޔާރުވުމަށް އިތުރު ވަގުތު ހޯދުމެވެ.
އާސެނަލްގެ ދަނޑުގައި ހުސްވި ހަފުތާގައި މި ދެ ޓީމު ކުޅެގެން ރެއާލް ވަނީ 3-0އިން ބަލިވެފަ އެވެ. މިހެންވެ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމަށް ސެމީ ފައިނަލަށް ދެވެން އޮތީ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ ތިން ލަނޑަށްވުރެ ބޮޑު ފަރަގަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
މި މެޗަށް ތައްޔާރުވުމަށް ގިނަ ވަގުތު ހޯދުމަށްޓަކައި ރެއާލްއިން އެންމެ ފުރަތަމަ ވާހަކަ ދެއްކީ އަލަވެޒްއާ އެވެ. އެކުލަބުން ބުނީ މެޗު ހޮނިހިރު ދުވަހު ކުޅުމާމެދު މައްސަލައެއްނެތް ކަމަށެވެ. އަލަވެޒް އެއްބަސްވުމުން މެޗު ހޮނިހިރަށް ބަދަލުކޮށްދޭން ރެއާލްއިން ސްޕެނިޝް ލީގުގައި އެދުނެވެ. ނަމަވެސް އެ ލީގުން ނިންމީ ރެއާލްއިން އެދުނީ އެފަދަ ކަމެއް ކޮށްދެވޭ ވަރަށްވުރެ ފަހުން ކަމަށެވެ. މިހެންވެ މެޗުގެ ވަގުތަށް ބަދަލު ނުގެނެވޭނެ ކަމަށެވެ.
ރެއާލް މެޑްރިޑް ވަނީ މިކަމާ ސްޕެނިޝް ލީގު ދެކެ ވަރަށް ބޮޑަށް ރުޅިއައިސްފަ އެވެ. މީގެ އެއް ސަބަބަކީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް މެޗުގެ ކުރިން އިނގިރޭސި ޕްރެމިއާ ލީގުގައި އާސެނަލް ކުޅެންޖެހޭ މެޗު ހޮނިހިރު ދުވަހު ކުޅެފައިވުމެވެ. މިހެންވެ ރެއާލް އަށް ވުރެ އާސެނަލް އަށް މެޗާ ދެމެދު ލިބޭ ހުސްވަގުތު ތަންކޮޅެއް ގިނަވާނެ އެވެ.
އާސެނަލް އަތުން ފުރަތަމަ ލެގުގައި 3-0އިން ބަލިވި ނަމަވެސް ރެއާލްގެ ކުޅުންތެރިން ބުނަނީ މި ނަތީޖާ ބަޔަކަށް އަނބުރާލެވޭނެނަމަ އެބަޔަކަށްވާނީ އެމީހުން ކަމަށެވެ. އަދި މިފަދަ ތަފާތު ބޮޑު ނަތީޖާއެއް އަނބުރާލެވޭނެ ތަނަކީ ވެސް ރެއާލް މެޑްރިޑްގެ ސެންތިއާގޯ ބާނަބައު ސްޓޭޑިއަމް ކަމަށެވެ.