ޚަބަރު

ފެނަކައިގެ ކުރީގެ އެމްޑީއާއި އޭރުގެ ޗީފް އެކައުންޓެންޓަށް ދަޢުވާކުރަން ފޮނުވައިފި


  • އައިސް ޕްލާންޓު ގަނެފައިވަނީ ނުއަގުގައި ކުންފުންޏަށް ގެއްލުންވާ ގޮތަށް

  • ކުންފުނީގެ ބޯޑަށް ސަޢީދު ދޮގު މައުލޫމާތު ދީފައިވޭ

  • އައިސް ޕްލާންޓު އަގުކުރީ ވިއްކި ފަރާތުން ހުށަހެޅި އަގަށް ބަލާފައި

ކުންފުނީގެ ބޯޑަށް ދޮގު މަޢުލޫމާތު ދީ ފެނަކަ ކުންފުނިން އައިސް ޕްލާންޓެއް ގަތް މައްސަލައިގައި އެކުންފުނީގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދާއި އޭރުގެ ޗީފް އެކައުންޓެންޓް މުޙައްމަދު މަސްޢޫދުގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ސައީދުއާއި މަސްޢޫދުގެ މައްޗަށް ދަޢުވާކުރުމަށް ފޮނުއްވީ ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް ފެނަކަ ކޯޕަރޭޝަނަށް ގަތުމުގައި ކުންފުނީގެ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލަ އޭސީސީން ތަހުޤީޤުކުރުމަށްފަހުއެވެ.

މިއައިސްޕްލާންޓު ފެނަކައަށް ގަނެފައިވަނީ އެރަށުގައި އައިސްޕްލާންޓެއް އެޅުމަށް މިފްކޯއާއި ފިޝަރީޒް މިނިސްޓްރީ ދެމެދު އެއްބަސްވެފައިވަނިކޮށެވެ. ފެނަކައިގެ އޭރުގެ ބޯޑުން އައިސް ޕްލާންޓު ގަތުމަށް ނިންމީ 2023 ވަނަ އަހަރު ބޭއްވި ބޯޑުގެ 18 ވަނަ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި، އައިސް ޕްލާންޓް ގަތުމަށް ނިންމާފައިވަނީ އެ ޕްރޮޖެކްޓަކީ ކުންފުންޏަށް ގެއްލުންހުރި، "އިންޓަރނަލް ރޭޓް އޮފް ރިޓާން" އަދި "ނެޓް ޕްރެޒެންޓް ވެލިއު" ވަރަށް ބޮޑަށް ނެގެޓިވް ކަމަށް ފާހަގަކޮށްފައިވާ ގެއްލުންހުރި ޕްރޮޖެކްޓެއްކަން އެނގިހުރެ ކުރީގެ މެނޭޖިންގް ޑިރެކްޓަރ ބޯޑަށް ދޮގު މަޢުލޫމާތު ދީގެން ކަމަށް އޭސީސީން ވިދާޅުވެއެވެ. އަދި ފެނަކައިން ކައިޒާން އިންވެސްޓްމެންޓުގެ އައިސް ޕްލާންޓު ގަތުމުން ސަރުކާރުން މާމެންދޫގައި އަޅާ އައިސް ޕްލާންޓުގެ ސިޔާސަތު ބަދަލުވާނެ ކަމަށްބުނެ ކުންފުނީގެ ބޯޑަށް ސައީދު ދޮގު މައުލޫމާތު ދެއްވި ކަމަށް އޭސީސީން ވިދާޅުވިއެވެ.

އޭސީސީން ވިދާޅުވީ އައިސްޕްލާންޓްގެ ވެލުއޭޝަންގެ ގޮތުގައި ކުންފުނީގެ ކުރީގެ ޗީފް އެކައުންޓެންޓް މުޙައްމަދު މަސްޢޫދު ހުށަހަޅާފައިވާ އަގަކީ މާކެޓް ވެލިއުއަށްވުރެ މަތީ އަގެއްކަން ތަޙްޤީޤަށް ހާމަވެފައިވާކަމަށެވެ. އަދި އައިސްޕްލާންޓް ފަދަ ތަކެތީގެ ވެލުއޭޝަން ހެދުމުގެ ޤާބިލްކަން ފެނަކައިގައި ހުރި ނަމަވެސް، މާކެޓް ވެލިއު ހޯދުމުގެ މަސައްކަތް ނުކޮށް، އައިސްޕްލާންޓް ވިއްކި ފަރާތުން ހުށަހެޅި އަގުތައް ބޭނުންކޮށްގެން ވެލުއޭޝަން ތައްޔާރުކޮށް އޮޅުވާލާފައިވާކަން ފާހަގަކުރެވޭކަމަށްވެސް އޭސީސީން ވިދާޅުވެއެވެ.

ސައީދުއާއި މަސްއޫދުގެ މައްޗަށް ދެ ކުށަކަށް ދަޢުވާ ކޮށްދިނުމަށް އޭސީސީންވަނީ ހުށަހަޅާފައެވެ. އެއީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއާއި، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި ދައުލަތަށް ފައިދާ ނުލިބޭގޮތަށް ޢަމަލުކުރުން ނުވަތަ ދައުލަތަށް ލިބެން އޮތް ފައިދާއަކަށް އުނިކަމެއް ލިބޭގޮތަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާއެވެ.

މިސަރުކާރުން ވެރިކަމާ ހަވާލުވިއިރު ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑަށް ދަރަނިވެރިވެފައި އޮތް އެއް ކުންފުންޏަކީ ފެނަކަ ކޯޕަރޭޝަނެވެ.