ޚަބަރު

އަހަރުގެ މިހާތަނަށް ރާއްޖެއަށް 7 ލައްކައަށްވުރެ ގިނަ ފަތުރުވެރިން


  • މިމަހުގެ 13ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 723،376 ފަތުރުވެރިން ޒިޔާރަތްކުރި

  • އެންމެ ގިނަ ފަތުރުވެރިން ޒިޔާރްކުރީ ޗައިނާއިން

އަހަރުގެ މިހާތަނަށް ރާއްޖެއަށް 7 ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަން ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %6 އިތުރު އަދަދެކެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 7000 އަށްވުރެ ގިނަ ފަތުރުވެރިން ދަނީ ޒިޔާރާތްކުރަމުންނެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 13ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 723،376 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 682،264 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ %6 އިތުރުވުމެކެވެ.

މިމަހުގެ މިހާތަނަށް ރާއްޖެއަށް 90،958 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %16.2 އިތުރުއަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 78،260 ފަތުރުވެރިންނެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކުރާ 5 ޤައުމު:

* ޗައިނާ - 80،190 ފަތުރުވެރިން
* އިންގިރޭސިވިލާތު - 79،128 ފަތުރުވެރިން
* ރަޝިއާ - 75،402 ފަތުރުވެރިން
* އިޓަލީވިލާތު - 63،177 ފަތުރުވެރިން
* ޖަރުމަންވިލާތު - 54،275 ފަތުރުވެރިން

ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެއީ %69.9 މީހުންނެވެ. ގެސްޓްހައުސްތަކުގައި %24.5 މީހުން، ހޮޓެލްތަކުގައި %3 އަދި ސަފާރީތަކުގައި %2.5 މީހުން ޗުއްޓީހޭދަކޮށްފައިވާކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިއަހަރުގެ ފުރަތަމަ 2 މަސްދުވަހުވެސް ރާއްޖެއަށް ވަނީ 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ.

މި އަމާޒު ހާސިލްކުރުމަށް ދިވެހިރާއްޖެއަކީ ލަގްޒަރީ ބްރޭންޑެއްގެ ގޮތުގައި ޕްރޮމޯޓްކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އެމްއެމްޕީއާރުސީއިން ދަނީ ގިނަ މަސައްކަތްތަކެއްކުރަމުންނެވެ. އެގޮތުން މަޝްހޫރު ފުޓްބޯޅަ ކްލަބްތަކާއި، ކްރިކެޓް ޓީމްތަކުގެ އިތުރުން މަޝްހޫރު މީހުން ބޭނުންކޮށްގެން ރާއްޖެ އިޝްތިހާރުކުރުމަށް ތަފާތު އެކި ހަރަކާތްތައް ދަނީ ކުރިއަށްގެންދަވަމުންނެވެ.