ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެވަނަ ލެގުގައި އާސެނަލްގެ ޖޯޖީނިއޯއަށް ނުކުޅެވޭނެ ކަމަށް އެ ކުލަބުން ބުނެފިއެވެ.
ރެއާލް މެޑްރިޑާއި ދެކޮޅަށް މާދަމާ ރޭ އާސެނަލް ރަށުން ބޭރުގައި ނިކުންނައިރު އެ ޓީމުން ވަނީ ފުރަތަމަ ލެގު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފަ އެވެ.
އިޓަލީއަށް އުފަން އުމުރުން 33 އަހަރުގެ ޖޯޖީނިއޯއަށް އަނިޔާ ވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި ބްރެންޓްފޯޑް އާއި ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ބްރެންޓްފޯޑް އާއި ދެކޮޅަށް ކުޅުނު މި މެޗު 1-1 ގެ ނަތީޖާއަކުން ވަނީ އެއްވަރުވެފަ އެވެ.
ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އާއި ދެކޮޅަށް ނިކުންނައިރު އާސެނަލްގެ މިޑްފީލްޑަރ ތޯމަސް ޕާޓޭއަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާއަށްވެސް މި މެޗުގައި ނުކުޅެވިދާނެކަމަށް ވަނީ ބެލެވިފަ އެވެ.
ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާގެ ސީރިއަސްކަން އަދި އެ ކްލަބުން ހާމަކޮށްފައިނުވި ނަމަވެސް ބްރެންޓްފޯޑް އާއި ދެކޮޅަށް ކުޅުނު މެޗުގައި އޭނާވެސް ވަނީ ބަދަލުކޮށްފަ އެވެ.
މި ސީޒަނުގައި އާސެނަލް ނިކުންނަ އެންމެ މުހިންމު މެޗަށް މާދަމާ ރޭ އެ ޓީމު ނިކުންނައިރު ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ކުޅޭ މެޗުތަކުގައި ރެއާލް މެޑްރިޑް އިން ވަނީ ރަގަޅު ނަތީޖާތަކެއް ނެރެފަ އެވެ.
ނަމަވެސް ފަހަކަށް އައިސް ފޯމު ގެއްލިފައިވާ ރެއާލް މެޑްރިޑަށް އާސެނަލް ކޮޅަށް ތިން ލަނޑު ޖެހުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.