ކުޅިވަރު

މ. މުލަކު ފުޓްބޯޅަ ދަނޑު ރަސްމީކޮށް ހުޅުވައިފި


މ. މުލަކު ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމައި ރަސްމީކޮށް ހުޅުވައިފިއެވެ. މި ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.

މިކަމާ ގުޅޭގޮތުން "ޕީއެސްއެމް ނިއުސް" އަށް މައުލޫމާތުދެއްވަމުން މ. މުލަކު ކައުންސިލުގެ ރައީސް އަޙްމަދު ޖަމާލް ވިދާޅުވީ ރަށުގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ފެށިފައިވަނީ ގާތްގަނޑަކަށް މީގެ ތިންވަރަކަށް އަހަރު ކުރިން ކަމަށެވެ. އޭރު ކުރެވުނު މަސައްކަތުން ފުޓްބޯޅަ ދަނޑުގެ ސަބްބޭސްގެ މަސައްކަތް ނިމުނު ނަމަވެސް، ވާރޭވެހޭ ދުވަސްވަރެއްނަމަ ދަނޑުގައި ފެންބޮޑުވެ އެކިވަރުގެ ގެއްލުންތަކާ ކުރިމަތިވެ، ދަނޑު ބޭނުންކުރުމުގައި ގިނަ ގޮންޖެހުންތަކެއް ކަރިމަތިވަމުންދިޔަ ކަމަށް އޭނާ ހާމަކުރެއްވިއެވެ. އެކަމަށް ހައްލެއް ނުލިބި، މަސައްކަތް ދިގުލައިގެން ދިއުމާ ގުޅިގެން، އެކަމުގެ ކަންބޮޑުވުން ރަށުގެ ޒުވާނުން އުފުލަމުން ދިޔަކަމަށްވެސް ވިދާޅުވިއެވެ.

އެއާއެކު ފާއިތުވެ ދިޔަ އަހަރު ކުޅިވަރާ ބެހޭ ވަޒީރު މުލަކަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ރަށުގެ ޒުވާނުން ވަނީ ވަޒީރާއި ބައްދަލުކޮށް އެކަމުގެ ކަންބޮޑުވުން ހުށަހަޅާފައެވެ. މުލަކު ޒުވާނުންގެ ކަންބޮޑުވުން އަޑު އައްސަވައި، ކުޅިވަރާ ބެހޭ ވަޒީރު ވަނީ ދަނޑުގެ މައްސަލަތައް އަވަސް މުސްތަގުބަލެއްގައި ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ރަށުގެ ޒުވާނުންނަށް ދެއްވާފައެވެ. އެގޮތުން އަންގާރަ ދުވަހު ހުޅުވުނު ދަނޑުގައި ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ދަނޑުގެ ސަބްބޭސް އަލުން ރަނގަޅުކުރުމާއި، ކާނުތައް ހެދުމާއި، ޓާފް އެޅުން ހިމެނެއެވެ.

ޖަމާލް ވިދާޅުވީ، މި ހުޅުވުނު އައު ދަނޑަކީ ރަށުގެ ޒުވާނުންގެ ދުވަސްވީ އުންމީދެއް ކަމަށެވެ. އަދި މިއީ ރަށުގެ ކުޅިވަރުގެ ތަރައްގީއަށް ކޮށުނު އައު މަގެއްކަމަށް ފާހަގަކުރައްވަމުން އޭނާވަނީ މި ދަނޑާއެކު ރަށުގެ ޒުވާނުން ކުރިން ފުޓުބޯޅަކުޅުމަށް އުފުލަންޖެހުނު ތަކުލީފަށް ލުޔެއް ލިބިގެން ހިނގައްޖެކަމަށް ވިދާޅުވެފައެވެ.

"ފުޓުބޯޅަ ދަނޑު ހަލާކުވެފަ އޮންނަތާ ތިން ވަރަކަށް އަހަރުވީ. ރަށުގެ ކުދި ބޮޑު އެންމެން އޭރު ބޭނުންކުރަމުން ދިޔައީ ރަށުގެ ފުޓްސަލް ދަނޑު. ދަނޑެއްގެ ދަތިކަން ދިމާވެފަވުމުން ބޮޑެތި މުބާރާތްތަކުގަ ބައިވެރިވުމަށްވެސް ގޮންޖެހުންތަކާ ކުރިމަތިވި" އޭނާ ވިދާޅުވިއެވެ.

މި ހުޅުވުނު ދަނޑާއެކު، މުލަކުގެ ޓީމުތައް ކުރިއަށްހުރި ބޮޑެތި މުބާރާތްތަކުން ފެންނާނެކަމަށް ޖަމާލް ވިދާޅުވިއެވެ. އަދި މިއީ ހުރިހާ ގޮތަކުންވެސް ޒުވާނުންގެ އުންމީދުތަކާ ގުޅިފައިވާ މަސައްކަތެއްކަމަށް އޭނާ ހާމަކުރެއްވިއެވެ.

"ދަނޑެއް ނެތުމުން ގޯލްޑްކަޕުގަވެސް ރަށު ޓީމަށް ވާދައެއް ނުކުރެވުނު. މިރަށަކީވެސް ހުނަރުވެރި ކުޅުންތެރިން ތިބި ރަށެއް. އުންމީދަކީ އަލުން ދަނޑަށް ނުކުމެ ރަށް ތަމްސީލުކޮށް ތަށިތަކެއް ހޯދުން" ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

މުލަކުގައި ގާއިމުކުރެވުނު މި ފުޓްބޯޅަ ދަނޑަކީ ރަށުގެ ކުޅިވަރުގެ ކުރިއެރުމާ، މުލަކަތޮޅުގެ ކުޅިވަރަށް ތަރައްގީކުރެވުނު މުހިންމު ވަސީލަކަށްވާއިރު، ކުޅިވަރުގެ ނުނިމިހުރި މަޝްރޫއުތައް ކުރިއަށް މިއޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން ވައުދުފުޅެކެވެ.