ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެވަނަ ލެގުގައި މިރޭ އާސެނަލް އާއި ރެއާލް މެޑްރިޑް ވާދަކުރުމަށް ކުޑަތަންވެފައިވާއިރު، މި މެޗަކީ ގިނަބައެއްގެ އިންތިޒާރާ ގުޅިފައިވާ މެޗެކެވެ. މިމެޗާ ގުޅިގެން މީޑިއާތަކުންވެސް އެކި ގޮތްގޮތަށް ޚަބަރު ފަތުރަމުން އަންނައިރު، ހަމައެކަނި ރާއްޖެއަށް ބަލާލިކަމަށްވިޔަސް މި ދެ ޓީމަކީ ނިސްބަތުން ސަޕޯޓަރުންގެ އަދަދު ގިނަ ދެ ޓީމެވެ.
މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފައިވަނީ މިރޭގެ މެޗަށް ނުކުންނައިރު އާސެނަލުން ވިސްނާނީ ގޮންޖެހުންތަކެއް ހުރިކަމަށްވިޔަސް އެކަންކަން ގިރާކޮށް، ހުވަފެން ހަގީގަތަކަށް ހެދުމަށް ކަމަށެވެ. އިދިކޮޅު ޓީމަކީ ވަރުގަދަ ޓީމެއްކަން އެނގޭ ކަމަށާއި، އެހެން ނަމަވެސް އާސެނަލުންވެސް ދުލެއް ނުދޭނެކަމަށް އޭނާ ބުނެފަވެއެވެ.
އާޓެޓާގެ ވާހަކައިގަ ވަނީ އެޓީމުގެ 26 އަހަރުގެ މިޑްފީލްޑަރު ޑެކްލަން ރައިސްއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. މިގޮތުން އާސެނަލްގެ ހަމަލާތަށް ވަރުގަދަ ކުރުމުގައި ރައިސް އަދާކުރަމުންދާ ރޯލުގެ އަގުވަޒަންކުރަމުން ކޯޗު ބުނީ ރައިސްގެ ސަބަބުން ޓީމަށް އުންމީދެއް ލިބިފައިވާ ކަމަށެވެ. ދުނިޔޭގެ އެންމެ މޮޅު ޑިފެންސިވް މިޑްފީލްޑަރުންގެ ތެރޭގައި ގުނާލެވޭ ރައިިސްގެ ފަރާތުން ގިނަ ގޯލަތަކެއް މިހާތަނަށް ފެނިގެންގޮސްފައިވާއިރު، އޭނާގެ ހިއްސާއާއެކު ޓީމަށް ޖެހުނު ގޯލުގެ މިންވަރުވެސް އެހާ ގިނައެވެ. ގޯލާ ރައްޓެހި ރައިސްއަށް ތައުރީފުކުރަމުން އާޓެޓާ ބުނީ އޭނާއަކީ ގޯލެއް ޖެހިއްޖެ ނަމަ ދެވަނަ ގޯލެއް ޖެހުމަށްވެސް ހިތްވަރާއެކު މަސައްކަތްކުރާ ކުޅުންތެރިއެއްކަަމަށެވެ.
"އެންމެ ގޯލެއްވެސް ޖެހޭ ހިސާބުން ދެވަނަ ގޯލަކަށް އަމާޒުހިފާނެ. މިހާތަނަށް ރައިސްގެ ކިބައިން ފެނިފަވަނީ ވަރަށް ރީތި ހަމަލާތަކެއް" އާޓެޓާ ބުންޏެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އާސެނަލްގެ ކޯޗު އާޓެޓާވަނީ ސަޕޯޓަރުންނަށްވެސް މެސެޖެއްދީފައެވެ. އެގޮތުން ސަޕޯޓަރުން ޓީމާއެކު ތިބެދިނުމަށް އޭނާވަނީ އެދިފައެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި ބްރެންޓްފަޑާ ބައްދަލުކޮށް 1-1 އިން ދެ ޓީމު އެއްވަރުވިކަން އަދިވެސް ސަޕޯޓަރުންގެ ބޮލުގައި ހަރުލާފައި ހުންނާނެކަން އެނގޭކަން ފާހަގަކުރަމުން އޭނާ ވަނީ ނަތީޖާއަކީ ކޮންމެ ފަދަ ވަގުތަކުވެސް ބަދަލުވެދާނެ އެއްޗެއް ކަމަށް ބުނެފައެވެ. މިގޮތުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި 3-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ބަލިކުރި މެޗަށް އިޝާރާތްކޮށް އާޓެޓާ ބުނީ އެދުވަހު ޓީމުން ދެއްކީ މޮޅުކުޅުމެއްކަމަށް ސަޕޯޓަރުންވެސް އެއްބަސްވާނެކަމަށެވެ.
އާޓެޓާ އިތުރަށް ބުނެފަވަނީ ޓީމާ ގުޅިފަވާ ހިތި ހަނދާންތައް ސަޕޯޓަރުންގެ ސިކުނޑިން ފުހެލާ، އަބަދުވެސް ދެގޮތެއްނުވެ، ޓީމާއެކު ސަޕޯޓަރުން ތިބޭތަން އޭނާ ދެކޭހިތްވާކަމަށެވެ. އަދި ސަޕޯޓަރުންނަކީ ޓީމުގެ ރޫހު ކަމަށާ ސަޕޯޓަރުންގެ އެއްބާރުލުމާއެކު ނޫނީ ކާމިޔާބަށް ވާސިލުވުމަށް ދަތިވާނެކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
"އަހަރުމެންނަށް އެނގޭ ސަޕޯޓަރުންނަކީ ކިހާ މުހިންމު ބައެއްކަން. އެމީހުންގެ އެއްބާރުލުމާއެކު މެނުވީ ކާމިޔާބަށް ވާސިލެއް ނުވެވޭނެ" އާޓެޓާ ބުންޏެވެ.
ރެއާލް މެޑްރިޑަކީ ޔޫރަޕޕުގެ ޗެމްޕިއަންކަން 15 ފަހަރު ހޯދާފައިވާ ޓީމެކެވެ. އެޓީމާ ވާދަކޮށް އާސެނަލުން ހޯދި މޮޅާއެކު ސަޕޯރޓަރުންނަށް އުފާވެރިކަން ގެނުވިއިރު، މިސީޒަނުގެ ޕްރިމިއަރ ލީގުގެ ގަދަ ހަތަރަކުން ޖާގަ ކަށަވަރުވުމާ އާސެނަލް ވަނީ ދާދި ގާތަށް ޖެހިލާފައެވެ. ސްޕެއިނުގެ ވެރިރަށް މެޑްރިޑުގަ މިރެއަށް މި މެޗު ތާވަލުކޮށްފަވާއިރު، މިމެޗު ކުޅޭނީ ރާއްޖެ ގަޑިން މިރޭ މެންދަމު ބާރަ ޖަހާއިރުއެވެ.