ޚަބަރު

ޙައްޖުގެ ތައްޔާރީތަކުގެ ތެރެއިން މިނާ، އަރަފާތު އަދި މުޛްދަލިފާގެ އިންތިޒާމްތައް ކުރިއަށް


  • ކަމާގުޅޭ ފަރާތްތަކާ ޙައްޖު ކޯޕަރޭޝަނުން ވަނީ ބައްދަލުކޮށް މަޝްވަރާކުރައްވާފައި

  • ފޭލިގެތައް މަރާމާތުކޮށް ފިނިކުރުމަށް އިތުރު އޭސީ ދަނީ ބަހައްޓަމުން

ޙައްޖުގެ އިންތިޒާމްތަކުގެ ތެރެއިން މިނާ، އަރަފާތު އަދި މުޛްދަލިފާއާއި ގުޅޭ އިންތިޒާމްތަކުގެ މަސައްކަތް ފަށައިފިއެވެ. ޙައްޖުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން މައްކާގައި ޓީމަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ޙައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ ޝަރީފް ވިދާޅުވީ، ޙައްޖުގެ ކަންކަން ހަމަޖެއްސުމަށް، ޙައްޖުގެ ކަންކަމުގައި ސަޢުދީގެ ރާއްޖޭގެ އެޖެންޓް "ރަވާފް މިނާ"ގެ ސީއީއޯ ޒުހައިރް އަބްދުލްޙަމީދް ސަދާޔޯއާއެކު ބައްދަލުވުންތައް ބާއްވާފައިވާކަމަށެވެ. މިއީ ޙައްޖުގެ މަޝާއިރުތަކާއި ޙައްޖުވެރިން މަޑުކުރާ ތަންތަނުގައި ބޭނުންވާ އިންތިޒާމްތައް ފުރިހަމަކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކުރިއަށްގެންދިޔަ ބައްދަލުކުރެއްވުމެކެވެ.

އަލީ ޝަރީފް ވިދާޅުވީ، މި ބައްދަލުކުރެއްވުމުގައި ޙައްޖުވެރިން މިނާގައި މަޑުކުރާ ޓެންޓްތަކުގެ އިންތިޒާމާއި އަދި އަރަފާތާއި މުޛްދަލިފާގައި މަޑުކުރުމާއި އެމީހުންގެ ކެއިންބުއިމުގެ ކަންކަން އެދުވަސްތަކުގައި ހަމަޖެއްސުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށެވެ.

ޝަރީފް ވިދާޅުވީ މިނާގައި ދިވެހިން މަޑުކުރާ ޓެންޓުތައްވެސް ރަނގަޅު ފެންވަރަކަށް މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން މިނާގެ ފޭލިގެތަކުގައި ފިލާ ޖެހުމާއި، ފޭލިގެތައް އިތުރަށް ފިނިކުރުމަށް އޭސީ ހަރުކުރުންފަދަ މަރާމާތުތައް ދަނީ ކުރަމުންނެވެ.

ޑީއެމްޑީ އަލީ ޝާރީފް ވިދާޅުވީ، މިނާއަކީ އެއްފަހަރާ އެތައް މިލިޔަން ބަޔަކު ޖަމާވާ ބިމަކަށްވާތީ، ދަތިތަކެއްހުރިނަމަވެސް ރާއްޖޭގެއިން މަސައްކަތް ކުރަމުންދަނީ ދިވެހިންނަށް ވީހާވެސް ރަނގަޅު، ލުއި އިންތިޒާމްތަކެއް ހަމަޖައްސައިދިނުމަށްކަމަށެވެ.

"މިހާރު ޓެންޓުތަކުގައި ޖިގްސަން ބޯޑު ޖަހާ މަރާމާތުކޮށް، އަދި އިތުރަށް ފިނުކުރަން އޭސީތައްވެސް ބަހައްޓަން އޭސީ ގެނެސްފައި މިހުރީ. ވަރަށް ގިނަ މީހުން އެއްފަހަރާ ޖަމާވަނީ. ވަރަށް ކުޑަ ޖާގައެއް ލިބެނީ. އެކަމަކު މި މަސައްކަތްކުރަނީ ކުރީއަހަރުތަކަށްވުރެ ރަނގަޅު އިންތިޒާމެއް ހަމަޖެއްސުމަށް." ހައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިނސް ޑިރެކްޓަރ ވިދާޅުވިއެވެ.

މީގެއިތުރުންވެސް ދަތުރުފަތުރުގެ އިންތިޒާމްތަކާއި ހޮޓަލާ ކެއިންބުއިމުގެ އިންތިޒާމްތަކުގެ އިދާރީ މަސައްކަތްތައްވެސް މިހާރު ވަނީ ނިންމާފައެވެ.

ރާއްޖެއަށް ކޮންމެ އަހަރަކުވެސް ލިބެނީ 1000 ޙައްޖު ކޯޓާއެވެ. މިއަހަރު ރާއްޖެއަށް ޙައްޖަށް ފުރާ މީހުން ފުރުމަށް ހަމަޖެހިފަވަނީ މޭމަހުގެ 26، 27، 29 އަދި 30 ވަނަ ދުވަހު ބާއްލާ ފްލައިޓްގައެވެ.