ކުޅިވަރު

ނަތީޖާ އަނބުރާލަން ރެއާލް މެޑްރިޑުގެ ފުރާޅުވެސް ބަންދުކޮށްފި


ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފަހު ލެގުގައި އާސެނަލްއާ ދެކޮޅަށް މިރޭ ރެއާލް މެޑްރިޑް ކުޅޭ މެޗުގައި އެ ކުލަބުގެ ސްޓޭޑިއަމްގެ ފުރާޅު ލައްޕާލަން ނިންމައިފިއެވެ.

މިކަމުގެ ހުއްދަ އަށް ރެއާލް މެޑްރިޑުން އެދުމުން ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާއިން ވެސް މިހާރު ވަނީ މި ހުއްދަދީފަ އެވެ.

ސްޕޭނުގެ ނޫސްތަކުން ބުނަނީ ރެއާލްގެ 1.5 ބިލިއަންގެ އަގުބޮޑު ސްޓޭޑިއަމުގެ ފުރާޅު މިރޭ ލައްޕާލަން ނިންމީ އާސެނަލް އަށް އުނދަގޫކޮށްލަން ކަމަށެވެ. މި ދަނޑުގައި ކުޅިބަން 78000 މީހުންނަށް ތިބެވެ އެވެ. އަދި މިރޭގެ މެޗަށް ރެއާލް މެޑްރިޑުން ވަނީ ހާއްސަ ބެނާ އެއް ވެސް ދަނޑުގައި ދަމާފަ އެވެ. އެނބުރި އަންނާނަން ޖަހާފައިވާ ބެނާގައިވަނީ ރާޒުވާ ބޯޑެއްގައި މީހަކު ސައިކިޔާ މަންޒަރު ކުރަހައިފަ އެވެ. މީގެ މާނަ އަކީ ރެއާލް މެޑްރިޑުން މި މެޗުގެ ނަތީޖާ ބަދަލުކުރާނެ ކަމެވެ.

"ދަނޑުގެ ފުރާޅު ބަންދުކޮށްލީނަމަ ސަޕޯޓަރުންގެ އަޑު އިތުރަށް ބާރުވާނެ. މިއީ ރެއާލްގެ ކުޅުންތެރިންނަށް ލިބޭނެ އިތުރު ހިތްވަރަކަށްވާނެ މިރޭގެ މެޗު ކާމިޔާބު ކުރަން. އެމީހުން ވަނީ މިކަން މީގެ ކުރިން ވެސް ކޮށްފައި،" ސްޕޭނުގެ ނޫސްތަކުން ބުނެފައިވެ އެވެ.

ހުސްވި ސީޒަނުގައި ޖަރުމަނުގެ ބަޔާން މިއުނިކް ބަލިކޮށް ރެއާލް ފައިނަލަށް ދިޔައީ ވެސް ސްޓޭޑިއަމް ބަންދުކޮށްގެން ކުޅެގެންނެވެ. އަދި އޭގެ ކުރީ ސީޒަނުގައި މެންޗެސްޓާ ސިޓީއާއެކު 3-3އިން އެއްވަރުވީ ވެސް ފުރާޅު ބަންދުކޮށްގެން ކުޅެގެންނެވެ.

ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ރެއާލް އަށް މިރޭގެ މެޗު ހަތަރު ލަނޑުގެ ތަފާތަކުން މޮޅުވާން މަޖުބޫރެވެ. އެއީ އާސެނަލްގެ ދަނޑުގައި ހުސްވި ހަފުތާގައި 3-0އިން ރެއާލް ބަލިވެފައިވާތީ އެވެ.

އެ ޓީމުގެ ކުޅުންތެރިންނާއި ކޯޗު ކާލޯ އެންޗެލޯޓީ ވެސް ބުނަމުންދަނީ ތިން ލަނޑުން ބަލިވިޔަސް ރެއާލް އަށް މިރޭގެ މެޗުގައި ނަތީޖާ އަނބުރާލެވިދާނެ ކަމަށެވެ. އަދި މި ފަދަ ބޮޑު ފަރަގެއް ބަޔަކަށް އަނބުރާލެވޭނެނަމަ އެ ބަޔަކީ ވެސް ރެއާލް މެޑްރިޑް ކަމަށެވެ. ހާއްސަކޮށް އެ ޓީމުގެ ދަނޑުގައި މިކަން ކުރަން މާ ފަސޭހަވާނެ ކަމަށް ވެސް އެ ކުލަބުގެ އެހާރާއި މިހާރުގެ ކުޅުންތެރިން ވެސް ދަނީ ބުނަމުންނެވެ.