ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ބިންތަކުގައިވެސް ދެވޭގޮތައް ހެދުމަކީ ސަރުކާރުގެ ވިސްނުމެއްކަމަށް ބިނާރާ، ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަޝްރޫއު ނިންމައި އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ އަދި ތިންވަނަ ފިޔަވަހިން މާލޭގެ ރައްޔިތުންނަށް ދެހާހަށްވުރެ ގިނަ ގޯތި ދޫކޮށްފައިވާ ކަމަށެވެ. އަދި މިހާރު އެ ބިންތަކަކީ ހަމައެކަނި ދިރިއުޅުމަށް ބޭނުންކުރެވޭ ގޮތަށް ހުރި ބިންތަކެއް ނަމަވެސް، އެ ތަންތަނުގައި ޕްރައިވެޓް ސެކްޓަރުން އިންވެސްޓުކޮށްގެން ޚިދުމަތްތައް ދެވޭނެ މަގު ފަހިކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، މާލޭގައިވެސް އަމިއްލަ ބިންތަކުގައި މިފަދަ ޚިދުމަތްތައް ދެވޭއިރު، ހުޅުމާލޭގައިވެސް އެ ފުރުޞަތު އޮންނަންޖެހޭނެ ކަމަށެވެ. އަދި މީގެ ސަބަބުން ބިން ލިބިފައިވާ ފަރާތްތަކަށް ފައިދާވުމުގެ އިތުރުން، ހުޅުމާލޭގެ އިޤްތިޞާދު ތަނަވަސްވެ، އާ ވަޒީފާތަކާއި ވިޔަފާރިތައް އުފެދިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"މިވަގުތު، މި ދަންނަވާ ގޮތަށް ޕްރައިވެޓް ހޮސްޕިޓަލެއް އަޅަން ފޭސް ދޭއް ބަޔަކު ބޭނުންވިކަމުގައި ވީނަމަވެސް، އެކަމެއް ކުރަން މި ޖެހެނީ އެޗްޑީސީން ބިމެއް ދެވިއްޖެ ކަމުގައި ވާނަމަ، އެހެންނަމަވެސް، އާއްމު ރައްޔިތުންނަށް ދޫކޮށްފައި މިހިރަ، ދެހާހަށްވުރެ ގިނަ ގޯތިތަކުގެ ތެރޭގައި މި ދެންނެވި ޚިދުމަތްތައް ދިނުމުގެ ފުރުޞަތު ފަހިކުރެވެންޖެހޭ. އެހެންކަމުން، އިރާދަކުރެއްވިއްޔާ ސަރުކާރުން މަސައްކަތްކުރާނީ ހުޅުމާލޭގައި ހުރި ބިންތަކުން ރައްޔިތުންނަށް ފަސޭހަކަމާއި ލުއިކަމާ ތަނަވަސްކަން ލިބޭނެ ގޮތަށް އެ ބިންތައް އެކަށީގެންވާ ގޮތަށް ބޭނުންކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދެވޭތޯ." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މިކަމަށް މަގުފަހިކުރުމަށްޓަކައި ސަރުކާރުން ޕްރައިވެޓް ސެކްޓަރާ ގުޅިގެން ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތްތައް ކުރާނެ ކަަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުންގެންދަނީ، މި ތަނުގައި ހުރި ތޮށްޖެހުމާއި، މި ތަނުގައި ހުރި ބިން މަދުކަމާއި، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް މަދުކަމާއެކުވެސް އެ ޚިދުމަތްތައް ގެނެވޭނެ މަގު ތަނަވަސްކުރުމަށް ކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ހިޔާ ޓަވަރުތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ ގިނަ އަދަދެއްގެ އާއިލާތަކުން ދެ ކޮޓަރީގެ ފްލެޓުތަކަށް ބަދަލުވެފައިވީ ނަމަވެސް، ދިރިއުޅުމުގެ ހާލަތު ބަދަލުވެ ދަރިން ގިނަވުމުން އެހެން ތަނަކަށް ބަދަލުވުމުގެ ފުރުޞަތު މިވަގުތު ތަނަވަސްވެފައި ނެތުން ކަމަށެވެ. އަދި މި ވަގުތު ވަކި ޚާއްޞަ ޙައްލުތަކެއް އިޢުލާނު ނުކުރެއްވި ނަމަވެސް، ހިޔާ ފްލެޓްތަކުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ސަރުކާރުން ބަލައިގަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ކުރިއަށްއޮތްތާގަ ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރާނީ މިހާރު ފްލެޓުތަކުގައި އުޅޭ ފަރާތްތަކުގެ ދިރިއުޅުންވެސް އިތުރު ހަރުފަތަކަށް ގެންދިއުމަށް ފުރުޞަތު ފަހިވާނެފަދަ ގޮތްތަކަށް ކަމަށެވެ. އަދި އެ ފަރާތްތަކަށް އެއަށްވުރެ ރަނގަޅު، ފަސޭހަ އަދި ތަނަވަސް ދިރިއުޅުމަކަށް ބަދަލުވުމުގެ ފުރުޞަތު ހޯދައިދިނުމަށް ސަރުކާރުން މެދުނުކެނޑި މަސައްކަތް ކުރަމުންދާކަމުގެ ޔަގީންކަންވެސް ބިނާރާ، ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ދެއްވިއެވެ.