ރާއްޖެ އާއި ޕަލާއުއާ ދެމެދު، ޕްރައިވެޓް ސެކްޓަރގައި ގުޅިގެން މަސައްކަތްކުރުމުގެ ފުރުސަތުތައް ވަރަށް ގިނަކަމަށާއި، އެ ފުރުސަތުތަކުގެ ބޭނުން ފުރިހަމައަށް ކުރަންޖެހޭކަމަށް، ޕަލާއުގެ މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ކަލްޗަރ، ޓޫރިޒަމް އެންޑް ޑިވެލޮޕްމަންޓް، ޏިގިރައިބެލަސް ތުމެތުޗުލް ވިދާޅުވެއްޖެއެވެ.
ޕަލާއުގެ މިނިސްޓަރ ވިދާޅުވީ ނިމިދިޔަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ވިޔަފާރިއާއި އިގުތިޞާދާ ބެހޭ ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމަކީ، ދިވެހިރާއްޖެއާއި ޕަލާއު ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް ލިބުނު ވަރަށް މުހިންމު ފުރުސަތެއް ކަމަށެވެ. މިފަދަ ގުޅުންތަކަކީ ރަށްތައް ތަރައްގީކުރުމުގައި ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި ދައުރެއް އަދާކުރާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
މިފޯރަމަކީ ސަރުކާރުތަކާއި، އަމިއްލަ ސެކްޓަރު އަދި މަދަނީ ޖަމްޢިޔާތަކަށް ވެސް ގުޅުން ބަދަހިކުރުމަށް ލިބުނު ވަރަށް މުހިންމު މާހައުލެއްކަމަށް އޭނާ ވިދާޅުވިއެވެ. މިފޯރަމްގެ ސަބަބުން އެކި ފަރާތްތަކާ ބައްދަލުވެ، ވިޔަފާރީގެ ގުޅުންތައް އާލާކުރުމުގެ ފުރުސަތު ލިބޭކަމަށް ޕަލާއުގެ މިނިސްޓަރ ވިދާޅުވިއެވެ. އަދި ޕްރައިވެޓް ސެކްޓަރުގެ ބައިވެރިވުމާ ނުލައި އެއްވެސް ކަމެއް ނުކުރެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.
އެހެންކަމުން، މިފަދަ ފޯރަމެއްގެ ތެރެއިން ވިޔަފާރިތަކާއި ސަރުކާރުތަކާ ބައްދަލުވެ، މަޝްވަރާކުރުމުގެ ފުރުސަތު ލިބުމަކީ އައު އިންވެސްޓްމަންޓްތަކަށް މަގުފަހިވެ، ސަރުކާރުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރުވާނެ ކަމެއްކަމަށްވެސް ޕަލާއުގެ މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖެ އާއި ޕަލާއުއަށް ޕްރައިވެޓް ސެކްޓަރ މެދުވެރިކޮށް ކާމިޔާބުކަމާ އެކު މަސައްކަތްކުރެވޭނެކަން ފާހަގަކުރައްވައި ޕަލާއުގެ މިނިސްޓަރ ޏިގިރައިބެލަސް ވިދާޅުވީ، ފޯ ސީޒަންސް ރިސޯޓާ ގުޅިގެން އެ ޤައުމުގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫޢަކީ އޭގެ ރަނގަޅު މިސާލެއްކަމަށެވެ. ރާއްޖޭގައި ހިންގަމުން އަންނަ ފޯ ސީޒަންސް އިން މިހާރު ވަނީ ޕަލާއުގައި ރިސޯޓެއް ތަރައްގީކުރަން ފަށާފައި ކަމަށާއި، މިއީ އަމިއްލަ ފަރާތްތަކާ ގުޅިގެން ކުރިއަށްދާ މަސައްކަތުގެ ވަރަށް ފުރިހަމަ މިސާލެއްކަމަށް އޭނާ ވިދާޅުވިއެވެ.
"މި ގުޅުމުގެ ސަބަބުން ދިވެހި ސަރުކާރާއެކު އޮންނަ ގުޅުން އިތުރަށް ވަނީ ބަދަހިވެފައި. މި އެއްބަސްވުމުގެ ދަށުން، ޕަލާއުގެ ދަރިވަރުންނާއި ތަމްރީނު ހޯދާ ފަރާތްތަކަށް ރާއްޖެ އައިސް، ޚާއްސަކޮށް ފޯ ސީޒަންސް ރިސޯޓުގައި މަސައްކަތް ދަސްކުރުމުގެ ފުރުސަތު ދިވެހި ސަރުކާރުން ވަނީ ފަހިކޮށްދީފައި. މީގެ ސަބަބުން އެ ފަރާތްތަކަށް ލިބޭ ހުނަރާއި ތަޖުރިބާގެ ބޭނުން ހިފައި، ފަލާއުގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް މަގުފަހިވެގެންދާނެ". ޕަލާއުގެ މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ކަލްޗަރ، ޓޫރިޒަމް އެންޑް ޑިވެލޮޕްމަންޓް ވިދާޅުވިއެވެ.
މީގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުމާ ގުޅޭގޮތުން ސިޑްސް ބިޒްނަސް ފޯރަމްގެ ތެރެއިން މުހިންމު މަސައްކަތްތަކެއް ކުރެވުނުކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން، ސަރުކާރުގެ ފެންވަރުގައި ނޫން ނަމަވެސް، އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި އާ ހިޔާލުތައް ބަދަލުކުރުމަށް މުހިންމު މަސައްކަތްތަކެއް ކޮށްފައ އަޅުގަނޑު ދެކޭގޮތުގައި ގިނަ ފަހަރަށް އެންމެންވެސް މަސައްކަތް ކުރަނީ ވަކިވަކިން، އެ ބަޔަކު އަމިއްލައަށް ތަރައްގީކުރާ ކަންކަމަށް އެކަނި ސަމާލުކަން ދީގެންކަމަށް އޭނާ ވިދާޅުވިއެވެ.
"މިހާރުގެ ޓެކްނޮލޮޖީގެ އެހީގައި، އެއް ތަނަކަށް ޖަމާނުވި ކަމުގައިވިޔަސް، ކުދި ޖަޒީރާ ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރުކުރެވިދާނެކަން އަޅުގަނޑަށް އެނގިއްޖެ. އެހެންކަމުން، މި ފޯރަމްގެ ތެރެއިން ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން" .ޕަލާއުގެ މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ކަލްޗަރ، ޓޫރިޒަމް އެންޑް ޑިވެލޮޕްމަންޓް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކުރިއަށް އޮތް ފޯރަމްތަކުގައި ސަރުކާރުތަކާއި ވިޔަފާރިތަކުން ގުޅިގެން މަސައްކަތްކޮށް، އިތުރު ވިޔަފާރިތަކާއި ސަރުކާރުތަކަށް ދައުވަތު ދޭނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ. އަދި އުއްމީދަކީ މި ފޯރަމްގެ ތެރެއިން އުފެދޭ ގުޅުންތަކާއި އެއްބާރުލުމުގެ ސަބަބުން މުސްތަގުބަލު އިތުރަށް އުޖާލާވުންކަމަށްވެސް ވިދާޅުވިއެވެ.
30 އަށްވުރެ ގިނަ ޤައުމުން ބައިވެރިވި ކުދި ޖަޒީރާ ޤައުމުތަކުގެ ވިޔަފާރިއާއި އިގުތިޞާދާ ބެހޭ ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، ވިޔަފާރިވެރިންގެ ޖަމްޢިއްޔާތަކާއި، އިންވެސްޓަރުންނާއި، މަދަނީ ޖަމްޢިއްޔާތަކާއި، ޢިލްމީ އަދި ދިރާސާކުރާ ފަރާތްކުގެ ޙިއްސާއާއެކު ބޭއްވި ފޯރަމެކެވެ. ޖުމްލަ 200 އަށްވުރެ ގިނަ ބައިވެރިން ހިމެނޭ މި ފޯރަމްގައި 5 ޕެނަލްއަކާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ މާކެޓްޕްލޭސްއަކާއި، އިންވެސްޓްމަންޓު ޝޯކޭސްތަކެއްގެ އިތުރުން ނެޓްވޯކިން ފުރުޞަތުތައް ކުރިއަށްގެންގޮސްފައިވެއެވެ.