ޚަބަރު

ދުނިޔޭގެ ބާޒާރުގައި ތެލުގެ ދެބައިކުޅައެއްބައި އަންނަނީ ހަނގުރާމައިގެ މައިދާންތަކުން


ނިރުބަވެރި ޞިހްޔޫނީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމަ ހަ ވަނަ މަހަކަށް ދެމިގެންގޮސްފައިވާއިރު، ދުނިޔޭގައި ބޭނުންކުރާ ތެލުގެ ސަޕްލައިގެ ދެބައިކުޅައެއްބައި މި ވަގުތު ފޯރުކޮށްދެމުން ދަނީ ހަނގުރާމަ ހިނގަމުންދާ ސަރަޙައްދުތަކުން ކަމުގައި ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ. މި އަހަރުގެ ތެރޭގައި ދުނިޔޭގެ ބާޒާރަށް ނެރެފައިވާ ތެލުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި އެކްސްޕޯޓު ކޮށްފައި ވަނީ ހަމަނުޖެހުންތަކާއި ހަނގުރާމައިގެ އަސަރު ކުރަމުންދާ ޤައުމުތަކުން ކަން ހާމަވެފައި ވަނީ ރޮއިޓަރސްއިން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކުންނެވެ. މިއީ، ތާރީޚުގައި ވެސް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ތެލުގެ ކާރިސާގެ ގޮތުގައި މަސްރަޙުގެ ދާރިސުން ސިފަކުރެއެވެ. އަދި، މި ކާރިސާ ނިމުމަކަށް އަންނާނެ ދުވަހެއް އަދިވެސް ފެންނަން ނެތް ކަމުގައި އެ ފަރާތްތަކުން ބުނެއެވެ.

ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އެ ދެ ޤައުމުގެ އިތުރުން އެ ސަރަޙައްދުގައި އޮތް ކަޒަކިސްތާނުން ވެސް ވަނީ ތެޔޮ އުފައްދާ އަދި ސާފުކުރާ މިންވަރު މަދުކޮށްފައެވެ. މީގެ އިތުރުން، ލީބިޔާގެ ހަމަނުޖެހުންތަކާއި، ވެނެޒުއެލާއިން ތެޔޮ އެކްސްޕޯޓު ކުރުމަށް އެމެރިކާއިން ހުރަސްއެޅުމާއެކު، މި މައްސަލަ ވަނީ އިތުރަށް ގޯސްވެފައެވެ. މި ޤައުމުތަކުން 2025 ވަނަ އަހަރު ދުވާލަކު ގާތްގަނޑަކަށް 45 މިލިޔަން ފީފާގެ ތެޔޮ ބާޒާރަށް ނެރެފައިވެއެވެ. މިއީ، ދުނިޔޭގެ ޖުމުލަ ސަޕްލައިގެ %43 އަށްވުރެ މަތީ ޢަދަދެކެވެ. މޫސުން ގޯސްވުމުގެ ސަބަބުން އެމެރިކާގެ ތެލުގެ ސަޕްލައިއަށް ވެސް ބުރޫއަރާފައިވެއެވެ.

އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ހަނގުރާމައާއެކު، ގަލްފުގެ ޤައުމުތަކުން ދުވާލަކު ދުނިޔޭގެ ބާޒާރަށް ނެރެމުންދިޔަ 5 މިލިޔަނާއި 7 މިލިޔަން ފީފާއާ ދެމެދުގެ ޢަދަދެއްގެ ތެޔޮ އެކްސްޕޯޓު ކުރުމަށް ވަނީ ހުރަސްއެޅިފައެވެ. ހަނގުރާމައާ ގުޅިގެން ހުރްމުޒް ކަނޑުއޮޅި ބަންދުވުމާއެކު، ސަޢޫދީ ޢަރަބިއްޔާއިން ވެސް ވަނީ ހުރްމުޒްގެ ބަދަލުގައި ތެޔޮ އެކްސްޕޯޓު ކުރުން ރަތް ކަނޑަށް ބަދަލުކޮށްފައެވެ. ނަމަވެސް، ޖުލައި މަހު ރަތް ކަނޑާއި މިޞްރުގެ ސުވަޔިސް ކޯރު ކައިރިން ދިން ހަމަލާތަކަކާ ގުޅިގެން އެ ކަމަށް ވެސް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. އަދި، މި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގައި ތެޔޮ ސާފުކުރާ މިންވަރުގެ ދިހަބައިކުޅައެއްބައި ދަށްވެފައިވާ ކަން ރޮއިޓަރސްއިން ޝާއިޢުކޮށްފައިވާ ތަފާސްހިސާބުތަކުން ހާމަވެއެވެ. މި ބަދަލުގެ އެއް ސަބަބަކީ، ރަޝިއާގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް އަމާޒުކޮށް ޔޫކްރެއިނުން ދެމުންދާ ހަމަލާތައް އިތުރުކުރުން ކަމުގައި މަސްރަހުގެ ދާރިސުން ފާހަގަކުރެއެވެ.

ތެލުގެ ދަތިކަން ކުރިމަތިވެ، ރަޝިއާއިން މި ދަނޑިވަޅުގައި ވަނީ ޕެޓްރޯލާއި ޑީސަލް އެކްސްޕޯޓު ކުރުން މަނާކޮށްފައެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިގެން ދިޔުމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ އެއް ޤައުމަކީ އެމެރިކާއެވެ. މި ގޮތުން، ހަނގުރާމައިގެ ސަބަބުން އެ ޤައުމުގެ ދަރަނި ވަނީ 40 ޓްރިލިޔަން އެމެރިކާ ޑޮލަރަށް އުފުލިފައެވެ. އެމެރިކާއިން ތެޔޮ އުފެއްދުން އިތުރުކޮށްފައިވީ ނަމަވެސް، އެ ޤައުމުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. އަދި، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރަށް ވަނީ ޢާންމުންގެ ނުރުހުމާ ކުރިމަތިލާން ޖެހިފައެވެ. މި ޙާލަތު ކޮންޓުރޯލު ކުރުމަށް ބައިނަލްއަޤުވާމީ ހަކަތައާ ބެހޭ އިދާރާއިން (އައިއީއޭ) ވަނީ، ރައްކާކޮށްފައި ހުރި ތެލުގެ ރިޒާވުން މިންވަރެއް ބާޒާރަށް ނެރެފައެވެ. މިއާއެކު، ކުއްލި ޙާލަތްތަކަށް ޓަކައި ރައްކާކޮށްފައި ހުރި ތެލުގެ ރިޒާވު ވަނީ ދަށްވެފައެވެ.