ސަރުކާރުން ކޮންޓްރެކްޓަރުން ހޯދުމަށް އިޢުލާނުކުރި ހައުސިން މަޝްރޫޢުތަކަށް އިންވެސްޓަރުންނާ ކޮންޓްރެކްޓަރުންގެ ބޮޑު ޝަޢުގުވެރިކަމެއް ލިބެމުންދާކަމަށާއި މިއަހަރު ގިނަ މަސައްކަތްތަކެއް ޢުމްރާނީގޮތުން ފެށޭނެކަމުގެ ބޮޑު ޔަގީންކަމެއް އެބައޮތްކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ގެދޮރުވެރިކަމަކީ ސަރުކާރުން މިއަހަރު ކަނޑައެޅި ބަޖެޓުގައި ޢުމްރާނީ ތަރައްޤީގެ ދާއިރާއިން އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވާ ދާއިރާއެވެ. މިދާއިރާއިން 2.8 ބިލިޔަން ރުފިޔާ ޚަރަދުކުރުމަށް ނިންމާފައިވާއިރު، 1.8 ބިލިޔަން ރުފިޔާ ކަނޑައަޅާފައިވަނީ ސަރުކާރުގެ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ޢުމްރާނީ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށެވެ.
ސަރުކާރުން އަމާޒުހިފާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގެންފައިވާ ހުރިހާ ހައުސިން މަޝްރޫޢަކަށް، މިއަހަރުގެ ތެރޭގައި ކޮންޓްރެކްޓަރުން ހޯދައި މަސައްކަތްތައް އެކި މަރުހަލާތަކުގައި ފެށުމަށެވެ.
ރައީސްގެ ވަޢުދާފުޅާއި އެއްގޮތަށް މަޝްރޫޢުތަކަށް ކޮންޓްރެކްޓަރުން ހޯދުމަށް މާލީ ވުޒާރާއިން އިޢުލާންކުރެއްވީ ޖެނުއަރީ މަހުގެ ފަހު ހަފްތާގައެވެ. އެގޮތުން 4 ކެޓަގަރީއެއްގެ ހައުސިން މަޝްރޫޢު، 57 ރަށެއްގައި ހިންގުމަށް ވަނީ އިޢުލާންކޮށްފައެވެ.
މި މަސައްކަތާ ގުޅޭގޮތުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާޙިމް ނަޒީމް ވިދާޅުވީ، މަޝްރޫޢުތަކަށް ވަރަށް ގިނަ ކޮންޓްރެކްޓަރުން ޝަޢުގުވެރިކަން ފާޅުކުރަމުންދާކަމަށެވެ. މީގެތެރޭގައި ރާއްޖެއިން ބޭރުގެ ކުންފުނިތައްވެސް ހިމެނޭކަމަށެވެ.
"ވަރަށް ގިނަ ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށް މަޢުލޫމާތު އޮޅުންފިލުވަމުން ދަނީ. އިންވެސްޓަރުންނާ ކޮންޓްރެކްޓަރުންގެ ޝަޢުގުވެރިކަން އެބަހުރި. ދުނިޔޭގެ ފެންވަރުގެ ރަނގަޅު ކޮންޓްރެކްޓަރުން މި ޕްރޮޖެކްޓްތަކަށް ލިބޭނެކަމުގެ ޔަގީންކަން އެބައޮތް." ސްޓޭޓް މިނިސްޓަރ ނަޒީމް ވިދާޅުވިއެވެ.
ނަޒީމް ވިދާޅުވީ ބޯހިޔާވަހިކަމާ ގުޅޭ މަސައްކަތްތައް ހުއްޓުމަކަށް ނައިސް ބާރަށް ކުރިއަށްދާކަމަށެވެ. އެގޮތުން އަތޮޅުތަކުގެ ވަކިވަކި ރަށްތަކުގެ މަޝްރޫޢުތަކުގެ އިތުރުން، މާލެ ސަރަޙައްދަށް ޚާއްސަކޮށްފައިވާ މަޝްރޫޢުތަކަށްވެސް ބޭނުންވާ ކޮންޓްރެކްޓަރުންނާ ފައިސާ ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. ނަޒީމް ވިދާޅުވީ ރައީސްގެ ތަޞައްވުރާ އެއްގޮތަށް ގެދޮރުވެރިކަމުގެ ޢަމަލީ ގިނަ މަސައްކަތްތަކެއް މިއަހަރު ފެށިގެންދާނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތްކަމަށެވެ.
"ރައީސް ވަރަށް ޚާއްސަ އިސްކަމެއް ދެއްވާ ބޯހިޔާވަހިކަމަށް، މި މައްސަލައަށް ހައްލު ގެނައުމަށް. މަސައްކަތްތައް ގާތުން ބައްލަވާ އަވަސްކުރުމަށް ގަވާއިދުން އިރުޝާދު ދެއްވާ. ރައީސްގެ ޓަރގެޓަކީ ތަކުލީފުގައި ތިބި ރައްޔިތުންނަށް ތަސައްލީއެއް ގެނެސްދިނުން." ސްޓޭޓް މިނިސްޓަރ ނަޒީމް ވިދާޅުވިއެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ރާއްޖޭގެ 57 ރަށެއްގައި 12،000އަށްވުރެ ގިނަ ހައުސިންގ ޔުނިޓު ތަރައްޤީކޮށްދޭނެ ބަޔަކު ހޯދުމަށް ވަނީ އިޢުލާނުކޮށްފައެވެ.
ބީލަމަށް ހުޅުވާލާފައިވަނީ 4 ކެޓަގަރީއެއްގެ ހައުސިން މަޝްރޫއުތަކެވެ. އެގޮތުން 50 ހައުސިން ޔުނިޓަށްވުރެ މަދުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރަށްތަކުގައި އެމަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ހުށައެޅޭނީ ރާއްޖޭގެ ކޮންޓްރެކްޓަރުންނަށެވެ. އަދި 51 ހައުސިން ޔުނިޓާއި 150 ހައުސިން ޔުނިޓް އަދި 200-250 އާ ދެމެދުގެ ހައުސިން ޔުނިޓްތަކާއި، 300 އަށްވުރެ ގިނަ ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ރާއްޖެއާއި ބޭރުގެ ކޮންޓްރެކްޓަރުންނަށް ހުށަހެޅޭނެކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.