ކުޅިވަރު

ނޭމާއަށް އަނިޔާވެއްޖެ، ދަނޑުން ފޭބީ ރޮމުން


ބްރެޒިލްގެ ސަންޓޯސްއަށް ކުޅެމުން އަންނަ ނޭމާ ޖޫނިއަރއަށް އަނެއްކާވެސް އަނިޔާވެ، ރޮމުން ދަނޑުން ފައިބައިފިއެވެ.

އަންނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑްކަޕުގައި ބްރެޒލްގެ ގައުމީ ޓީމަށް ކުޅެން އުއްމީދުކުރަމުން އަންނަ ކުޅުންތެރިޔާ އަށް ވަނީ ފިޓްނަސްގެ ގިނަ މައްސަކަތަކަކާ ކުރިމަތިވެފަ އެވެ. ބުދަ ދުވަހު އެތްކެޓިކޯ މިނެއިރޯ އަތުން އޭނާގެ ސަންޓޯސް 2-0އިން މޮޅުވި މެޗުގެ 34 ވަނަ މިނިޓްގައި އޭނާ ބާލަން ޖެހުނީ ފަލަމަސްގަނޑަށް އަނިޔާވެގެންނެވެ. މިއީ ހަ މަސް ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ސަންޓޯސް އަށް މިދިޔަ ޖެނުއަރީ މަހު ކުޅެން ފެށި ފޯވަޑަށް އެކުލަބުގައި އަނިޔާވި ދެ ވަނަ ފަހަރެވެ.

އެ ޓީމުގެ ކޯޗު ސެޒާ ސަމްޕާއިއޯ ބުނީ ދެން އޮތީ ދިގު މުއްދަތަކަށް ނޭމާ އަށް ނުކުޅެ ހުންނަންނުޖެހިވޭތޯ އުއްމީދު ކުރުން އެކަނި ކަމަށެވެ.

"އަދި ވަރަށް އަވަސް އޭނާގެ އަނިޔާއާ މެދު ވާހަކަ ދައްކަން. އަހަރުމެން އަދި އޭނާގެ ފަރުވާ ރަނގަޅަށް ފަށައި ނުގަންނަން. މިވަގުތު އޮތީ ދިގު މުއްދަތަކަށް އޭނާ އަށް ނުކުޅެ ހުންނަން ނުޖެހިވޭތޯ އުއްމީދު ކުރުން. އޭނާ އަށް ނުކުޅެވޭގޮތްވެއްޖެނަމަ އެކަންވާނީ ވަރަށް ބޮޑު ގެއްލުމަކަށް. އަހަރުމެންގެ މުޅި ޕްލޭނަށް ވަރަށް ބޮޑު ބަދަލުތަކެއް ގެންނަން ޖެހޭނެ،" ކޯޗު ބުންޏެވެ.

އޭނާ ބުނީ ނޭމާ ބާލަން ޖެހުމުން މުޅި މެޗުގައި އޭނާގެ ރޭވުން ވަރަށް ބޮޑަށް ބަދަލު ކުރަން ޖެހުނު ކަމަށެވެ.

އުމުރުން 33 އަހަރުގެ ފޯވަޑަށް އެންމެ ފަހުން ބޮޑު އަނިޔާއެއްވީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ބްރެޒިލްގެ ގައުމީ ޓީމަށް ކުޅެނިކޮށްވެ. ވޯލްޑްކަޕް ކޮލިފައިންގައި އުރުގުއޭއާ ދެކޮޅަށް ކުޅެނިކޮށް އޭނާ ކަކޫ ހަލާކުވުމުން ގާތްގަނޑަކަށް ދޮޅު އަހަރު ދުވަހު ނުކުޅެ ހުންނަން ޖެހުނެވެ. އަލުން އެނބުރި ފޯމަކަށް އެޅެން ސަންޓޯސް އަށް ބަދަލުވި ނަމަވެސް އެންމެ ފަހުން އެކުލަވާލި ބްރެޒިލް ޓީމުން ވެސް ފަހު ވަގުތު އޭނާ ބާކީ ކުރީ ހާނިއްކަވުމުންނެވެ.