ފެނަކަ ކުންފުނީގެ ކުރީގެ މެނޭޖްމަންޓްތަކުގައި ހިންގާފައިހުރި ޕްރޮކިއުމަންޓާ ގުޅުންހުރި މައްސަލަތަކުގެ ސަބަބުން އިއާދަ ނުކުރެވޭވަރުގެ ގެއްލުން ލިބިފައި އެބަހުރިކަމަށް، ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފު ހުސައިން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި އަފީފް ވިދާޅުވީ، ކުރީގެ މެނޭޖްމަންޓުތަކުން ކުންފުންޏަށް ތަކެތި ހޯދުމުގައި އެކަށީގެންވާ މިންވަރަށް ބަލާފައި ނުވުމުގެ ސަބަބުން ވަރަށް ގިނަ ދަތިތަކާއި ކުރިމަތިވާ ކަމަށެވެ. ތަކުރާރުކޮށް އެއްތަނެއް މަރާމާތުކުރަން ޖެހުމާއި، ޚަރަދު ބޮޑުވުންފަދަ މައްސަލަތައް ދިމާވާކަމަށް ވިދާޅުވިއެވެ.
ކުންފުނީގެ ބޭނުމަށް ހޯދާފައި ހުރި ބައެއް ތަކެތީގެ ފެންވަރު ދަށްވެގެން، ކުންފުނީގެ އިންޖިނިއަރުން މެނޭޖްމަންޓުގެ ސަމާލުކަމަށް އެކަން ގެނެސްފައިވާ ކަމަށް ވެސް އެމްޑީ ވިދާޅުވިއެވެ. ކުންފުންޏަށް އެންމެ ފައިދާ ހުރި ގޮތުގައި އަމަލުކުރުމުގެ ބަދަލުގައި އަމިއްލަ މަސްލަހަތާއި، އެހެން ބައެއް ފަރާތްތަކުގެ މަސްލަހަތު އިސްކޮށްގެން މީގެކުރިން ފެނަކަ ތެރޭގައި މަސައްކަތްކޮށްފައިވާކަމަށްވެސް އެމްޑީ ވިދާޅުވިއެވެ. އެކަން މަޖިލީހުގެ ކަމާއި ގުޅުން ހުރި ކޮމިޓީތަކުގެ ސަމާލުކަމަށް ވެސް އައިސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"މާޒީގަ އެބަހުރި ކުންފުނީގައި ކުރިން އުޅުނު މުވައްޒަފުންގެ ނަމުގައި ލިޔުން އެޕްރޫވްކޮށްގެން ފައިސާ ހޯދަން ހުށަހަޅާފައި. އެހެެންވީމަ މިބާވަތުގެ ކަންކަން އަޅުގަނޑުމެން މުޅިން ހުއްޓުވާނަން." ފެނަކައިގެ އެމްޑީ އަފީފް ވިދާޅުވިއެވެ.
ކުންފުނީގެ އިތުބާރު އަލުން އިއާދަކުރުމަށް ފެނަކައިގެ ޕްރޮކިއުމަންޓް ޕޮލިސީއަށް މުހިންމު ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް އެމްޑީ އަފީފް ވަނީ ވިދާޅުވެފައެވެ. ފެނަކައިގެ މަސައްކަތަށް ބޭނުންވާ ތަކެތި ހޯދުމަށް އެއްބަސްވެފައިވާ ކުންފުނިތަކުން ފައިސާ އަށް އެދޭއިރު، ކުންފުނިން ފޯރުކޮށްދިން ތަކެއްޗަކީ ފެނަކައަށް ބޭނުންވާ ފެންވަރަށް ފެތޭ ތަކެއްޗަށް ނުވާކަން ބައެއް ފަހަރު ފާހަގަކުރެވޭކަމަށާއި، ބައެއް ހާލަތުގައި އެއްބަސްވުމާއި އެއްގޮތަށް ތަކެތި ފޯރުކޮށްދީފައި ނުހުންނަކަމަށް ވެސް ވިދާޅުވިއެވެ.
ފެނަކައަކީ އަސާސީ ޚިދުމަތްދޭ ކުންފުންޏަކަށް ވާއިރު ފެންވަރު ދަށް ތަކެތި ފޯރުކޮށްދިނުމާއި، ގަޑިއަށް ތަކެތި ނުލިބުމަކީ އާއްމު ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތަށް އޭގެ ސީދާ އަސަރު ފޯރާކަމެއްކަން އަފީފް ވަނީ ފާހަގަކުރައްވާފައެވެ.
"އެއް އައިޓަމްގެ ކޯޑު ނަމްބަރު ދިމާވެދާނެ. ދެން ހުންނަ އެއްޗެހި ހުންނަނީ އޮރިޖިނަލް ގޮތަށް ލޭބަލްކޮށްފަ ހުންނަ ޑުޕްލިކޭޓްތަކެތި. އެގޮތަށް ލިބުނީމަ ފެނަކަ ފަދަ ކުންފުންޏަކަށް އެއީ ވަރަށް ބޮޑު ގެއްލުމެއް." ފެނަކައިގެ އެމްޑީ އަފީފް ވިދާޅުވިއެވެ.
ޕްރޮކިއުމަންޓް މަރުހަލާގައި ހިންގާ ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތަކަށް ހުޅުވިފައި އޮތް ދޮރު އެއްކޮށް ބަންދުކުރާނެ ކަމަށް ވެސް އަފީފް ވަނީ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އިރުޝާދާއި އެއްގޮތަށް، ފެނަކަ ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ޕްރޮކިއުމަންޓް އުސޫލަށް ބަދަލުގެނެސް އެ ނިޒާމް ހަރުދަނާކުރުމަށް މުހިންމު ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާކަން އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ. އެގޮތުން ކުންފުނީގެ ޕްރޮކިއުމަންޓް މައްސަލަ ހައްލުކޮށް އެކުންފުންޏަށް ބޭނުންވާ ސްޕެއަރ ދުރާލާ ގެނެސް ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށް ވެސް ފެނަކައިން ވިދާޅުވެއެވެ.