ޚަބަރު

އިސްލާމިކް ޔުނިވަރސިޓީއަކީ ޤައުމު ބިނާކުރުމުގައި އެންމެ މުހިންމު އެއް ތަނބު: ވަޒީރު އާދަމް ނަޞީރު


  • ދީނީ ހޭލުންތެރިކަމުގެ އެންމެ އަލި ދަންމަރަކީވެސް އައިޔޫއެމް

  • ޔުނިވަރސިޓީގެ ތާރީޚަށް ބަލާއިރު މަސްއޫލިއްޔަތު ވަނީ އަދާކޮށްފައި

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ، އައިޔޫއެމްއަކީ ޤައުމު ބިނާކުރުމުގައި އެންމެ މުހިންމު އެއް ތަނބު ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އައިޔޫއެމްގެ ދަސްވެނިވުމުގެ ޖަލްސާގެ ދެވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވީ އިސްލާމިކް ޔުނިވަރސިޓީގެ މައިގަނޑު ދައުރަކީ ދީނީ އެއްބައިވަންތަކަމާއި ޤައުމީ ވަހުދަތު ދެމެހެއްޓުމާއި ފެތުރުން ކަމަށެވެ. އެ ޔުނިވަރސިޓީގެ ތާރީޚަށް ބަލާއިރު އެ މަސްއޫލިއްޔަތު އަދާކޮށްފައިވާ ކަމަށާއި ފާއިތުވި 45 ވަރަކަށް އަހަރު އައިޔޫއެމުން ޤައުމު ބިނާކުރުމުގައި އަދާކުރި ދައުރަށް ބަލާއިރު އެ ޔުނިވަރސިޓީއަކީ ޤައުމު ބިނާކުރުމުގައި އެންމެ މުހިންމު އެއް ތަނބު ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ދިވެހިންގެ ދީނީ ހޭލުންތެރިކަމުގެ އެންމެ އަލި ދަންމަރަކީވެސް އައިޔޫއެމް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އެގޮތުގައި ކުރިއަށްދާނެ ކަމުގެ ޔަގީންކަމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށްވެސް ދިވެހިބަހާއި ސަގާފަތާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

ޤައުމީ އެއްބައިވަންތަކަން ދެމެހެއްޓުމަށް މަސައްކަތް ކުރަމުންދާއިރު ޤައުމެއްގެ އެއްބައެއް ވަންތަކަން އިހުސާސްވުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ އެކަމަށް ފަރުދީގޮތުންނާއި ނިޒާމެއްގެ ތެރެއިން ރަސްމީކޮށް ކުރަންޖެހޭ މަސައްކަތްތައް ހުންނާނެ ކަމަށެވެ. އަދި ދުނިޔޭގެ އެކި ދުވަސްވަރު އެކި ބަސްތައް ބާރުގަދަކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް އެފަދަ ބަދަލުތައް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެފަދަ ހާލަތެއްގައިވެސް ހިފަހައްޓަންޖެހޭނީ އެބައެއްގެ ބަހާއި ގޮތުގައި ކަމަށް ވިދާޅުވިއެވެ.

"އެއީ އަޅުގަނޑުމެން ނިމޭނެތަނަކީ އެއީ އަޅުގަނޑުމެން ފެށޭނެ ތަނަކީ. ދިވެހިންނަކީ ކޮބައިކަން ދިވެހިންނާ ހިސާބުން ފެށުން. އެއީ އެންމެ މުހިންމު އެއް ކަމަކީ" ވަޒީރު ވިދާޅުވިއެވެ،

ހުރިހާ މަސައްކަތެއްގައިވެސް ވެހި ކުރުމުގެ ވިސްނުން ގެންގުޅުމަށް ވަޒީރު އިލްތިމާސްކުރެއްވިއެެވެ. އެގޮތުން، ވިސްނާ ވިސްނުންތަކާއި ކުރާ ކަންކަމުގައި ދިވެހިންގެ ސިފަތައް ގެނައުން މުހިންމު ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވިއެވެ.