ޚަބަރު

ދިވެހިބަހުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ކުޑަކުދިންގެ ހަވީރަށް ބޮޑު ތަރުޙީބެއް


  • ތަފާތު ކުޅިވަރުތައް ކުޅެވޭނެ ސްޓޯލްތައް ބަހައްޓާފައިވޭ

  • ވަޒަން ބަހުރުވައިގެ އެކި ބާވަތްތައް ހުށައެޅުމުގެ ފުރުޞަތު ކުދިންނަށް ދީފައިވޭ

މި އަހަރުގެ ދިވެހިބަހުގެ ދުވަސް ފާހަގަކުރުމަށް ކުޑަކުދިންގެ ހަވީރެއް ދިވެހިބަހުގެ އެކެޑެމީން ބާއްވަވައިފިއެވެ.

"ދިވެހިބަހުގެ ހަވީރު"ގެ ނަމުގައި ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި ދިވެހި ބަހުގެ އެކެޑެމީން ބޭއްވި ކުޑަކުދިންގެ ހަވީރަށް ގިނަ ބަޔަކު ޒިޔާރަތްކުރިއެވެ. މި ހަވީރުގައި މާލެ ސަރަހައްދުގެ ޕްރީ ސްކޫލްތަކުން ބައިވެރިވެ، ތަފާތު ސްޓޯލްތައް ބަހައްޓާފައިވެއެވެ. މި ސްޓޯލްތަކުން ބަހުގެ އެކި ކަންކަމާ ގުޅޭ ތަފާތު ކުޅިވަރުތައް ކުރިއަށްގެންގޮސްފައިވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ދިވެހިބަހުގެ އެކެޑެމީގެ ޑިރެކްޓަރ ޝަހުމާ ޢަލީ ވިދާޅުވީ ދިވެހިބަހުން ލިޔެފައި ހުންނަ ވާހަކަ ކިޔުމާއި ވަޒަންބަހުރުވައިގެ އެކި ބާވަތްތައް ސްޓޭޖުގައި ހުށައެޅުމުގެ ފުރުޞަތުވެސް ފަހިކޮށްދީފައިވާ ކަމަށެވެ.

"ސްޓޯލްތަކުގެ އެކި ހަރަކާތްތަކުގައި ބައިވެރިވުމުން ދިވެހިބަހުގެ އެކެޑެމީން ހަދިޔާއެއް ދޭނެ. އެގޮތަށް މި ހަރަކާތް ރާވާފައިވަނީ." ޝަހުމާ ވިދާޅުވިއެވެ.

ކުޑަކުދިންގެ ހަވީރަށް ޒިޔާރަތްކުރި ބައެއް ކުޑަކުދިން ބުނީ މި ހަވީރުގެ ސަބަބުން ބަހާ ގުޅުންހުރި އެކި ކުޅިވަރުތަކާއި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިވި ކަމަށެވެ. އަދި މިއީ ދިވެހިބަހަށް އޮތް ޝައުޤުވެރިކަން އިތުރުކޮށްދިން ހަރަކާތެއްކަމަށް ކުޑަކުދިން ބުންޏެވެ.

"ވަރަށް މަޖާ ކުޅިވަރުތައް ހުރި. ވާހަކަ ކިޔާލައި، މަދަހައެއް ހުށައަޅާލިން." ކުއްޖަކު ބުންޏެވެ.

މި ހަވީރުގައި ބަހައްޓާފައިވާ އެކެޑެމީގެ ސްޓޯލުގައި ފޮތް މައުރަޒެއްވެސް ހުޅުވާފައިވެއެވެ. މި ފޮތް މައުރަޒުން ވާހަކައާއި މަޢުލޫމާތު ހިމެނޭ ތަފާތު ފޮތްތައް ގަތުމުގެ ފުރުޞަތު ފަހިކޮށްދީފައިވެއެވެ.

"ދިވެހިބަހުގެ ހަވީރު" ބާއްވާފައިވަނީ ދޮންދޫނި ލިޓްލް ލާނަރސްއާއި މާފަންނު މަދަރުސާއާއި ފަލާޙު ޕްރީ ސްކޫލާއި އެކްސެލް އިންޓަނޭޝަނަލް ސްކޫލް އިތުރުން ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީގެ އެހީތެރިކަމާއެކުކަމަށް ދިވެހިބަހުގެ އެކެޑެމީން ވިދާޅުވެއެވެ.

ދިވެހިބަހުގެ ދުވަސް ކޮންމެ އަަހަރަކުވެސް ފާހަގަކުރަނީ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުއެވެ.