ހުސްވާނެ ކަމަށް ބެލެވޭ ރެއާލް މެޑްރިޑުގެ ކޯޗުކަން އަދި ހުސްވެފައިވާ ބްރެޒިލްގެ ކޯޗުކަމާވެސް ޖަރުމަންގެ ކޯޗު ޔާގެން ކްލޮޕް ހަވާލުނުވާނެ ކަމަށް އޭނާގެ އެޖެންޓް ބުނެފިއެވެ.
ލިވަޕޫލްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރި ކޯޗުގެ އެޖެންޓް މިހެން ބުނީ އޭނާ އާއި ރެއާލްގެ ކޯޗުކަމާ ގުޅުވައިގެން ވަރަށް ބޮޑަށް ވާހަކަ ދައްކަން ފެށުމުންނެވެ. ހުސްވި ސީޒަނަށް ފަހު ލިވަޕޫލްގެ ކޯޗުކަން ދޫކޮށް ކްލޮޕް މިހާރު އަދާ ކުރަނީ ޖަރުމަނުގެ ރެޑްބުލް ޓީމުގެ ގްލޯބަލް ފުޓްބޯޅަ ޑައިރެކްޓަރުގެ ވަޒީފާ އެވެ. މި ވަޒީފާގައި އޭނާ އަށް އަހަރަކު 12 މިލިއަން ޑޮލަރު ލިބެ އެވެ.
ނަމަވެސް ރެއާލްގެ ކޯޗުކަން ލިބިއްޖެނަމަ މި ވަޒީފާ ދޫކޮށްލާނެ ކަމަށް ދެކެވޭ ވާހަކަ އޭނާގެ އެޖެންޓް ވަނީ ދިގުކޮށްފަ އެވެ. ކްލޮޕްގެ ފަރާތުން އޭނާގެ އެޖެންޓް ބުނީ ބޮރޫޝިޔާ ޑޯޓްމުންޑްގެ ކުރީގެ ކޯޗު ހުރީ މިވަގުތު ރެޑްބުލްގެ ވަޒީފާއާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިގެން ކަމަށެވެ.
މީގެ ދެ ދުވަސް ކުރިން ބްރެޒިލްގެ ނޫސްތަކުން ބުނަނީ ކޯޗިންއާ ދުރުގައި ހުރި ކާމިޔާބު ކޯޗު އަލުން ކޯޗުކަމަށް އަންނާނެ އޮތީ ދެ ގޮތެއް ކަމަށެވެ. ރެޑްބުލް ގްރޫޕުން އަހަރަކު ދޭ 12 މިލިއަން ޑޮލަރުގެ މުސާރަ ދޫކޮށްލާފައި ކްލޮޕް އެނބުރި ކޯޗިން އަށް އަންނާނެ އޮތީ ދެ ގޮތަކީ އޭނާ އަށް ރެއާލް މެޑްރިޑްގެ ކޯޗުކަން ނުވަތަ ބްރެޒިލްގެ ގައުމީ ކޯޗުކަން ލިބުން ކަމަށްވެ އެވެ.