ޚަބަރު

މެޗުގެ ފަހު ވަގުތު ރެފްރީ ދެއްކީ ރަނގަޅު ޕެނަލްޓީއެއް ނޫން: ސެނެގާލްގެ ކޯޗު


  • މިމެޗު ބެލްޖިއަމް ކާމިޔާބު ކުރީ 3 ލަނޑު 2 ލަނޑުން

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ސެނެގާލް އާއި ބެލްޖިއަމް ބައްދަލުކުރި 32 ޓީމުގެ ބުރުގެ މެޗުގެ އެންމެ ފަހު ވަގުތު ކޮޅުގެ ތެރޭގައި މެޗުގެ ރެފްރީ ބެލްޖިއަމަށް ދިން ޕެނަލްޓީއަކީ ޕެނަލްޓީއެއް ކަމަށް ގަބޫލު ނުކުރާކަމަށް ސެނެގާލްގެ ކޯޗު ޕެޕޭ ތިއާއު ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ. ތިއާއު ބުނީ ރެފްރީ ޕެނަލްޓީއެއް ކަމަށް ނިންމުމާއެކު އޭނާވެސް އެހާދިސާ މޮނީޓަރުން ބެލި ކަމަށާއި ނަމަވެސް އޭނާ އާއި އޭނާގެ އޮފިޝަލުންނަށް ނެގުނީ އެއީ ޕެނަލްޓީއެއް ނޫން ކަމަށެވެ. އަދި އެއާއެކު ކުޅުންތެރިން އެކަމާއި ރެފްރީއަށް ޝަކުވާ ކުރި ކަމަށާއި ނަމަވެސް އެންމެ ފަހުން ރެފްރީގެ ނިންމުމަށް އިހްތިރާމް ކުރަން ޖެހުނީ ކަަމަށެވެ. އަދި އެކަމާއި ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަން ބޭނުން ނުވާކަމަށްވެސް އޭނާ ބުންޏެވެ.

ތިއާއު މިބަލި ސިފަކުރީ ވަރަށް އަނިޔާވެރި ބައްޔެއްގެގޮތުގައެވެ. މިމެޗުގައި އެޓީމުން ކުޅެމުންދިޔައީ ވަރަށް ހަމަޖެހިގެން ކަމަށާއި ނަމަވެސް އެންމެ ފަހު ވަގުުތު ހުރިހާ ކަމެއް އެނބުރިގެން ދިޔައީ ކަމަށް ތިއާއު ބުންޏެވެ. އަދި ސެނެގާލްގެ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ޑިފެންޑް ނުކުރެވުނު ކަންވެސް ކޯޗު ފާހަގަ ކުރިއެވެ. އަދި މިކަމަށް ބެލްޖިއަމް ޓީމަށް މަރުހަބާ ކިޔުން ނޫން އެހެން ކަމެއް ކުރެވެން ނެތް ކަމަށްވެސް ތިއާއު ބުންޏެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ބެލްޖިއަމްގެ ކޯޗު ރޫޑީ ގާސިއާ ބުނީ މެޗުގެ ފުރަތަމަ 23 މިނެޓްގެ ތެރޭގައި ބައިކޮޅަށް ލަނޑެއް ވަނުމުން އެނބުރި އައުންއެއީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދި ޚާއްސަކޮށް 2 ލަނޑު ސުން ލަނޑުން ފަހަތަށް ދިއުމުން އެނބުރި އައުން އެއީ ގިނަ ފަހަރަށް ވާކަމެއް ނޫން ކަމަށެވެ. ނަމަވެސް މިމެޗުގައި ބެލްޖިއަމްގެ ކުޅުންތެރިން ހިތްވަރު އެލުވާނުލާ ކުރި މަސައްކަތުން މިމެޗުގައި އެނބުރި އާދެވުނީ ކަމަށެވެ. ގާސިއާ ބުނީ ހައިޑްރޭޝަން ބްރޭކްގައި އޭނާ ވާނީ މެޗުގެ ތިންވަނަ ލަނޑު އެޓީމުން ޖެހޭތޯ މަސައްކަތް ކުރުމަށް ގޮވާލާފައެވެ. އަދި ރޮމެލޫ ލުކާކޫވަނީ އެކަން އެންމެ ފުރިހަމައަށް މެޗު ނިމެން 4 މިނެޓަށް ވެފައިވަނިކޮށް ކާމިޔާބު ކޮށްފައެވެ. ގާސިއާ ބުނީ މިމެޗުގައި ކެޕްޓަން ޔޫރީ ޓިއެލެމަންސް ދެއްކީ މޮޅު ކުޅުމެއް ކަމަށާއި އޭނާ މިމެޗުގައި ކާމިޔާބުކުރި ދެ ލަނޑު ވަރަށް ފުރިހަމަ ކަމަށެވެ. ގާސިއާ ބުނީ މިމެޗު އެޓީމާއި އެއްކޮޅަށް ނިމިގެންދިޔައީ މެޗުން މޮޅުވުމަށް ބޮޑަށް މަަސައްކަތް ކުރީ އެޓީމު ކަމަށްވުމުން ކަމަށެވެ.