ކުޅިވަރު

ކުރިމަތިލުން ހިނގި ވާހަކައަކީ ދޮގެއް: އަންޗެލޮޓީ


ޔުއެފާ ޗެމްޕިއަންސް ލީގުން ރެއާލް މެޑްރިޑް ކެޓުމުން ކުލަބުގެ ތެރޭގައި އެކަކު އަނެކަކު ރުޅިވެރިކަމާއެކު ކުރިމަތިލައި ހެދި ވާހަކަ އަކީ ދޮގެއް ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ.

ސްޕެނިޝް ލީގުގައި މިރޭ އެތްލެޓިކް ކުލަބާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ ރެއާލް މެޑްރިޑުގައި އޮތް ވިސްނުމަކީ ތަށި ހޯދުން ކަމަށެވެ.

"އަހަރުމެންގެ ތެރޭގައި ކުރިމަތިލުންތަކެއް ދިޔަ ވާހަކަ އަކީ ރަނގަޅު ވާހަކައެއްނޫން. އަހަރެންނާއި ކުޅުންތެރިންނާއި ކުލަބުގެ ރައީސް ވެސް ވާހަކަ ދެއްކިން. އަހަރުމެން ތެރޭގައި ހިޔާލުތަފާތުވެ އެފަދަ ކަމެއް ހިނގި ވާހަކަ ދައްކާ މީހަކު އެ ދައްކަނީ ރަނގަޅު ވާހަކައެއްނޫން. އަހަރުމެން އެންމެންވެސް ތިބީ އެއް ބޯޓެއްގައި. އެއް އަމާޒަކަށް ދާން މަސައްކަތް ކުރަނީ،" އަންޗެލޮޓީ ބުންޏެވެ.

ދެ ފަހަރެއްގެ މަތިން ރެއާލް އަށް ކޯޗުކޮށްދީ 15 ތަށި ހޯދާދީފައިވާ ކޯޗު ބުނީ މި ސީޒަނުގެ ސްޕެނިޝް ލީގާއި ކޮޕާ ޑެލްރޭ މުބާރާތަކީ ރެއާލް އަށް ހޯދޭނެ ދެ ތަށި ކަމަށެވެ. ހާއްސަކޮށް ކޮޕާޑެލްރޭގެ ފައިނަލަށް ރެއާލް ގޮސްފައިވުމުން އެ ތަށި ހޯދުމުގެ މުހިންމުކަން މުޅި ކުލަބުގައި ވެސް އެބައޮތް ކަމަށެވެ.

"އަހަރުމެންނަށް އަދިވެސް މި ސީޒަނުގައި ހޯދޭނެ ތަށިތައް އެބަހުރި. މިހެންވެ އެ ތަށިތައް ހީދުމުގެ ވިސްނުނުން ކުލަބު ތެރޭގައި އޮތީ. (އާސެނަލް އަތުން ބަލިވެ ޗެމްޕިއަންސް ލީގުން ކެޓި ) އެ މެޗަށް ފަހު އަހަރެން ކުޅުންތެރިންނާއި ކުލަބާ ވެސް ވާހަކަ ދެއްކިން. ކުލަބުގައި އެއްވެސް މައްސަލައެއްނެތް،" އަންޗެލޮޓީ ބުންޏެވެ.

މި ސީޒަނަށް ފަހު އޭނާގެ ވަޒިފާ ގެއްލޭނެ ކަމަށް ދެކެވޭ ވާހަކަތަކާ ބެހޭ ގޮތުން މިވަގުތު ވާހަކަ ދައްކަން ބޭނުން ނޫން ކަމަށް ވެސް އިޓަލީގެ ކޯޗު ބުންޏެވެ. އޭނާ ބުނީ ސީޒަން ނިމުމުން އޭނާ ވެސް ކުލަބާއެކު މަޝްވަރާތައް ކުރާނެ ކަމަށާއި މުޅި ސީޒަނުގެ ނަތީޖާ އާއި ކާމިޔާބީ އާއި ނާކާމިޔާބީ އަޅާބެލޭނީ އޭރުން ކަމަށެވެ. މިހެންވެ އޭނާގެ ކުރިމަގާ ބެހޭ ގޮތުން ވާހަކަ ދައްކަން ބޭނުންނުވާ ކަމަށެވެ.

އަންޗެލޮޓީގެ ވަޒީފާ ގެއްލޭނެ ކަމަށް އާސެނަލް މެޗަށް ފަހު ވަރަށް ބޮޑަށް ވާހަކަ ދެކެވުނެވެ. އަދި އޭނާ ވަނީ ވެސް އެ ފަދަ އިޝާރާތެއް ކޮށްފަ އެވެ. އެ މެޗަށް ފަހު އޭނާ ބުނީ 2026 ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށް އޭނާއާއެކު ރެއާލް މެޑްރިޑުން ހަދާފައިވާ ކޮންޓްރެކްޓް ދެމި އޮންނާނެ ކަމަށާއި ނަމަވެސް އޭގެ ކުރިން ވެސް ކުލަބުން އައު ކޯޗަކު ހޯދަފާނެ ކަމަށެވެ. އަދި އެކަމާ އޭނާގެ އެއްވެސް ފަރުވާލެއް ނެތް ކަމަށެވެ.

ސްޕޭނުގެ މީޑިއާތަކުން ބުނާ ގޮތުގައި ރެއާލްގެ ކޯޗުކަމަށް ގެނައުމަށް އެކުލަބުން އެންމެ ބޮޑަށް މަސައްކަތް ކުރާނީ ކުރީގެ މިޑްފީލްޑަރު އަދި ޖަރުމަނުގެ ބަޔާ ލެވަކޫސަންގެ ކޯޗު ޒަވީ އަލޮންސޯ އެވެ.

އަންޗެލޮޓީ ގެންދިއުމަށް ބްރެޒިލްގެ ގައުމީ ޓީމުން ވެސް ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.