ޚަބަރު

ޖީއެސްޓީ ނުދައްކާ 146 ފަރާތެއްގެ ނަން މީރާއިން އާއްމުކޮށްފި


  • ލިސްޓުގައި ހިމެނެނީ 600،000 ރުފިޔާއަށް ވުރެ މަތިން ޖީއެސްޓީ ދައްކަން ޖެހޭ ފަރާތްތައް

  • މީރާއިން ނަން އާންމުކުރުމުގެ އުސޫލުގެ ތެރެއިން، ޓެކްސް ދެއްކުމަށް ގިނަ ފުރުސަތުތަކެއްދޭ

މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި ހަމައަށް ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ނަން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އާއްމުކޮށްފިއެވެ.

މީރާއިން އާއްމުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި ހަމައަށް، ޓެކްސް ދައްކަން ޖެހޭ މުއްދަތުގައި ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަންތަކެެވެ. އެގޮތުން ޖުމްލަ 146 ފަރާތެއްގެ ނަން މީރާއިން ވަނީ ހާމަކޮށްފައެވެ. މިއީ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް ނުދައްކާ ފަރާތްތަކެވެ. އަދި މީރާއިން ނަން އާންމުކޮށްފައިވާ ފަރާތްތަކަކީ ދައްކަން ޖެހޭ ޓެކުހުގެ އަދަދު 600،000 އަށް ވުރެ މަތި ފަރާތްތަކެވެ.

މި ފަރާތްތަކުން ދައްކަން ޖެހޭ ޓެކުހުގެ ސީދާ އަދަދެއް މީރާއިން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މި ހުރިހާ ފަރާތްތައް ދައްކަން ޖެހޭ ޖުމްލަ އަދަދު މަދުވެގެން 87.6 މިލިޔަން ރުފިޔާއަށް އަރާނެ ކަމަށް މީރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ލަފާކުރެވެއެވެ.

ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާ އުސޫލުގެ ދަށުން މީރާއިން އެ ކުންފުނިތަކުގެ ލިސްޓު އާންމުކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި ލިސްޓުގައި ރާއްޖޭގައި ހޯލްސޭލް ވިޔަފާރި ކުރާ ކުންފުތިކާއި، މަޝްހޫރު އުޅަނދު ވިއްކާ ވިޔަފާރިތައް ފަދަ ތަންތަންވެސް ހިމެނެއެވެ.

މީރާއިން ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރަނީ އެ ފަރާތްތަކުގެ ނަން ހާމަކުރުމުގެ ކުރިން ފައިސާ ދެއްކުމަށް ތަކުރާރުކޮށް ހަނދާންކޮށްދީ ތަފާތު ނޯޓިސްތައް ފޮނުވައި އިތުރު މުއްދަތުތަކާއި ފުރުސަތުތައް ވެސް ދިނުމަށް ފަހުއެވެ. އަދި އުސޫލުގެ ތެރެއިން ތަފާތު އެކި ލުއިތައް އެފަރާތްތަކަށް ފަހިކޮށްދެއެއެވެ.

އެ ފަރާތްތަކަށް އެއްފަހަރާ ފައިސާ ދެއްކެން ނެތްނަމަ އިންސްޓޯލްމަންޓު އުސޫލުން ބަހާލައިގެން ފައިސާ ދެއްކުމުގެ އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ވެސް މީރާއިން ދެއެވެ. މިގޮތައް އެއްބަސްވުންތައް ހަދާ ފަރާތްތަކުން ފައިސާ ދައްކާނަމަ ތަންފީޒީ އިތުރު ފިޔަވަޅުތައް ނާޅާނެ ކަމުގެ ޔަގީންކަން ވެސް މީރާއިން ދެއެވެ.

މީރާއިން ވަނީ ޓެކްސް ދެއްކުމުގައި ލުއިތަކެއް ދިނުމަކީ ޓެކްސް ދައްކާ މިންވަރު އިތުރުވާ ކަމެއްކަން ފާހަގަކޮށްފައެވެ. އަދި މީރާއިން ދީފައިވާ ލުއިތަކާއެކު ދުރާލާ ޓެކްސް ބަޔާންތައް ހުށަހެޅުމަށް ސަމާލުކަން ދިނުމަށް އެއޮތޯރިޓީންވަނީ އިލްތިމާސްކުރައްވާފައެވެ.