ކުޅިވަރު

ރިލެކްސް ފުޓްސެލް މުބާރާތުގެ ބްރޯޑްކާސްޓިން ޕާޓްނަރަކަށް ޕީއެސްއެމް


އއ.ބޮޑުފޮޅުދޫގެ ޔަންގް ޕްލެއާރސް ސްޕޯޓްސް ކުލަބުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ރިލެކްސް ފެރީ ސާވިސް ވީޕީ ވެޓެރެންސް ފުޓްސެލް ޓޯނަމެންޓް 2025" ގެ ބްރޯޑްކާސްޓިން ޕާޓްނަރަކަށް ޕަބްލިކް ސާވިސް މީޑިއާ ޕީއެސްއެމް ހަމަޖައްސައިފިއެވެ.

ޕީއެސްއެމް އާއި އެކު ވެވުނު އެއްބަސްވުމާ ގުޅޭ މައުލޫމާތު ހިއްސާ ކުރަމުން ބޮޑުފޮޅުދޫ ކައުންސިލްގެ ނައިބު ރައީސް އަދި މުބާރާތުގެ ޗެއަރޕާސަން އަބްދުﷲ ރިފާޒް ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން މި މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތު ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.

މިއީ މިގޮތަށް ކުރިއަށް ގެންދާ ހަތަރުވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގައި 5 ޓީމު ބައިވެރިވެފައިވާއިރު މުބާރާތް ކުރިއަށްދާނީ ލީގު އުސޫލުން ކުޅެ އެއްވަނަ ޓީމް ފައިނަލަށް ދާ ގޮތަށެވެ. އަދި ލީގު ބުރުގެ ދެވަނަ އާއި ތިންވަނަ ޓީމުގެ ދެމެދުގައި ކުޅެވޭ ޕްލޭއޯފް މެޗަކަށްފަހު އެތަނުން މޮޅުވާ ޓީމެއް ފައިނަލުގައި ވާދަކުރާނެކަމަށް ރިފާޒް ވިދާޅުވިއެވެ.

"މިއީ ދޮށީ އުމުރުގެ ބޭފުޅުންނަށް ހާއްސަ މުބާރާތެއް ވީމަ ހާއްސަ ކަންތައްތަކެއް އޮންނާނެ." ރިފާޒް ވިދާޅުވިއެވެ.

މި މުބާރާތުގެ މަގުސަދަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކަސްރަތު ކުރުމުގެ މުހިއްމުކަން ހާމަކޮށްދީ ބުނެދިނުންކަމަށް ޔަންގް ޕްލެޔާސް އިން މައުލޫމާތުދެއެވެ. މުބާރާތުގައި ރާއްޖޭގެ މަޝްހޫރު ވެޓެރެންސް ކުޅުންތެރިން ފެންނާނެ ކަމަށްވެސް ރިފާޒް ފާހަގަކުރެއްވިއެވެ.

މި މުބާރާތުގައި 40 އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވުމަށް ހަމަޖެހިފަވާ ކަމަށް ވެސް ރިފާޒް ވިދާޅުވިއެވެ.

މުޅި އަތޮޅަށް ހުޅުވައިލައިގެން ކުރިއަށް ގެންދަން ރާވާފާ މުބާރާތުގައި ބައިވެރިވި ޓީމުތައް މަދުކަން ވެސް ކައުންސިލުގެ ނައިބް ރައީސް ފާހަގަކުރެއްވިއެވެ. މި މުބާރާތުގެ ބައިވެރިވި ޓީމު ތަކުގެ މެދުގައި ގުރުނެގުން އޮންނާނީ އަންނަ އަންގާރަ ދުވަހުގެރެއެވެ.

މި މުބާރާތަކީ ކައުންސިލާއި، އަމިއްލަ ފަރާތަކާ ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތް ކުރިއަށް ދާނީ ހަ ދުވަހުގެ މުއްދަތަށް ކަމަށް ޔަންގް ޕްލެޔާސް އިން މައުލޫމާތުދެއެވެ.

ޔަންގް ޕްލެޔާރސް ސްޕޯޓްސް ކުލަބުގެ ފުޓްސެލް މުބާރާތް ފެށުމަށް ހަމަޖެހިފަވަނީ އަންނަ މަހު 1 ގައެވެ.