ރާއްޖޭގެ ސަރަހައްދަކީ ގާތްގަނޑަކަށް ނުވަދިހަ ހާސް އަކަ ކިލޯމީޓަރެވެ. އެހެންކަމުން ދިވެހީންގެ ޤައުމިއްޔަތުގެ އެންމެ މުހިންމު ބަހާތައް ކަމުގައިވާ ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކޮށް ރައްކާތެރި ކުރުމަކީ ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެހެނަސް ޤައުމީ އަދި ސަލާމަތީ ނަޒަރުން ބަލާއިރު، މިކަމަކީ އެންމެ މުހިންމު ކަމެކެވެ. ހަމަ އެހެންމެ، މުސްތަގިއްލު ޤައުމެއްގެ ގޮތުގައި އޮންނަން ބޭނުންވާނަމަ، ޤައުމުގެ ސިޔާދަތާއި އިސްތިޤްލާލު ރައްކާތެރިކުމަކީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްވެސް މުހިންމުކަމެކެވެ.
ދިވެހި ސިފައިންނަކީ ރާއްޖެއަށް ކުރިމަތި ވެދާނެ ކޮންމެ ކަމަކާއި ކުރިމަތިލުމަށްޓަކައި ތައްޔާރަށް އޮތް އަސްކަރީ ފައުޖެވެ. މާޒީގައިވެސް ރާއްޖެއަށް ކުރިމަތިވެފައިވާ ތަފާތު ހާލަތްތަކުގައި ދިވެހި ސިފައިން ކުރިމަތިލާފައި ވަނީ ހިތްވަރާއި ފަންވަރާއެކުއެވެ.
ރާއްޖެ ފަދަ ކުދި އާބާދީތައް އޮތް ބައެއް ޤައުމުތަކުގައި އަމިއްލަ އެއްވެސް ދިފާޢީ ބާރެއް ނެތެވެ. އެ ޤައުމުތަކުން ޤައުމަށް އަންނަ އެކި ނުރައްކާތަކުގައި ބަރޯސާވަނީ އެކި ޤައުމުތަކަށެވެ. އެހެންނަމަވެސް ރާއްޖެއަކީ ޤައުމު ދިފާޢު ކުރުމުގައި އެހެން ބަޔަކަށް ބަރޯސާވާން ބޭނުން ނުވާ، ޤައުމުދެކެ ލޯބިވާ، ޤައުމުގެ މިނިވަންކަމަށްޓަކައި ޖިހާދުވާން ފަސް ނުޖެހޭނެ ދަރިންތަކެއް ތިބި ޤައުމެއްކަން ތާރީޚުން ސާބިތުވެއެވެ. މީގެ ނަތީޖާއަކީ މިއަދު ރާއްޖޭގައި އަމިއްލަ ދިފާޢީ ބާރެއް އުފެދިފައި އޮތުމެވެ.
ރަސްމީކޮށް ދިވެހި ސިފައިންގެ ޚިދުމަތް ފަށާފައިވަނީ މީލާދީން 1892 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 21 ދުވަހުއެވެ. ސިފައިންގެ ޚިދުމަތް ރަސްމީކޮށް ފެށިތާ 133 އަހަރުވެގެންދާއިރު މިހާރުގެ ސިފައިންގެ ބަދަހި ސަފުތަކުންވެސް ފެނިގެން ދަނީ ކުރިން ފެނުނު ގަދަ ހިތްވަރާއި އެއް ޢަޒުމެއްގައި ދިވެހި ފަސްގަނޑާއި، ދިވެހި ރައްޔިތުންގެ ޚިދުމަތުގައި ދެމިތިބި ތަނެވެ.
ސިފައިންގެ ޚިދުމަތުގެ ދިގު ތާރީޚަށް ބަލާއިރު ޤައުމަށް ދިމާވާ ކޮންމެ ކަމެއްގައިވެސް ފެނިގެންދަނީ އެންމެ ކުރީ ސަފުގައި އެ ބޭފުޅުން ހަރަކާތްތެރިވާ މަންޒަރެވެ. އެއީ ޢުދުވާނީ ހަމަލާއެއް ކަމުގަވިޔަސް، ކާރިސާއެއް ކަމުގައިވިޔަސް ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ ޚިދުމަތުގައި އެ ސިފައިން ނުކުންނަނީ ޤުރުބާންވާންވެސް ތައްޔާރުވެގެންނެވެ.
1988 ވަނަ އަހަރުގެ ނޮވެންބަރު 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ހަމަލާގައިވެސް، ދިވެހި ސިފައިންގެ ހިންމަތާއި މިންނަތުން ޤައުމުގެ މިނިވަންކަން ދިވެހީންގެ އަތުން ބީވިޔަ ނުދީ ހިފެހެއްޓިއެވެ. އެދުވަސްވަރުގެ ހާލަތާއި މިހާރާއި ވަރަށް ތަފާތެވެ. ނޮވެންބަރު ތިނެއްގެ ހާދިސާއަކީ ދިވެހި ސިފައިންގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި އިންގިލާބީ މަސައްކަތްތަކެއް ކުރުމާއި ދިމާލަށް ދީލާލި މުހިންމު ހާދިސާއެކެވެ. އޭގެ ފަހުން މިއަދާއި ހަމައަށް ދިވެހި ސިފައިންގެ ތަރައްޤީގައި މުހިންމު ހަރުފަތްތަކެއް ވަނީ ގިރާކޮށްފައެވެ.
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަކީ ރާއްޖޭގައި އުފެދިފައިވާ މުއައްސަސާތަކުގެ ތެރެއިން އެންމެ ދުވަސްވީ އެއް މުއައްސަސާއެވެ. އަދި ޤައުމީ ސަލާމަތާއި ގުޅޭ އެންމެ މުހިންމު، އަދި އެންމެ ގިނަ ޒިންމާތަކާއި ހަވާލުވެގެން އޮތް މުއައްސަސާވެސްމެވެ. ސަލާމަތީ މަސްރަޙާއި ޤައުމީ ފުދުންތެރިކަމުގެ ތެރެއިން ސިފައިންގެ ފައުޖު ކުރިއަރުވާ ތަރައްޤީ ކުރުމަށްޓަކައި މުހިންމު ގިނަ މަސައްކަތްތަކެއް އަބަދުވެސް އަންނަނީ ކުރަމުންނެވެ. ހާއްސަކޮށް، ފާއިތުވި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ދިވެހި އަސްކަރިއްޔާއަށް ބޮޑެތި ބަދަލުތަކެއް ސަރުކާރުންވެސް އަންނަނީ ގެންނަމުންނެވެ. ދާދި ފަހުން ދިވެހި ސިފައިންގެ ފައުޖުގެ ތެރެއަށް ”އެއަރ ކޯރ“ އިތުރުކޮށް، ޒަމާނީ ޓެކްނޮލޮޖީގެ އެންމެ ކުރީސަފުގައި އެއްހަމަކުރަމުން އަންނަ އާލާތްތައް އިތުރު ކުރެވިގެން ދިޔަކަމީ އެންމެ ބޮޑު އެއް ބަދަލެވެ. ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސިފައިން ރެއާއި ދުވާލު ކުރަމުންދާ މަސައްކަތައް ލިބުނު އިންތިހާ ބޮޑު ކުރިއެރުމެކެވެ. މި އާލާތްތަކާއެކު ވަށާޖެހޭގޮތައް ވަރަށް ގިނަ ކަންކަމަށް ކުރިއެރުން ލިބިގެންދާނެއެވެ. ދިވެހީންގެ ޤައުމިއްޔަތު ދެމެހެއްޓުމުގައި ދިވެހި ސިފައިން ކުރަމުން އަންނަ ބުރަ މަސައްކަތައް ލިބުނު ނުހަނު ބޮޑު ފުރިހަމަ ކަމެކެވެ.
ސިފައިންގެ ފައުޖުގެ މަސައްކަތްތައް ޒަމާނީ އާ އީޖާދު ހިމެނިގެން ތަރުތީބު ވެގެން ދިއުމަކީ އަސްކަރިއްޔާގެ ހަކަތަ ގުނަވެގެން ދާނެ ކަމެކެވެ. މިއީ ހަމައެކަނި ސިފައިންނަށް، ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ލިބުނު ކުރިއެރުމެއްވެސް ނޫނެވެ. މިއީ މުޅި ޤައުމަށް ލިބުނު ކުރިއެރުމެކެވެ. ޤައުމުގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް ލިބުނު ކުރިއެރުމެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ދިވެހި އަސްކަރިއްޔާއަށް ގެންނެވި އަނެއް ކުރިއެރުމަކީ ދިވެހިރާއްޖޭގެ ސަރަހައްދު ބަލަހައްޓަން އެންމެ ޒަމާނީ ޑްރޯން ހޯއްދެވުމެވެ. ދިވެހިރާއްޖޭގެ ސަރަހައްދު ހިމާޔަތްކުރުމަށް ރައީސް އެޅުއްވި އެ ފިޔަވަޅަކީ ޒަމާނަށް ފެތޭ، ޔަގީން ފިޔަވަޅެއްކަމެވެ. ހަމައެހެންމެ ސިފައިންގެ އެއްގަމުގެ ބާރުވެސް ވަރުގަދަކުރުމަށް ވަނީ ޒަމަނީ އުޅަނދުތަކާއި ވަސީލަތްތައް ހޯދާފައެވެ. އެ އުޅަނދުތައް އެންމެފަހުން ބޭއްވި ސިފައިންގެ މަގުމަތީ ޝަރަފްގެ ހިނގާލުމުން ފެނިގެންދިޔައެވެ.
މި ހުރިހާކަމަކުވެސް ހާމަވަނީ އެއްވެސް ޤައުމެއްގެ އަޅުވެތިކަމުގެ އުނގަށް ނުވެއްޓި ދިވެހީންގެ ސަލާމަތާ ރައްކާތެރިކަން ހޯދިދާނެކަމެވެ.
ދިވެހި ސިފައިން ކޮންމެ ދުވަހަކުވެސް ކުރަމުން ދަނީ ޤައުމީ މަސައްކަތް ތަކެކެވެ. މި މަސައްކަތްތަކަކީ ދިވެހި ޤައުމިއްޔަތު ކުރިއަރުވާ، ދެމެހެއްޓުމަށްޓަކައި ކުރަމުންދާ ވަރަށް މުހިންމު މަސައްކަތްތަކެކެވެ. މި މަސައްކަތް ކުރުމަށްޓަކައި ސިފައިންގެ ކޮންމެ މީހަކީވެސް ފުރާނަ ޤުރުބާން ކުރަން ތައްޔާރަށް ހުރި މީހެކެވެ. ބޮޑުތަކުރު ފާނުގެ ޖިހާދުން ހިތްވަރު ލިބިގެން، ކޯޕްރަލް ޝަހީދު ޙުސައިން އާދަމްގެ ހުށިޔާރުކަމުން ފިލާވަޅު ލިބިގެން، ދިވެހި ސިފައިން ދެމިތިބޭނީ ޤައުމީ ޚިދުމަތުގައެވެ. ދިވެހީންގެ ފަޚުރުވެރި ޤައުމިއްޔަތު ދެމެހެއްޓުމުގައެވެ. ދިވެހި ސިފައިން ކުރަނީ ޤައުމީ މަސައްކަތެކެވެ. މިއީ ދިވެހީންގެ ޤައުމިއްޔަތު ދެމެހެއްޓުމަށްޓަކައި ކުރަމުންދާ ޤައުމީ މަސައްކަތެކެވެ.
ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކޮށް ބެލެހެއްޓުމާއި، ދިވެހި ޤައުމުގެ ސިޔާސީ އިޤްތިޞާދީ ސަރަހައްދު ދިވެހީން އަމިއްލައަށް ބަލަހައްޓާނެ ޤާބިލްކަން ދިވެހި އަސްކަރިއްޔާގައި ޤާއިމްކުރުމަކީ މިސަރުކާރު ފެށުނީއްސުރެ ދަމަހައްޓަމުން އަންނަ ސިޔާސަތެކެވެ.