ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގައުމީ ވޮލީބޯޅަ ލީގު 2025 ގެ އަންހެން ޑިވިޝަނުގެ އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ވެމްކޯ އަތުން ފްލެކްސަރ ސްޕޯޓްސް ކުލަބު މޮޅުވެއްޖެއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިރޭ ކުޅުނު މެޗުން ފްލެކްސަރ މޮޅުވީ ވެމްކޯ އަތުން މޮޅުވީ ތިން ސެޓު އެއް ސެޓުންނެވެ. މި މެޗުގައި ދެ ޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، ފްލެކްސަރ އިން ވަނީ ފުރަތަމަ ދެ ސެޓު 25-18 އިން ކާމިޔާބުކޮށްފައެވެ. އެކަމަކު ވާދަވެރި ކުޅުމަކަށްފަހު ވެމްކޯއިން ވަނީ ތިންވަނަ ސެޓު 27-25 އިން ގެންގޮސްފައެވެ. ނަމަވެސް މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ފްލެކްސަރ އިން ހަތަރުވަނަ ސެޓު ކާމިޔާބުކުރީ 25-22 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފްލެކްސަރގެ ބިދޭސީ ކުޅުންތެރިޔާ ޕައެއްމަނީއެވެ.
މި މެޗުން ފްލެކްސަރ މޮޅުވިއިރު، މިއީ ލީގުގައި އެ ޓީމުން ހޯދި ފުރަތަމަ މޮޅެވެ. އެގޮތުން ލީގުގެ ފުރަތަމަ މެޗުގައި ފްލެކްސަރ ވަނީ ޕޮލިސް ކުލަބު އަތުން ތިން ސެޓު އެއް ސެޓުން ބަލިވެފައެވެ.
ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަނުގައި ވީއޭއެމް ކަޕުގެ ގަދަ ހަ ޓީމު ވާދަކުރަމުން އަންނައިރު، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ލީގުގެ ޗެމްޕިއަންކަން ލިބިގެންދާނެއެވެ. އަދި ލީގަށްފަހު އޮންނަ ގައުމީ މުބާރާތުން ފުރުސަތު ލިބިގެންދާނީ ލީގުގެ ގަދަ ހަތަރު ޓީމަށެވެ.