ޚަބަރު

މިލަންދޫގައި އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފަށައިފި


  • މިހާރު ރާއްޖޭގެ 18 ރަށަކުން އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ދަނީ ދެމުން

  • ދިވެހީން އާންމުކޮށް ދަތުރުކުރާ ޤައުމުތަކުންވެސް އައިޑީކާޑު ޕްރިންޓުކުރެވޭ ގޮތްދަނީ ހަދަމުން

ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ށ. މިލަންދޫގައި ފަށައިފިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އަދި މި ސިޔާސަތުގެ ދަށުން، މިހާރު ށ. މިލަންދޫ ކައުންސިލުން އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފަށާފައިވާކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން، ޑީއެންއާރުން ވިދާޅުވިއެވެ.

ޑީއެންއާރުން ވިދާޅުވީ، އައިޑީ ކާޑުގެ ޚިދުމަތް މިލަންދޫގައި ފެށުމާއެކު ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ މަގު ރައްޔިތުންނަށް ފަހިވެގެންދާނެ ކަމަށެވެ. ހަމަމިއާއެކު އައިޑީ ކާޑުގެ ޚިދުމަތް އަވަސްވެ، ހަރުދަނާވެގެންދާނެ ކަމަށްވެސް ޑީއެންއާރުން ފާހަގަކުރައްވައެވެ.

ށ. މިލަންދޫގައި އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ޤާއިމުކޮށްފައިވާއިރު، އެ އަތޮޅުގައި ވެރިކަންކުރާ ރަށްކަމުގައިވާ ށ. ފުނަދޫގައިވެސް އައިޑީ ކާޑު ޕްރިންޓުކުރުމުގެ ޚިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން އަތޮޅު ކައުންސިލުން އައިޑީ ކާޑު ޕްރިންޓުކޮށް އެހެން ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިލަންދޫއަކީ ށ އަތޮޅުގެ ވެރިކަންކުރާ ރަށް ފިޔަވައި މި ޚިދުމަތް ޤާއިމުކުރި ފުރަތަމަ ރަށެވެ. މިއާއެކު މިހާރު ރާއްޖޭގެ 18 ރަށަކުން އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ދަނީ ދެމުންނެވެ.

އަސާސީ ގިނަ ޚިދުމަތްތަކާ ގުޅިފައިވާ އައިޑީކާޑުގެ ޚިދުމަތް މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި ހަމައެއާއެކު ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައިވެސް މި ޚިދުމަތް ފެށުމަށްދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މެލޭޝިއާއާއި، ސްރީލަންކާއާއި، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށްދަނީ ތައްޔާރުވަމުންނެވެ.

އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފައްޓަވާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެންމެ ފުރަތަމަ މާލެ ސަރަޙައްދުން ބޭރުން މި ޚިދުމަތް ޤާއިމުކޮށްފައިވަނީ ގއ.ވިލިނގިލީގައެވެ.