އުތުރު ތިލަފަޅުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޖަލު ތަރައްޤީކޮށްދޭނެ ބަޔަކު ހޯދުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން އިޢުލާންކޮށްފިއެވެ.
މި މަޝްރޫއު ކުރިއަށްގެންދިޔުމަށް ބޭނުންވާ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުޞަތު މިމަހުގެ 27 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ސެންޓްރަލް ޖަލު ތަރައްޤީކުރަނީ 6000 މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށެވެ.
އުތުރު ތިލަފަޅުގައި ސެންޓްރަލް ޖަލު ތަރައްޤީކުރުމަށްޓަކައި 30 ހެކްޓަރުގެ ބިމެއް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ސްކޯޕްގައި ހިމެނެނީ ބިން ހިއްކުމާއި ހިއްކި ސަރަޙައްދު ހިމާޔަތް ކުރުމެވެ.
މީގެއިތުރުން މުވައްޒަފުން ތިބޭ ތަންތަނާއި އެކިކަހަލަ ތަމްރީންތައް ފޯރުކޮށްދޭނެ ތަންތަނުގެ އިތުރަށް ކުޅިވަރު ކުޅެވޭނެ ސަރަޙައްދެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ފުލް ސަރވިސް ހޮސްޕިޓަލަކާއެކު ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭނެ ވަޞީލަތްތައް ޤާއިމްކުރުން ހިމެނެއެވެ.
ސެންޓްރަލް ޖަލުގައި ޑްރަގް ރިހެބިލިޓޭޝަނާއި ޑިޓޮކްސް ފެސިލިޓީއެއްގެ އިތުރުން ހާފްވޭ ހައުސްއެސްވެސް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެކި ފަންތީގެ ޖަލުތައް ތަރައްޤީކުރުމާއި ކޯޓު ފެސިލިޓީއެއްގެ އިތުރަށް ކަރެކްޝަނަލް ސަރވިސްގެ ހެޑް ކުއަރޓަވެސް އެތަނުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ. އަދި 1000 މީހުންނަށް ނަމާދުކުރެވޭނެ ޖާގައިގެ މިސްކިތަކާއި އެހެނިހެން ޚިދުމަތްތައްވެސް ޤާއިމްކުރުމަށް ހަމަޖެހިފައިވެއެވެ.
އުތުރު ތިލަފަޅުގައި ތަރައްޤީކުރާ ސެންޓްރަލް ޖަލުގެ މަސައްކަތް ނިންމުމަށް ގާތްގަނޑަކަށް 3 އަހަރެއްހާ ދުވަސް ނަގާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.
ގައިދީން ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް ވިސްނުންފުޅަކީ، މިހާރު އެކި ރަށްރަށުގައި ވަކިވަކިން ހިންގަމުން އަންނަ ޖަލުތައް އެއްކޮށްލައި، މައި އެއް ޖަލަކުން ހުރިހާ ޚިދުމަތްތައް ދެވޭނެ ގޮތަށް ނިޒާމު ބައްޓަންކުރެއްވުންކަމަށް ވަޒީރުވަނީ މީގެކުރިން ވިދާޅުވެފައެވެ. އެއާއެކު ޖަލުތަކުގެ ޚަރަދުތައް ބޮޑުތަނުން ކުޑަކުރެވޭނެކަމަށްވެސްވަނީ ވިދާޅުވެފައެވެ.
އެގޮތުން މިހާރު ގައިދީއެއްގެ ބޮލަކަށް ޖެހޭ 27000 ރުފިޔާ ގާތްގަނޑަކަށް 17000 ރުފިޔާއަށް ކުޑަކުރެވޭނެކަމަށް ސަރުކާރުން އަންދާޒާކުރައްވައެވެ. އަދި ސެންޓްރަލް ޖަލުން ބައިނަލްއަޤްވާމީ ފެންވަރުގެ ޒަމާނީ ފަރުވާއާއި ރިހެބިލިޓޭޝަން ފަރުވާ ދެވޭނެކަމަށްވެސް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.