މިއަހަރު ޖެނުއަރީ މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކ.ގުޅީގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް، ކ.ގުޅީގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީން ވިދާޅުވެއްޖެއެވެ. ޕްރޮޖެކްޓް ކޮންޓްރެކްޓްކުރި ނަމަވެސް، އެ ޕްރޮޖެކްޓް ވަރަށް ދިގު މުއްދަތެއް ވަންދެން އޮތީ ކުރިއަށް ނުގޮސް މަޑުޖެހިފައެވެ.
ކ.ގުޅީގެ ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއި ހަވާލުކޮށްގެނެވެ.
ގުޅީގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2023 ވަނަ އަހަރުގެ މަރޗްމަހުއެވެ. އެއީ އެރަށުން 10.15 ހެކްޓަރުގެ ބިން ހިއްކާ، ހިއްކި ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށެވެ. މިއީ 83 މިލިޔަން ރުފިޔާގެ މަޝްރޫޢުއެކެވެ.
ނަމަވެސް ދައުރު ބަދަލުވިއިރުވެސް މަޝްރޫޢުގައި އޮތީ ޢަމަލީ ސިފަ ނުޖެހިއެވެ. ބިން ފުރި، ގުޅީގެ ރައްޔިތުންނަށް ދިމާވެފައިވާ މި ބޮޑު އިޖުތިމާޢީ މައްސަލަ ޙައްލު ވެގެންދާނެކަމުގެ ތަސައްލީއެއް ލިބިގެންދިޔައީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރު ޖެނުއަރީ މަހު އެރަށަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނަށް ދެއްވި ޔަޤީންކަމާއެކުއެވެ.
ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ގުޅީގެ ބިން ހިއްކުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ޚާއްސަ އިސްކަމެއްދީގެން ކުރިއަށްގެންދަވާނެކަމަށެވެ. ރައީސް ވިދާޅުވީ މިދިޔަ އަހަރު އެ މަސައްކަތް ކުރިއަށްގެންދިއުމުގައި ގޮންޖެހުން ކުރިމަތިވީ، މިދިޔަ ދައުރުގައި 2024 ވަނަ އަހަރަށް ބަޖެޓު ކަނޑައެޅިއިރު އެކަމަށް ބޭނުންވާ ފައިސާ އެކަށީގެންވާގޮތުގައި ހިމަނާފައި ނެތުމުންކަމަށެވެ.
ގުޅީގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް، އެރަށުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ބާރު ދުވެލީގައި ކުރިއަށްދެއެވެ.
މި މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ވިދާޅުވީ، ޕްރޮޖެކްޓްގެ މަސައްކަތްތައް މިހާރު ބާރު ސްޕީޑްގައި ކުރިއަށްދާކަމަށާއި، މަޝްރޫޢުގެ %40 މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.
ގުޅިއަކީ ބިމުގެގޮތުން 9 ހެކްޓަރުގެ ރަށެކެވެ. ބިމުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން އެރަށުން ގޯތި ދޫނުކުރާތާ 20އަކަށް އަހަރު ވަނީ ވެފައެވެ. އެންމެ ފަހުން 2003ވަނަ އަހަރުވެސް ދުކުރީ 13 ބިމެވެ. މިއީ ރަށުގެ ރައްޔިތުންގެވެސް އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ. ރަށުގައި އަމިއްލަ ގެދޮރު ބޭނުންވާ 200އެއްހާ މީހުން ތިބިކަން ކައުންސިލުން ފާހަގަކުރެއެވެ. ރަށުގެ އާބާދީ އުޅެނީ 800ގައެވެ.
ކ.ގުޅިއަކީ ލޯކަލް ޓުއަރިޒަމްގެ ވިޔަފާރިވެސް ފުޅާ ދާއިރާއެއްގައި ކުރަމުންދާ ރަށެކެވެ. ބިމުގެ ޖާގައިގެ މައްސަލަ ޙައްލުވުމާއެކު ބޯހިޔާވަހިކަމުގެ މައްސަލައިގެ އިތުރުން ރަށަށް އިޤްތިޞާދީ ހެޔޮ ބަދަލުތަކެއް އަންނާނެކަންވެސް ރަށުގެ ރައްޔިތުން ފާހަގަކުރެއެވެ.