ޚަބަރު

ތުލުސްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިންމާލައިފި


  • މި މަޝްރޫޢަށް 36.1 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައި

  • މަޝްރޫޢުގެ މަސައްކަތް ކޮށްފައިވަނީ ހެވީ ފޯސް ކުންފުނިން

މާލެއަތޮޅު ތުލުސްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިންމާލައިފިއެވެ. ތުލުސްދުއަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ ޙައްލުކުރުމުގެ މަޝްރޫޢު މަސައްކަތްކޮށްފައި ވަނީ ދިވެހި ކުންފުންޏެއް ކަމަށްވާ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްގެންނެވެ.

3000 އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅޭ ކ. ތުލުސްދޫއަކީ މާލޭ ސަރަޙައްދުގައި ލޯކަލް ޓޫރިޒަމް އެންމެ ހަލުވިކަމާއެކު ފުޅާވަމުން އަންނަ އެއްރަށެވެ. ނަމަވެސް އެރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައިގެ ސަބަބުން ރަށުގެ ގޮނޑުދޮށުގެ ރީތިކަން ގެއްލި، ފަތުރުވެރިކަމަށްވެސް ނޭދެވޭ އަސަރު ދަނީ ކުރަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ވިދާޅުވީ، އެރަށުގެ އިރުމަތީ ފަރާތުގެ ބޮޑުބައެއް ގިރާލާފައިވާކަމަށެވެ. އަދި އެކަމުގެ ސަބަބުން އެސަރަޙައްދުގައި ހުރި ދުވަސްވެފައިވާ ބައެއް ގަސްތައްވެސް ނެތިގެންގޮސްފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ.

ގިރާ ސަރަހައްދު ޙިމާޔަތްކުރުމުގެ މަސައްކަތް ނިމުމާއެކު މިހާރު އެ ސަރަހައްދު ވަރަށް ބޮޑަށް ރަނގަޅުވެފައިވާކަމަށް ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ. މިއީ ރަށަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް އަސްލަމް ފާހަގަކުރެއްވިއެވެ.

ތުލުސްދޫ ގޮނޑުދޮށް ހިމާޔަތްކުރުމަށް ކުރިއަށްގެންދިޔަ މަޝްރޫއުގެ ދަށުން އެރަށުގެ އިރުމަތީ ފަރާތުގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމަށް 70 މީޓަރުގެ ބޮޑުހިލައިގެ 6 ބްރޭކްވޯޓާއާއި 50 މީޓަރުގެ ބޮޑުހިލައިގެ 2 ވައި-ގްރޮއިން ވަނީ ޖަހާފައެވެ. އަދި 170 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓެއްވެސް ވަނީ ޖަހާފައެވެ.

ތުލުސްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢަށް ސަރުކާރުން ވަނީ 36.1 މިލިޔަން ރުފިޔާ ޚަރަދުކޮށްފައެވެ.