މިދިޔަ ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތްވާ ފެނުނު އަންހެން މީހާގެ މައްސާލަގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގ. އެރިއަދޫ، އުމުރުން 21 އަހަރުގެ ރައުދު އަހުމަދު ޒިލާލްކަމަށެވެ. ފުލުހުން ވިދާޅުވީ އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން މިއަދު 18:20 ގައި ކަމަށެވެ.
ފުލުހުން ވިދާޅުވީ އަންހެން މީހާ ވެއްޓުނުް ވަގުތު ހުރިކަމަށް ބެލެވޭ އިމާރާތުގައި އެވަގުތު އޭނާއާއެކު އުޅުނީ ރައުދު އެކަނިކަމަށެވެ. ރައުދުއާއި ވެއްޓުނު އަންހެންމީހާ އެ ގޭގައި އުޅޭ މަންޒަރު ފުލުހުން އާންމުކުރި ސީސީޓީވީ ފުޓޭޖްތަކުންވެސް ފެނެއެވެ.
ފުލުހުން ވިދާޅުވީ ރައުދުއާއި ވެއްޓުނު އަންހެން މީހާ އެރޭ އިތުރު ދެ ގެއަކަށް ގޮސްފައިވާ ކަމަށާއި އެ ދެ މީހުންނާއެކު އެ ރޭ އިތުރު ބަޔަކުވެސް އުޅުނުކަމަށެވެ. އެ ހުރިހާ މީހުންގެވެސް ބަޔާން ނަގައި، އެ މީހުންނަށް ރާއްޖޭން ބޭރަށް ނުދެވޭގޮތަށް ޕާސްޕޯޓް ހިފަހައްޓާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައިގައި ރައުދު ހައްޔަރު ކުރުމުގެ އިތުރުން ވެއްޓުނު 21 އަހަރުގެ އަންހެން މީހާ ހިމެނޭހެން 7 މީހެއްގެ ފޯނުވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ހިފަހައްޓާފައެވެ.
މީގެ އިތުރުން މި މައްސަލަައާ ގުޅިގެން އަންހެން މީހާ އެރޭ ހަރަކާތްތެރިވިކަމަށް ބެލެވޭ މއ. މާންދޫގެ ދެކުނުގޭގެ ޓެރަސްހާއި އެގޭ ދެވަނަ އަދި ހަތަރުވަނަ ފަންގިފިލާ އަދި ގ. ކަށިވެލިގޭގެ ތިންވަނަ ފަންގިފިލާ ބަލައި ފާސްކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.