ޚަބަރު

ރައީސް އެދިވަޑައިގަތީ މަޢުލޫމާތު އާންމުކުރުމުގައި ގެންގުޅޭ އުޞޫލުތައް ބަދަލުކޮށް ރައްޔިތުން އިސްކުރުމަށް


  • ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންނާ އެންމެގާތުން ޚިދުމަތްދޭ އެންމެ ބޮޑު މުއައްސަސާކަން ފާހަގަކުރެއްވި

  • ކަމެއް ބަލަން ފަށާ ހިސާބުން އެންމެ ފުރަތަމަވެސް އެ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރެއްވުމަށް އެދިވަޑައިގަތް

ފުލުހުން މަޢުލޫމާތު އާންމުކުރުމުގައި މިހާރު އަމަލުކުރަމުންދާ އުސޫލުތަކަށް ބަދަލުގެނެސް، ކަމެއް ބަލަން ފަށާ ހިސާބުން އެންމެ ފުރަތަމަވެސް އެކަން ރައްޔިތުންނަށް ހާމަކުރުމަށް އިސްކަންދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިގޮތަށް އެދިވަޑައިގަތީ ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތަކީ ދިވެހި ކޮންމެ ރައްޔިތަކަށް އެންމެ ގާތުން ޚިދުމަތްދޭ އެންމެ ބޮޑު މުއައްސަސާކަމަށެވެ. އަދި ރާއްޖޭގައި ޤާނޫނުގެ ވެރިކަން ނަގަހައްޓާ ދެމެހެއްޓުމުގައިވެސް އެންމެ މަތިވެރި ޒިންމާ އަދާކުރަންޖެހޭ މުއްސަސާއަކީ ފުލުހުންކަމަށެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ރައްޔިތުންނާ މިހާގާތުން މަސައްކަތްކުރާ މުއްސަސާއަކުން އަދިވެސް އިތުރަށް ރައްޔިތުންނާ ގާތްވާންޖެހޭކަމަށެވެ. އަދި ފުލުހުން ކުރާ މަސައްކަތްތައް މިހާރަށްވުރެއްވެސް ގާތުން ދެފުށް ފެންނަ ގޮތެއްގައި އަވަސް މިނުގައި ރައްޔިތުންނަށް އެނގުން މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން ކަމެއް ބަލަން ފަށާ ހިސާބުން މަޢުލޫމާތު އާންމުކުރުމުގައި މިހާރު އަމަލުކުރަމުންދާ އުޞޫލުތަކަށް ބަދަލުގެނެސް ރައްޔިތުންނަށް ކަންކަން ހާމަކުރުމަށް އިސްކަންދިނުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

"އަޅުގަނޑު އެދެނީ ކަމެއް ދިމާވެގެން ބަލަން ފަށާ މައްސަލައެއްގައި އެއީ ވެދާނެ ކޮންމެ ފަދަ މައްސަލައަކަށްވެސް. އެ ވެދާނެ މާރާމާރީއަކަށްވެސް. ނޫނިއްޔާ އެހެންފަދަ ކަމަކަށްވެސް. ކޮންމެފަދަ ކަމެއް ދިމާވެގެންވެސް ތިބޭފުޅުން އެކަމަކަށް އެޓެންޑުވެ އެ މައްސަލަ ބަލަން ފަށާ ހިސާބުން ފުރަތަމަވެސް ރައްޔިތުންނަށް މަޢުލޫމާތު ހިއްސާކުރާގޮތަށް ޕްރޮސީޖަރ ބަދަލުކަން އަޅުގަނޑު އެދެން. މިވެނި ކަމަކާގުޅިގެން ތިމަންނަމެން މައްސަލައެއް ބަލަން ފަށައިފީމޭ، އެމައްސަލައާ ބެހޭ މަޢުލޫމާތު ލިބެމުންދާ ވަރަކުން ރައްޔިތުންނާ ހިއްސާކުރަމުންދާނެކަން ފުރަތަމަވެސް ބަޔާންކޮށްދެން އަޅުގަނޑު އެދެން." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ފުލުހުންގެ މުއައްސަސާގެ ތެރޭގައި މަޢުލޫމާތު ހިއްސާކުރުމާއި ނުކުރުމުގެ ތަފާތު އިންތިހާއަށް ބޮޑުކަމާށާއި، އެ ސަޤާފަތް ނައްތާލަންޖެހޭކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާއާމެދު ރައްޔިތުންގެ ތެރޭގައި އޮންނަންޖެހޭ އިތުބާރު އޮންނަންޖެހޭ މިންވަރަށް ޤާއިމުކުރުމުގައިވެސް މަޢުލޫމާތު ހިއްސާކުރުން މުހިންމުކަމަށެވެ.

ރައީސް ވިދާޅުވީ، ފުލުހުންނަށް ޚިދުމަތް ދިނުމުގައި ހިތަށް ލިބެންޖެހޭ ހިތްހަމަޖެހުމާއި އަދި އޭގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާނެ ހިތްހަމަޖެހުންވެސް ބިނާވެގެންދަނީ ރައްޔިތުންނާ ގާތްވި ވަރަކަށްކަމަށެވެ.

"އެ ޓްރާންސްޕޭރެންސީ އެގޮތުގައި ގެނައުމުން ރައްޔިތުންނަށްވެސް ހިތްހަމަޖެހުން، ތިބޭފުޅުންނަށްވެސް ހިތްހަމަޖެހުން ލިބޭނެ. ތިކުރައްވާ ޒިންމާދާރު ބުރަ މަސައްކަތަށް އިތުރު ކްރެޑިބިލިޓީއެއް ލިބިގެންދާނެ. ތިކުރައްވާ ޕްރޮފެޝަނަލް މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ. އެއީ އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ޒިންމާދާރުކަމެއްނެތި ސިޔާސީ ބޭނުމަކަށް އަދި އެނޫން ބޭނުންތަކުގައިވެސް ދޮގުހަދާ ފިތުނަ އުފައްދާ ފަރާތްތަކުގެ އެކަންތައްކުގައިވެސް އެޅޭނެ އެންމެ ބޮޑު ހުރަހަށްވާނެ. ތިބޭފުޅުން ކުރައްވާ މަސައްކަތުގެ އަގުވައްޓާލާ، ރައްޔިތުންގެ ކުރިމަތީގައި މި މުއްސަސާގެ އަގުވައްޓާލަންކުރާ މަސައްކަތަށްވެސް އެޅޭނެ ހުރަހަކަށްވާނީ މަޢުލޫމާތު ހިއްސާކުރުމުގައި އަވަސްވެގަތުން." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކޮށް ރައްޔިތުންގެ ތެރޭގައި އިތުބާރު ވަރުގަދަކޮށް ދަމަހައްޓާ ކުރިއެރުވުމުގައި ކޮށްދޭންޖެހޭ ކޮންމެ މަސައްކަތެއް އަދި ގެނެސްދޭންޖެހޭ ކޮންމެ ކުރިއެރުމެއް ގެނެސްދިނުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ފަޚުރެއްކަމަށެވެ. އަދި ޢުމްރާނީގޮތުންނާއި ވަޞީލަތުގެގޮތުންނާއި، ތަމްރީނާއި ތަޖުރިބާގެގޮތުންވެސް ފުލުހުންނަށް ބޭނުންވާ ކުރިއެރުންތައް ގެނެސްދިނުމަކީ ސަރުކާރުން ވަރަށް އިސްކަންދެއްވާކަމެއްކަމަށާއި، އެކަމަށްޓަކާ ބެޖެޓުގެ ތެރެއިން ކޮންދޭންޖެހޭ ކަންތައްތައް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ފުލުހުންގެ ޚިދުމަތަށް ރީތި ނަން ހޯއްދަވައިދެއްވި އޮފިސަރުންނަށް ޕްރައިޑް އެންޑް މެރިޓް އެވޯޑު ޙަވާލުކޮށްދެއްވާފައެވެ.