ކުޅިވަރު

ރޮނާލްޑޯއާ ދެކޮޅަށް ސަޕޯޓަރުން މުޒާހަރާ ކުރަނީ


ބްރެޒިލްގެ މަޝްހޫރު ފޯވަޑް ރޮނާލްޑޯ ނަޒާރިއޯއާ ދެކޮޅަށް އޭނާގެ ކުލަބު ރެއާލް ވަޔަޑޮލިޑް ސަޕޯޓަރުން މުޒާހަރާ ހުއްޓާނުލައި ކުރިއަށް ގެންދަން ފަށައިފި އެވެ.

އެކުލަބުގެ ސަޕޯޓަރުން ރުޅިގަދަވީ މި ސީޒަނުގައި ވެސް ވަޔަޑޮލިޑް ރެލިގޭޓްވުމުންނެވެ. ސްޕެނިޝް ލީގުގެ 20 ކުލަބުގެ ތެރެއިން ވަޔަޑޮލިޑް މި ވަގުތު އޮތީ ފުލުގަ އެވެ. ލިބިފައިވަނީ 16 ޕޮއިންޓެވެ. ގެއްލުން 57 ގޯލު އެބައޮތެވެ. މިހެންވެ ޔަގީނުން ވެސް އެ ޓީމަށް މިހާރު ލީގުގެ ގަދަ 17ގެ ތެރޭގައި ހިމެނިގެން އަންނަ ސީޒަނުގައި ލަލީގާގައި ކުޅުމުގެ ފުރުސަތު ނުލިބޭނެ އެވެ.

ވަޔަޑޮލިޑްގެ ސަޕޯޓަރުން ރޮނާލްޑޯއާ މެދު ނުރުހެނީ އޭނާ ކުލަބު ގަތުމަށްފަހު ކުލަބަށް އިންވެސްޓް ނުކުރާތީ އެވެ. ސްޕޭނުގެ އެންމެ ގަދަ ދެ ޓީމު ކަމަށްވާ ބާސެލޯނާ އާއި ރެއާލް މެޑްރިޑަށް ކުޅުނު ރޮނާލްޑޯ މި ކުލަބު ގަތްއިރު ބުނީ ފަސް އަހަރު ތެރޭގައި ޗެމްޕިއަންސް ލީގު ކުޅެވޭ ފެންވަރަށް ކުލަބު ކުރިއަރުވާނެ ކަމަށެވެ. މި މުއްދަތު 2024 ވަނަ އަހަރަށް ފާއިތުވިއިރު އެކުލަބު ވަނީ އޭނާގެ ޒައާމަތުގައި ތިން ފަހަރު ރެލިގޭޓްވެފަ އެވެ.

އެކުލަބުގެ ސަޕޯޓަރުން ބުނަނީ ރޮނާލްޑޯ ކުލަބަށް އަޅާނުލާ ކަމަށާއި ވަޔަޑޮލިޑް ކުޅޭ ގިނަ މެޗުތަކުގައި އޭނާ ދަނޑުން ނުފެނުމަކީ އޭގެ ހެއްކެއް ކަމަށެވެ.

މިހެންވެ ސަޕޯޓަރުން ދަނީ އޭނާގެ އިސްތިއުފާ ދިނުމަށް ވެސް ގޮވާލަމުންނެވެ. ނަމަވެސް މިކަމާމެދު ރޮނާލްޑޯ އަދި ވަކި އެއްޗެއް ނުބުނެ އެވެ.

ބްރެޒިލަށް ދެ ފަހަރު ވޯލްޑްކަޕް ކާމިޔާބުކޮށްދިން ރޮނާލްޑޯ އަކީ ދުނިޔެ ދެކެފައިވާ އެންމެ މޮޅު އެއް ފޯވަޑެވެ. އަދި ފީފާގެ ރަސްމިއްޔާތުތަކުގައި ވެސް މިހާރު އެންމެ އިސްކޮށް ބައިވެރިކުރުވާ ކުރީގެ ލެޖެންޑަކީ އޭނާ އެވެ.

ދާދި ފަހުން ރޮނާލްޑޯ ވަނީ ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ކަމަށް ވެސް ކުރިމަތިލާން ކެމްޕޭންކޮށްފަ އެވެ. ނަމަވެސް އެކަން އޭނާ އަށް ނާކާމިޔާބުވީ މިހާރުގެ ރައީސް އެޑްނާލްޑޯ ރޮޑްރިގޭޒްގެ މާބޮޑަށް ބާރުގަދަވުމުންނެވެ.