ކުޅިވަރު

ޕްރިމިއަރ ލީގު ކާމިޔާބު ކުރުމަކީ ފަސޭހަކަމެއްނޫން: ސްލޮޓް


އިނގިރޭސި ޕްރިމިއަރ ލީގު ކާމިޔާބު ކުރުމަކީ އެއްގޮތަކަށް ވެސް ފަސޭހަ ކަމެއްނޫން ކަމަށް ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓް ބުނެފި އެވެ.

އޭނާ މިހެން ބުނީ އިނގިރޭސި ޕްރިމިއަރ ލީގު ކާމިޔާބު ކުރުމަށް އޭނާގެ ޓީމު އެންމެ ޕޮއިންޓެއް ބޭނުންވެފައިވަނިކޮށެވެ. ލީގުގައި މިރޭ ޓޮޓެންހަމާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗުން ލިވަޕޫލަށް ލީގު ކަށަވަރު ކުރެވިދާނެ އެވެ.

ސްލޮޓް ލިވަޕޫލާ ހަވާލުވީ މި ސީޒަނުގަ އެވެ. އެއީ ހުސްވި ސީޒަނަށް ފަހު ކާމިޔާބު ކޯޗު ޔާގެން ކްލޮޕް އިސްތިއުފާ ދިނުމުންނެވެ. ސްލޮޓް ވަނީ މީގެ ކުރިން ނެދަލޭންޑްސްގެ ފޭނޫޑްގައި ޑަޗް ލީގު ކާމިޔާބުކޮށްފަ އެވެ.

"އަހަރެންނަށް ކިޔައިދެވޭނީ އަހަރެން މި ކުލަބުގައި ހުރި ވަގުތު ކަން ހިނގާފައިވާ ގޮތް. އެއްގޮތަކަށް ވެސް މި ލީގަކީ ފަސޭހަ ލީގެއްނޫން. އެއްވެސް މެޗަކީ ކާމިޔާބު ކުރަން އެހާ ފަސޭހަ މެޗުތަކެއްނޫން،" ސްލޮޓް ބުންޏެވެ.
ޖުމުލަ 12 ޕޮއިންޓްގެ ލީޑަކާއެކު ޓޭބަލުގެ ކުރީގައި އޭނާގެ ޓީމު އޮތް ނަމަވެސް ސްލޮޓް ބުނީ ލިވަޕޫލަށް މި އަހަރު ލިބުނު ލީޑް އަބަދު ހޯދުމަކީ އެއްވެސް ޓީމަކަށް ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.

"އަހަރުމެން ނަތީޖާތަކަށް ބަލާއިރު މި ސީޒަނުގައި ބައެއް މެޗުތައް ތަފާތު ބޮޑުކޮށް މޮޅުވެފައި އެބަހުރި. އެކަމަކު މި ލީގުގައި ތިން ލަނޑުން ނުވަތަ ހަތަރު ލަނޑުގެ ތަފާތަކުން މޮޅުވުމަކީ ފަސޭހަ ކަމެއްނޫން،" ކޯޗު ބުންޏެވެ.

އޭނާ ބުނީ އާސެނަލް އާއި މެންޗެސްޓާ ސިޓީ އަކީ އެންމެ ވާދަވެރި ޓީމުތައް ކަމަށާއި ނަމަވެސް ލިވަޕޫލާއި ސިޓީ އާއި އާސެނަލް ފަދަ ޓީމުތަކަށް ލިބޭ ވަރުގެ ފަންޑެއް އެހެން ޓީމުތަކަށް ލިބިއްޖެނަމަ ލީގުގެ އެހެން ޓީމުތައް ވެސް ވަރުގަދަވާނެ ކަމަށެވެ. އަދި އޭނާ އެންމެ ފުރަތަމަ ހީކުރި ވަރަށްވުރެ އިނގިރޭސި ލީގުގެ ޓީމުތައް ވަރުގަދަ ކަމަށެވެ.

ލިވަޕޫލް އެންމެ ފަހުން ޕްރެމިއާ ލީގު ކާމިޔާބު ކުރީ ޔާގެން ކްލޮޕްގެ ކޯޗުކަމުގައި 2020 ވަނަ އަހަރު އެވެ. ނަމަވެސް އެ އަހަރު ކޮވިޑްގެ ސަބަބުން ލިވަޕޫލް ސަޕޯޓަރުންނަށް ތައްޓާއެކު އުފާފާޅު ކުރުމުގެ ފުރުސަތެއް ނުލިބުނެވެ. އެއީ 30 އަހަރަށް ފަހު ލިވަޕޫލަށް ޕްރެމިއާ ލީގު ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރުވެސްމެ އެވެ. މިހެންވެ ލިވަޕޫލުން އަންނަނީ މި ސީޒަނަށް ފަހު އުފާފާޅު ކުރުމަށް ހާއްސަ ހަރަކާތްތައް އިންތިޒާމް ކުރަމުންނެވެ.