ޚަބަރު

ލުބުނާނަށްދޭ ޙަމަލާތައް: ސުލްޙައިގެ މަސައްކަތަށް ހުރަހެއް


ޔަހޫދީން ލުބުނާނަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތައް ދެމުންދާތީ އީރާނާއި އެމެރިކާއާ ދެމެދު ސޮއިކޮށްފައިވާ ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމާ ގުޅޭ އެއްބަސްވުން ދެމެހެއްޓުމަށް އިތުރު ގޮންޖެހުންތައް ދަނީ ކުރިމަތިވަމުންނެވެ.

ދެ ހަފްތާގެ މުއްދަތަށް ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އީރާނާއި އެމެރިކާއިން އެއްބަސްވިތާ މާ އިރުތަކެއް ނުވެ، އޭޕްރިލް މަހުގެ 8ވަނަ ދުވަހު ޔަހޫދީން ވަނީ ލުބުނާނުގެ ބައިބޯ ސަރަޙައްދުތަކަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތަކުގައި 250އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވެއެވެ. ޔަހޫދީން ވަނީ ލުބުނާނުގެ 100އެއްހާ ސަރަޙައްދަށް ދިހަ މިނެޓުގެ ތެރޭގައި ގިނަ ޙަމަލާތަކެއް ދީފައިވެއެވެ. އެއީ މިިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުަވަހު މެދުއިރުމަތީ ހަނގުރާމަ ފެށުނު ފަހުން ޔަހޫދީން ލުބުނާާނަށް މިހާތަނަށް ދީފައިވާ އެންމެ ވަރުގަދަ ޙަމަލާތަކެވެ. އޭގެ ފަހުން ވެސް، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ޔަހޫދީން ވަނީ ލުބުނާނަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ.

ޔަހޫދީން ލުބުނާނަށް ޙަމަލާ ދޭން ފެށުމާއެކު، ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ތެރޭގައި ލުބުނާނަށް ޙަމަލާ ދިނުން ހުއްޓައިލުން ނުހިމެނޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެއްބަސްވުން އެކުލަވާލުމުގައި މެދުވެރިއެއްގެ ދައުރު ޢަދާކުރި ޕާކިސްތާނުން ވެސް އަދި އީރާނުން ވެސް ބުނަމުން ދަނީ، އެ އެއްބަސްވުމުގެ ތެރޭގައި ލުބުނާނަށް ޙަމަލާ ދިނުން ހުއްޓައިލުން ވެސް ހިމެނޭ ކަމަށެވެ.

ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާއިން ސަބަބެއް ނެތި އީރާނަށް ޙަމަލާދީ ހަނގުރާމަ ފެށުމާ ގުޅިގެން އީރާނުން ވަނީ ދުނިޔޭގެ އެކި ސަރަޙައްދުތަކަށް ތެލާއި ޤުދުރަތީ ގޭސް އުފުލުމަށް ބޭނުންކުރާ މައި މަގެއް ކަމަށްވާ ހުރުމުޒު ކަނޑުއޮޅި ހުރަސްކުރުމަށް ހުރަސްއަޅައިފައެވެ. އެއާއެކު ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުން ޤާއިމްކުރުމާއެކު އީރާނުން ވަނީ އެ ކަނޑިއޮޅި ބޭނުންކުރުމުގައި ލުއި ދީފައެވެ. ނަމަވެސް ޔަހޫދީން ލުބުނާނަށް ޙަަމަލާ ދިނުމުން އެކަމާ ހިތްހަމަ ނުޖެހި އީރާނުން މިހާރު ވަނީ އަނެއްކާ ވެސް އެ ކަނޑުއޮޅި ބޭނުންކުރުން ދަތިކޮށްފައެވެ. އެއްބަސްވުން ޤާއިމްކުރިތާ ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި އެ ކަނޑުއޮޅި ހުރަސްކޮށްފައި ވަނީ އެންމެ ތެޔޮ ޓޭންކަރަކާއި ފަސް ބަލްކު ކެރިއަރެވެ. ހަނގުރާމައިގެ ކުރިން ދުވާލެއްގެ މައްޗަށް 140އަށް ވުރެ ގިނަ ބޯޓުފަހަރު ދިޔައީ އެ މަގު ހުރަސްކުރަމުންނެވެ.

އީރާނުން ހުށަހަޅާފައިވާ 10 ނުކުތާއެއްގެ މައްޗަށް ބިނާކޮށް، އެމެރިކާއާއެކު ސުލްޙައިގެ މަޝްވަރާތައް އޭޕްރިލް 10 ވަނަ ދުވަހު ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. އީރާނުގެ ރައީސް ވަނީ މަޝްވަރާތަކަށް ހާޒިރުވެވަޑައިގަންނަވާނެ ކަން އިޢުލާނުކުރައްވައިފައެވެ.