ކުޅިވަރު

ރުޑިގާ 12 މެޗު ނުވަތަ ހަ މަހަށް ސަސްޕެންޑް ކޮށްފާނެ!


ރެއާލް މެޑްރިޑުގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ 12 މެޗު ނުވަތަ ހަ މަހަށް ސަސްޕެންޑް ކޮށްފާނެ ކަމަށް ސްޕޭނުގެ މީޑިޔާތަކުން ބުނަން ފަށައިފި އެވެ.

ޖަރުމަނުގެ ޑިފެންޑަރުގެ މައްސަލައަކީ ރެފްރީ ގައިގަ ޖަހަން ބެންޗުގައި ހުރެފައި އައިސް ކިއުބެއް އެއްލުމެވެ. އަދި އޭގެ ފަހުން ރުޅިގަދަވެ، ރެފްރީއާ ދިމާލަށް ދާން މަސައްކަތް ކުރުމެވެ. އޭނާ ހުއްޓުވީ ރެއާލްގެ ކުޅުންތެރިންނާއި އޮފިޝަލުން ވެގެންނެވެ.

ރުޑިގާ އަކީ ރޭ ކޮޕާ ޑެލްރޭ ފައިނަލް މެޗުގައި ބާސެލޯނާ އަތުން ރެއާލް މެޑްރިޑް އިތުރު ވަގުތު ކުޅެގެން 3-2އިން ބަލިވި މެޗުގެ އިތުރު ވަގުތުގެ 30 މިނިޓްގެ ތެރޭގައި އަނިޔާވެގެން ބޭލި ކުޅުންތެރިއެކެވެ. އޭނާ ރުޅި ގަދަވެގެން އުޅެން ފެށީ މެޗުގެ 116 ވަނަ މިނިޓްގައި ރެއާލްގެ ކީލިއަން އެމްބާޕޭ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ ހުސްކޮށް ގޯލަށް ޖަހަން އުޅެނިކޮށް ބާސެލޯނާގެ އެރިކް ގާސިއާ ފަހަތުން ކުރި ޓެކްލް އަށް ޕެނަލްޓީ ނުދިނުމުންނެވެ.

މި މެޗުގެ ރެފްރީ ރިކާޑޯ ޑި ބާގޯސް ބެންގޯޓްޒީ އޭނާގެ ރިޕޯޓްގައި ބުނެފައިވަނީ ރުޑިގާ އަށް ރަތްކާޑު ދެއްކީ ޓެކްނިކަލް އޭރިޔާގެ ތެރޭގައި ހުރެފައި އެއްޗެއް އެއްލުމުން ކަމަށެވެ. އަދި 32 އަހަރުގެ ރުޑިގާ އެއްލި އެތިން ދިޔައީ އޭނާގެ ގައިގަ ނުޖެހި ކަމަށެވެ.

ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ގަވާއިދުގައިވާ ގޮތުގެ މަތީން މި މައްސަލަ ބަލާ ނިމޭއިރު ރުޑިގާ އަށް 12 މެޗުގެ ސަސްޕެންޝަނެއް އައުން އެކަށީގެންވެ އެވެ. އެ ފެޑަރޭޝަނުގެ ގަވާއިދުގެ 101 ވަނަ މާއްދާގައިވަނީ ރެފްރީއާ ދިމާކޮށް މެދުމިނުގެ ހަމަނުޖެހުމެއް ހިންގައިފިނަމަ ހަތަރެއް ނުވަތަ 12 މެޗަށް ސަސްޕެންޑް ކުރެވިދާނެ ކަމަށެވެ. އަދި މި ގަވާއިދުގެ 104 ވަނަ މާއްދާގައިވަނީ ކުޅުންތެރިއަކު ރެފްރީއަށް ގޯނާ ކުރުމަށް ކުރާ އަމަލެއްގެ ކުޑަބޮޑުމިނަށް ބެލުމަށްފަހު ތިން މަހާއި ހަ މަސް ދުވަހުގެ މުއްދަތަކަށް ސަސްޕެންޑް ކުރެވިދާނެ ކަމަށެވެ. އަދި މި ފަދަ އަމަލެއް ހިންގުމުގެ ސަބަބުން ރެފްރީ އަށް އަނިޔާވެ، މެޗު މެދުކަނޑާލައި، ނުވަތަ ހުއްޓާލުން ފަދަ ކަމެއް ދިމާވެއްޖެނަމަ އެ ކުޅުންތެރިޔާ އަށް ހަ މަސް ދުވަހާއި އެއް އަހަރާ ދެމެދުގެ އަދަދަށް ވެސް ސަސްޕެންޑް ކުރެވިދާނެ ކަމަށެވެ.

ރެއާލް މެޑްރިޑް މި ސީޒަނުގައި ބާސެލޯނާ އަތުން މޮޅެއްނުވެ އެވެ. އަދި ރޭގެ ފައިނަލަކީ މި ސީޒަނުގައި ބާސެލޯނާ އަތުން ރެއާލް ބަލިވި ދެ ވަނަ ފައިނަލެވެ. މީގެ ކުރިން ބަލިވީ މި އަހަރުގެ ސްޕެނިޝް ސުޕަ ކަޕް ފައިނަލުންނެވެ.

ރޭގެ މެޗުގެ ކުރިން ވެސް ރެފްރީންނާއި ރެއާލްއާ ދެމެދު އޮތީ މައްސަލަ ޖެހިފަ އެވެ. އެއީ ރެއާލް މެޑްރިޑް ޓީވީން މެޗުގެ ރެފްރީ އާއި ވީޑިއޯ އެސިސްޓެންޓް ރެފްރީ މީގެ ކުރިން ހަދާފައިވާ ގޯސްތައް އާއްމުކޮށް ދައްކައި ފާޑުކިޔަން ފެށުމުންނެވެ. މިކަމާ ގުޅިގެން މެޗުގެ ކުރީ ދުވަހު ރެފްރީން ވަނީ ޕްރެސް ކޮންފަރެންސްއެއްދީފަ އެވެ. އަދި ބުނެފައިވަނީ އެމީހުން ވަކި ޓީމަކަށް ފައިދާވާގޮތަށް މަސައްކަތް ނުކުރާ ކަމަށާއި އަދި ހަގީގަތާ ހިލާފު ވާހަކަ ދައްކައި ރުޅިވެރިކަން ފަތުރަން މަސައްކަތް ކުރަނީ ކަމަށެވެ.

މިކަމާ ގުޅިގެން ރެއާލްއިން ވަނީ މި މެޗުގެ ރެފްރީން ބަދަލުކޮށްދޭން ސްޕޭން ފުޓްބޯޅަ ފެޑަރޭޝަނުގައި އެދިފަ އެވެ. އެކަމަކު މި ހުށަހެޅުން ގަބޫލުނުކޮށް ފެޑަރޭޝަނުން ބުނީ ރެއާލް އުޅެނީ މޮޔަހީވެގެން ކަމަށެވެ. އަދި ރެފްރީންގެ ކަރާމާތާއި އެމީހުންގެ ޕްރޮފެޝަނަލްކަން ހިފެހެއްޓުމަށްޓަކައި މިގޮތަށް ސަބަބެއްނެތި ހުށަހަޅާ ހުށަހެޅުންތަކަށް އަމަލު ނުކުރާނެ ކަމަށެވެ. ރެއާލްގެ ޓީވީން ދެއްކި މަންޒަރުތަކާ ބެހޭ ގޮތުން އެ ކުލަބުން ބުނީ އެއީ މީޑިއާގެ މިނިވަންކަން ކަމަށެވެ.