ޚަބަރު

ހުރިހާ ސިނާއަތެއްގައިވެސް މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރާނަން: ވަޒީރު ހައިދަރު


  • މިއަހަރުގެ ޝިޢާރަކީ "މަސައްކަތުގެ މާހައުލުގައި އޭ.އައި އަދި ޑިޖިޓަލައިޒޭޝަންގެ ދައުރު".

  • އަމާން، ހިތްފަސޭހަ މަސައްކަތުގެ ވެށްޓެއް ހޯދައިދިނުމުގެ މަސައްކަތަކީ މި ސަރުކާރުގެ އެއް ވައުދު

ރާއްޖޭގެ މަސައްކަތްތެރިކަމުގެ ހުރިހާ ސިނާއަތެއް ހިމެނޭހެން މަސައްކަތު މާހައުލުގެ ސަލަމާތާއި ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރާނެކަމަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ދުވަހު ދެއްވި ހާއްސަ ޚިޠާބުގައެވެ. މިއަހަރުގެ ޝިޢާރަކީ "މަސައްކަތުގެ މާހައުލުގައި އޭ.އައި އަދި ޑިޖިޓަލައިޒޭޝަންގެ ދައުރު" އެވެ.

މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވީ ބައިނަލްއަޤުވާމީ މުޖުތަމައާ ގުޅިގެން، ރާއްޖޭގައި މަސައްކަތްކުރާ އެންމެހައި މަސައްކަތްތެރިންނަށް އަމާން، ހިތްފަސޭހަ އަދި އަބުރުވެރި މަސައްކަތުގެ ވެށްޓެއް ދެމެހެއްޓެނިވި ގޮތެއްގައި ހޯދައިދިނުމުގެ މަސައްކަތަކީ މި ސަރުކާރުގެ އެއް ވައުދުކަމަށެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގައި، މަސައްކަތްތެރިންގެ މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމާއި ދުޅަހެޔޮކަން ޔަޤީންކުރުމަށް ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމުގައި ކާމިޔާބީތަކެއް ހާސިލުކުރެވިފައިވާކަމަށެވެ. އެގޮތުން، މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްޙީ ރައްކާތެރިކަމުގެ ޤާނޫނާއި މި ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދު އެކުލަވާލެވި، އަމަލީ ސިފަ ގެނައުމަށް ކުރަމުންދާ މަސައްކަތްތަކަކީ، މަސައްކަތްތެރިންގެ ހައްޤުތަކަށް އަދުގެ ސަރުކާރުން އިސްކަންދޭ މިންވަރު ދައްކުވައިދޭ ހެއްކެއްކަމަށް ވަޒީރު ހައިދަރު ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ދާއިރާތައް އާޓިފިޝަލް އިންޓެލިޖެންސް އަދި ޑިޖިޓަލައިޒޭޝަންއަށް ބަދަލުވެގެންދާ ބާރުމިން ބަލައިގަންނައިރު، މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމާއި ދުޅަހެޔޮކަމަށް މިކަމުން ކުރާނެ އަސަރުތަކަށް އިސްވެ ރިޢާޔަތްކުރަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ފަންނިއްޔާތުގެ އެހީގައި ހިރާސްތައް ދެނެގަތުމާއި، ޕްރިޑިކްޓިވް މެއިންޓެނަންސާއި، ތަމްރީނު ދިނުމުގެ އައު ގޮތްތަކާއި، އަދި ނުރައްކާތެރި މަސައްކަތްތައް އޮޓޮމޭޓްކުރުމުގެ ތެރެއިން، މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން އިތުރުކުރުމަށް ވަރަށް ބޮޑެތި ފުރުސަތުތަކެއް ލިބިގެންދާކަމަށެވެ.

ވަޒީރު ވިދާޅުވީ ދިވެހި ސަރުކާރުގެ ސިޔާސަތަކީ ވަޒީފާގެ މާހައުލުގައި އާޓިފިޝަލް އިންޓެލިޖެންސް އަދި ޑިޖިޓަލައިޒޭޝަން ބޭނުންކުރުމުގައި އިންސާނުން އިސްކުރާ އުޞޫލު ގެންގުޅުންކަމަށެވެ. އެގޮތުން، ވަޒީފާދޭ ފަރާތްތަކާއި، މަސައްކަތްތެރިންގެ ޖަމްޢިއްޔާތަކާއި، އަދި އެހެނިހެން ސްޓޭކް ހޯލްޑަރުންނާއެކު މަސައްކަތްކޮށް، މި ފަންނިއްޔާތުތަކުގެ ފައިދާ ހޯދުމާއެކު މުވައްޒަފުންގެ ރައްކާތެރިކަމާއި، ޞިއްޙަތާއި، ޤަދަރު އިސްކުރާ ސިޔާސަތުތަކާއި އިސްތިރާޖުތައް އެކުލަވާލައި ތަންފީޒުކުރުމަކީ އިސްކަމެއްދޭންޖެހޭ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިއީ އެންމެން ގުޅިގެން ކުރަންޖެހޭ މަސައްކަތެއް. ޞިއްޙީ ގޮތުން ރައްކާތެރި މަސައްކަތުގެ މާޙައުލެއް ދެމެހެއްޓުމުގެ ސަގާފަތެއް އަށަގެންނެވުމަށާއި، އެކަމަށް އިންވެސްޓްކުރުމަށާއި، އަދި މި އައު ފަންނިއްޔާތުގެ ޒަމާނަށް ރިޢާޔަތްކޮށް ރައްކާތެރި އަދި ދުޅަހެޔޮ ގޮތުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރެވޭނެ ނިޒާމެއް މުވައްޒަފުންނަށް ގާއިމުކޮށްދިނުމަށް، ރާއްޖޭގައި ވަޒީފާދޭ ހުރިހާ ފަރާތްތަކަށް ނަސޭޙަތްތެރިވަން. ހަމައެއާއެކު، މުވައްޒަފުން އަމިއްލައަށް އިސްނަގައިގެން، މަސައްކަތުގެ ރައްކާތެރިކަމާއި ސިއްހަތު ހިމާޔަތްކުރުމުގައި ބައިވެރިވެ، ނުރައްކާތެރި ކަންކަމަށް ފަރުވާތެރިވެ، މަސައްކަތްތެރިންގެ ޙައްޤުތަކާއި ޒިންމާތައް އަދާކުރުމަށް މި ފުރުޞަތުގައި އިލްތިމާސް ކުރަން." ވަޒީރު ހައިދަރު ވިދާޅުވިއެވެ.

ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވީ މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށް ހަދާފައިވާ ސިޔާސަތުތައް، ފަތުރުވެރިކަމާއި މަސްވެރިކަމާއި އިމާރާތްކުރުމުގެ ދާއިރާ ހިމެނޭހެން، ހުރިހާ ދާއިރާއެއްގައިވެސް ހަރުދަނާކަމާއެކު ތަންފީޒުކުރާނެކަމަށެވެ. އަދި އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން ފަދަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ ގުޅިގެން، އެފަރާތްތަކުގެ ފަންނީ ލަފަޔާއި މަޝްވަރާއާއެކު، ހެދިފައިވާ އުޞޫލުތައް ހަރުދަނާކުރުމާއި، ގައުމީ މިންގަނޑުތައް ބައިނަލްއަޤްވާމީ ފެންވަރުގައި ހިފެހެއްޓުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިޔަށް ދާނެކަމުގެ ޔަގީންކަން އަރުވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރެވޭ މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ދުވަހު، މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމަކީ ހަމައެކަނި އިސްކަންދޭ ކަމެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި އެއީ މަސައްކަތުގެ މާޙައުލުގައި ބިންވަޅުނެގިފައިވާ އަސާސްތަކެއްގެ ގޮތުގައި ބޭއްވުމުގެ ޢަޒުމް ކަނޑައަޅަން ޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކޮންމެ ދުވަހަކީވެސް މަސައްކަތްތެރިން މަސައްކަތް ނިންމުމަށްފަހު ދުޅަހެޔޮކަމާއި ރައްކާތެރިކަމާއެކު އެނބުރި ގެއަށް ދާ ދުވަހެއްކަން ކަށަވަރުކުމަށް އެކުގައި މަސައްކަތްކުރުމަށް ވަޒީރު ވަނީ އެދިވަޑައިގަންނަވާފައެވެ.