މިމަހުގެ 18ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެން ކުއްޖަކު ވެއްޓުނު ހާދިސާއާ ގުޅިގެން އުފެއްދެވި ޚާއްސަ ކޮމިޝަން އެކުލެވިގެންވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ބަދަލުގެންނަވައިފިއެވެ.
މިމަހުގެ 18ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، އެ ހާދިސާގެ ޙަޤީޤަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާގޮތް އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކީ ތަޙުޤީޤުކޮށް، ލަފާ ދިނުމަށް ޓަކައި، ކޮމިޝަނެއް އުފައްދަވާފައިވަނީ މިމަހުގެ 27ވަނަ ދުވަހުގައެވެ.
ކޮމިޝަނަށް، ރައީސުލްޖުމްހޫރިއްޔާ ގެންނެވި ބަދަލާއެކު މިހާރު ކޮމިޝަނުގައި ތިއްބަވާ މެންބަރުންގެ އަދަދު 3 އިން 5އަށް ވަނީ އިތުރުކުރައްވާފައެވެ. އަދި ކުރިން ކޮމިޝަނަށް އައްޔަންކުރެއްވި މެޑިކަލް ޑޮކްޓަރުގެ ބަދަލުގައި އެހެން ބޭފުޅަކުވަނީ އައްޔަންކުރައްވާފައެވެ.
ޑރ. މުޙައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، ވ. އަލްމާން
ޑޮކްޓަރ މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641
ޖަބީން މުޙައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ
އާމިނަތު އީނާސް، ހ. ހަބަރުގެ
އަލަށް އައްޔަންކުރެއްވި ބޭފުޅުންގެ ތެތެރެއިން ޑރ. މޫސާ މުރާދަކީ އައިޖީއެމް ހޮސްޕިޓަލުގައި ޚިދުމަތްކުރައްވާ އެތެރެހަށީގެ ޑޮކްޓަރެކެވެ. އާމިނަތު އީނާސްއަކީ ހިއުމަންރައިޓްސް ކޮމިޝަނުގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޖަބީން މުޙައްމަދަކީ ހުޅުމާލެ ހޮސްޕިޓަލްގެ ނާސިންގ ޑިރެކްޓަރުގެ ގޮތުގައި ހުންނެވި އަދި ކުރިން އައިޖީއެމްއެޗްގައިވެސް ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.
ކޮމިޝަނުގެ މެންބަރުންގެ ތެރެއިން މިހާރުވެސް ކޮމިޝަނުގެ ރައީސްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނީ ޑރ. މުޙައްމަދު މުނައްވަރެވެ.
ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން މި ކޮމިޝަނަށް ލިބިދޭ ބާރުތަކާއި އިމްތިޔާޒުތަކުގެ ތެރޭގައި ހިމެނެނީ؛
(ހ) ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި ކޮމިޝަނުން ކުރިޔަށްގެންދާ ތަޙުޤީޤުތަކަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން؛
(ށ) ކޮމިޝަނުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައްޔާއި ތަޙުޤީޤުތަކުގައި އެހީތެރިވުމަށް ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި، ރާއްޖެއިން ބޭރުގެ ޚަބީރުންގެ އެހީތެރިކަން ހޯދުން؛
(ނ) ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން، ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގައި ބަޔާންކުރާ، ޤާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުން؛
(ރ) ހައްޔަރު އަމުރާއި، ޖިނާއީ ތަޙުޤީޤުތަކާ ގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުގައި އެދުން؛
(ބ) ހާޒިރުކުރަންޖެހޭކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށްގެން ސުވާލުކުރުމާއި، މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެނޫން ވެސް ހެކި ހޯދުމާއި، އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން؛
(ޅ) ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކޮމިޝަން ނޫން އެހެން ފަރާތަކުން އެއްވެސް ތަޙުޤީޤެއް ކޮށްފައި ވާ ނަމަ، އެ ތަޙުޤީޤަކުން ނުވަތަ އެނޫންވެސް ގޮތަކުން ހޯދައިފައިވާ ހޯދުންތަކާއި، އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި، ހެއްކާއި، ޤަރީނާތަކާއި، އެނޫން ވެސް މަޢުލޫމާތު ހޯދުން.
މި ކޮމިޝަނަކީ، ކޮމިޝަނާ މަތިކުރެވޭ މަސައްކަތްތައް ފުރިހަމަވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމާ ހަމަޔަށް ދެމިއޮންނާނޭ ކޮމިޝަނެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު ބަޔާންކޮށްފައިވެއެވެ.