ޚަބަރު

ބައްސާމްއާ އެފްއޭއެމްގެ އިސްވެރިންގެ މައްޗަށް އުފުލި ދަޢުވާތައް އަނބުރާ ގެންދިއުމުގެ ވިސްނުމެއް ނެތް: ޕީޖީ އޮފީސް


އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި އެއެސޯސިއޭޝަނުގެ އިސްވެރިންގެ މައްޗަށް އުފުލާފައިވާ އެއްވެސް ދަޢުވާއެއް މުރާޖާކުރުމަށް ނުވަތަ އަނބުރާ ގެންދިއުމުގެ ވިސްނުމެއް ނެތްކަމަށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުން މިހެން ވިދާޅުވެފައިވަނީ ބައްސާމް އަދީލް ޖަލީލް އާއި އެފްއޭއެމްގެ ބައެއް އިސްވެރިންގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް ޕީޖީން އަނބުރާ ގެންދަން އުޅޭކަމަށް ބުނެ ޚަބަރުތަކެއް ފެތުރިގައިވާ ދަނޑިވަޅެއްގައެވެ.

ބައްސާމު ޢަދީލް ޖަލީލް، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަޤާމުގައި ހުރިއިރު، އެ އެސޯސިއޭޝަނަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް ޚިޔާންތްތެރިވެ، އެފް.އޭއެމްއަށް ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި ޔޫއެސް ޑޮލަރުން ލިބޭ ފައިސާ އެ އެސޯސިއޭޝަންގެ އިސްވެރިންނާއި އެސޯސިއޭޝަނާއި ގުޅުން އޮންނަ ފަރާތްތަކާއި، ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކޮށް ނަހަމަގޮތުގައި ބޭނުންކޮށް މަނީލޯންޑްރިންގގެ ޢަމަލުތަކެއް ހިންގާފައިވާ މައްސަލާގައި ބައްސާމް ޢަދީލް ޖަލީލްގެ މައްޗަށް ވަނީ ދަޢުވާތަކެއް ކޮށްފައެވެ.

ބައްސާމުގެ މައްޗަށް އެންމެފަހުން އުފުލާފައިވަނީ ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ އާއި މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާއެވެ.

މި މައްސަލާގައި ކުރިން ތަޙުޤީޤުކުެވުނު ބައިގައި ބައްސާމު ޢަދީލް ޖަލީލްގެ މައްޗަށް ޚިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގގެ ކުށުގެ ދައުވާގެ އަޑުއެހުންތައް ކޯޓުގައި ކުރިއަށް އެބަދެއެވެ. އަދި މި ޢަމަލުތަކުގައި ބައިވެރިވީ އެފް.އޭ.އެމްގެ ބައެއް މުވައްޒަފުންގެ މައްޗަށްވެސް ވަނީ ދަޢުވާއުފުލާފައެވެ.

އެފްއޭއެމަށް ބޭރުގެ އިދާރާތަކުން ދޭ ފައިސާ އަށް ޚިޔާނާތްތެރިވެފައިވާ ކަމުގެ ތުހުމަތުގައި ފީފާގެ އިންޑަޕެންޑެންޓް އެތިކްސް ކޮމިޓީން ބައްސާމަށް ފިޔަވަޅުތަކެއް އަޅާފައިވަނީ މިދިޔަ ޖޫން މަހުގައެވެ.