އާދީއްތަ ދުވަހުގެ ރޭ 8:00 ކަންހާއިރު ގދ. ގައްދޫއިން ހުޅުމާލެއަށް ދަތުރުކުރަމުންދަނިކޮށް ގެއްލުނު "ބްރިލިއަންޓް ކެރިއަރ" ފެނިއްޖެއެވެ.
އެ ދޯނި ގެއްލިގެން ހޯދަން ފެށީ އިއްޔެއެވެ. ދޯނީގައި 5 މީހުން ދަތުރުކުރި އިރު އޭގެ ތެރޭގައި 3 ދިވެހިންނާއި 2 ބިދޭސީން ހިމެނެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ދޯންޏާ އެންމެ ފަހުން ގުޅިފައިވަނީ އޭޕްރިލް 28 ވަނަ ދުވަހުގެ ދަންވަރު 2:40 ގައި ކަމަށެވެ. އެއިރު ކެޕްޓަން ވިދާޅުވެފައިވަނީ ހުވަދުއަތޮޅަށް ވަންނަން ކައިރިވެފައިވާ ކަމަށެވެ. އޭގެ ފަހުން ދޯންޏާ ގުޅިފައެއް ނުވާކަމަށް ފުލުހުން ވިދާޅުވެއެވެ.
އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް އެ ދޯނީގެ ޚަބަރެއް ނުވެގެން ވެރިފަރާތުން ރިޕޯޓުކުރުމުން، ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ހުރިހާ ވަސީލަތްތަކެއްގެ ބޭނުންކޮށްގެން ވަނީ ކޮށްފައެވެ.
އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ދޯނި ހޯދުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރި މަސައްކަތުން އެ ދޯނި ހޯދާފައި ވަނީ މިއަދު ފަތިހު 04:00 ހާއިރު، ގއ. ވިލިގިނލީގެ އިރުއުތުރުން 48 މޭލު ބޭރުގައި އޮއްވައެވެ. އެ ދޯނި ފެނުނު އިރު ދޯނީގެ އިންޖީނު ވަނީ ހުއްޓިފައިކަމަށާއި، ދޯނީގެ ވެރިފަރާތާ ގުޅިގެން މިހާރު އެ ދޯނި، ކައިރި ރަށެއްގެ ބަނދަރަކަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ދޯންޏަށް ބޭނުންވާ އެހީތެރިކަން މިހާރު ފޯރުކޮށްދީފައިވާ ކަމަށާއި ދޯނިން ދަތުރު ކުރަމުން ދިޔަ އެންމެންގެވެސް ހާލު ރަނގަޅު ކަމަށް ފުލުހުން ވިދާޅުވިއެވެ.