ޚަބަރު

މަސްވެރިންނަށް ލޯނު ލިބޭނެ މަގު ތަނަވަސްކޮށްދިނުން، އެތައް އަހަރެއްވީ އުންމީދެއް


  • ލޯނު ދޫކުރުމަށް ބީއެމްއެލްއާއި އެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައި

  • ލޯނު ދޫކުރަނީ މަސްވެރިންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް

މަސްވެރިންނަށް ބޭންކިންގ ނިޒާމުގެ ތެރެއިން ލުއިލޯނާއި އެސް.ޓީ.އޯ ކްރެޑިޓް ފެސިލިޓީއަށް އެދުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި މަސައްކަތުގެ ދަށުން މަސްވެރިންނަށް ފަސޭހަކަމާއެކު ފައިނޭންސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް އާއި މަސްވެރިކަމާއި ކަނޑުގެވަސީލަތްތަކާ ބެހޭ ވުޒާރާއާއި ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން، މަސްވެރިންގެ ގައުމީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނަށް އެމީހުންގެ އާމްދަނީއަށް ބިނާކޮށް ޕަރސަނަލް ފައިނޭންސިންގް، ކްރެޑިޓް ކާޑު އަދި ގެދޮރު ގަތުމާއި އިމާރާތްކުރުމާއި މަރާމާތު ކުރުން ފަދަ އެކި ބޭނުންތަކަށް ކްރެޑިޓް ފެސިލިޓީއަށް ފަސޭހައިން ވާސިލުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި އިންތިޒާމުގެ ދަށުން، ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނަކާ ނުލައި އަދި އިކުއިޓީ (އަމިއްލައަށް ޚަރަދުކުރަންޖެހޭ ފައިސާ) ނުލައި 300,000 ރުފިޔާއާ ހަމައަށް ޕަރސަނަލް ފައިނޭންސިންގް ނެގޭނެކަމަށް ބީއެމްއެލުން ވިދާޅުވެއެވެ. މަސްވެރިކަމުގެ މޫސުމަށް އަންނަ ބަދަލުތަކާއެކު އާމްދަނީއަށް ރިއާޔަތްކޮށް އަނބުރާ ފައިސާ ދެއްކުމަށް ލުއިފަސޭހަ ގޮތްތަކެއްވެސް ބޭންކުން ހަމަޖައްސައިދޭނެއެވެ. މިއީ މިފަދަ ނިންމުމެއް ނިންމާ ފުރަތަމަ ފަހަރުކަން ފާހަގަކުރެވެއެވެ.

ބީއެމްއެލް އިންޓަރނެޓް ބޭންކިންގ ނުވަތަ މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ކޮންމެ ތަނަކުން ވެސް ޕަރސަނަލް ފައިނޭންސިންގް އަދި ލުއި ލޯނަށް އެދި ހުށަހެޅޭނެއެވެ.
މަސްވެރިކަމަކީ ވަޒީފާއެއްގައި އެކަށައަޅާ، ބޭންކިންގގެ ކްރެޑިޓް ރޭޓިންގްގެ ތެރެއަށް ފެތި މާލީ އިދާރާތަކުގެ ތެރެއިން ލޯނު ލިބުންފަދަ ޚިދުމަތްތައް ހޯދަން މަސްވެރިންނަށް ހުޅުވާލުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

މި ވަޢުދުފުއްދެވުމަށްޓަކައި ސަރުކާރުން ވެރިކަމާއި ހަވާލުވުމާއި އެކު މަސައްކަތްތައް ދިޔައީ ކުރައްވަމުންނެވެ. އެގޮތުން މިކަމަށް މަގުފަހި ކުރުމަށްޓަކައި މަސްވެރިންގެ ދަފްތަރެއް ވަނީ އެކުލަވާލާފައެވެ.

ސަރުކާރުން މިކުރަމުންދާ މަސައްކަތްތަކަށް މަސްވެރިންވެސް ދަނީ ތަޢުރީފްކުރަމުންނެވެ. އަދި މަސްވެރިންނަކީ ދަޢުލަތް ބަލައިގަންނަ ބަޔަކަށްވެގެން ދިޔުމުން ކުރިމަގުގައި މި ދާއިރާއާ ގުޅޭ ޒުވާނުންގެ އަދަދު އިތުރުވެގެންދާނެ ކަމަށް މަސްވެރިން ދެކެއެވެ.

"ދޯނިތަކުން ފައިބައިގެން ދިޔަ ގިނަ ޒުނާނުން އަނބުރާ ދޯނިތަކަށް އެރުމަށް ޝައުޤުވެރިކަން އިތުރުވެގެންދާނެ، މިއީ ވަރަށް ރަނގަޅު ނިންމުމެއް،" މަސްވެރިއެއް ބުނެފައިވެއެވެ.

މިސަރުކާރުން ދަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ސިންދަފާތުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަކަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މަސްވެރިންނަށް މިހާރު ދަނީ ޤަވާއިދުން 48 ގަޑިއިރުގެތެރޭގައި ފައިސާ ދޫކުރަމުންނެވެ. މިއާއެކު މަސްވެރިންނަށް ވަނީ މަސްވެރިކަމަށް ނިކުތުމަށް އައު ހިތްވަރެއް ލިބިގެން ގޮސްފައެވެ.