އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީއަށް ރާއްޖެއިން ކަނޑައެޅުއްވި ދާއިމީ މަންދޫބު އަހުމަދު ސަރީރުގެ މަޤާމުގެ ފަތްކޮޅު އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ހިސެއިން އިބްރާހިމް ތާހާއަށް އަރުވައިފިއެވެ.
އޯއައިސީއަށް ރާއްޖެއިން ކަނޑައެޅުއްވި ދާއިމީ މަންދޫބު މަޤާމުގެ ފަތްކޮޅު އެރުވުން އޮތީ މިއަދު ސަޢުދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ އޯއައިސީގެ މައިމަރުކަޒުގައެވެ.
ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތުގައި ސަރީރުވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ތަހުނިޔާ އަރިސްކުރައްވާފައެވެ.
މިރަސްމިއްޔާތުގައި ސަރީރު ވަނީ އޯއައިސީގެ ޗާޓަރުގައި ބަޔާންކޮށްފައިވާ ގޮތަށް އޯއައިސީގެ އުސޫލުތައް ކުރިއެރުވުމަށް ރާއްޖެއިން ކުރަމުންއަންނަ މަސައްކަތްތައް ހިއްސާކުރައްވާފައެވެ. އަދި އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށާއި އޯއައިސީގެ މެމްބަރު ގައުމުތައް އެއްބައިވަންތަކުރުމުގައި ސެކްރެޓަރީ ޖެނެރަލް އަދާކުރައްވަމުން ގެންދަވާ ދައުރު ފާހަގަކުރައްވާޢީ ޝުކުރުއަދާކުރައްވާފައެވެ.
މީގެ އިތުރުން ފަލަސްޠީނަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް އޯއައިސީއާއި މެމްބަރު ޤައުމުތަކުން ކުރަމުންދާ މަސައްކަތުގައި ގާތުން މަސައްކަތްކުރުމުގައި ދެމިތިބޭނެކަމަށްވެސް ސަރީރު ވިދާޅުވިއެވެ.
މިބައްދަލުކުރެއްވުމުގައި އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްވަނީ ރާއްޖެއިން ކަނޑައެޅުއްވި ދާއިމީ މަންދޫބަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ރާއްޖެއާއެކު އޮންނަ ގުޅުން ހަރުދަނާކޮށް އިސްލާމީ ޤައުމުތަކުގެ ކުރިމަގު އުޖާލާކުރުމަށް އޯއައިސީން ކުރަމުން އަންނަ މަސައްކަތް ސެކްރެޓަރީ ޖެނެރަލްވަނީ ހިއްސާކުރައްވާފައެވެ.
ފަތްކޮޅު އެރުވުމުގެ މިރަސްމިއްޔާތުގައި ޖިއްދާގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުގެ ސެކަންޑް ސެކްރެޓަރީ ރަހުމަތުﷲ ވަހީދު ބައިވެރިވެވަޑައިގެންނެވިއެވެ.
އޯއައިސީއަކީ 57 މެމްބަރު ޤައުމު ހިމެނޭ ބައިނަލްއަޤްވާމީ ޖަމްއިއްޔާއެކެވެ. ދިވެހިރާއްޖެއިން އޯއައިސީއާ ގުޅުނީ 1976 ވަނަ އަހަރުއެވެ.