ޖޫނިއަރ ޓީ20 ހަތަރު ޓީމު އުފެދިގެން ދިއުމަކީ ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް އޮފް މޯލްޑިވްސް (ސީބީއެމް)އަށް ލިބުނު ބޮޑު ކާމިޔާބީއެއްކަމަށާ، މިއީ 2026 ވަނަ އަހަރަށް އެއެސޯސިއޭޝަނުން ހިފި އަމާޒެއްކަމަށް ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް ގެ ރައީސް މުހަންމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ދަށުން ހިންގަމުން އަންނަ ކްރިކެޓް އެކަޑަމީ އޮފް މޯލްޑިވްސް އިން މިއަހަރު މުޅިން އަލަށް ބޭއްވި ޖޫނިއަރ ޓީ 20 މުބާރާތުގައި ހަތަރު ޓީމަކުންވަނީ ވާދަކޮށްފައެވެ.
ޒުވާން އުންމީދީ ހުނަރުތަކެއް ފާހަގަކުރެވުނު މިމުބާރާތަކީ ފާއިތުވެދިޔަ އަހަރު އެއެސޯސިއޭޝަނުން އަމާޒު ހިފި ލަނޑުދަނޑިއެއްކަމަށާ، މުބާރާތުގައި ވާދަކުރާނެ ހަތަރު ޓީމު އުފެދިގެންދިޔަކަމީ އެއެސޯސިއޭޝަނުގެ އަމާޒަށް ވާސިލްވެވުނުކަމުގެ ބޮޑު ހިތްހަމަޖެހުމެއް ލިބުނުކަމެއްކަމަށް ފައިސަލް ވިދާޅުވިއެވެ.
"މިމުބާރާތަކީ އަޅުގަނޑުމެންގެ ޔޫތް ޑެވެލޮޕްމެންޓް ޕްރޮގްރާމުގެ ވަރަށް މުހިންމު މުބާރާތެއް. ފުރަތަމަ ފަހަރަށް އަޅުގަނޑުމެން ޓީ 20 އަންޑަރ 16 މުބާރާތެއް މިބާއްވަނީ. މިމުބާރާތަކީ މިދިޔަ އަހަރު އަޅުގަނޑުމެން ހުރިހާ ކޯޗުންނަށްވެސް ހަވާލުކުރި ޓާގެޓެއް އެއީ، ނެޝަނަލް އަންޑަރ 16 މުބާރާތަކަށް ޓީމުތަކެއް ތައްޔާރުކޮށްދޭން. އެގޮތުން ހަތަރު ޓީމެއް މިއޮތީ ތައްޔާރުކުރެވިފަ. އެހެންވީމަ ޑެވެލޮޕްމެންޓްގަ ވަރަށް ކާމިޔާބުކަމެއްގެ ގޮތުގައި މި ފާހަގަކުރެވެނީ" މުޅިން އަލަށް ބޭއްވި މުބާރާތާ ގުޅޭގޮތުން ފައިސަލް ވިދާޅުވިއެވެ.
ކުރިކެޓް ދިރުވާ އާލާކޮށް، ކުޅިވަރުގެ ތެރެއަށް އައު ކުދިން ނެރުމަށް ސީބީއެމްއިން އަމާޒުހިފާފައިވާއިރު، އެއެސޯސިއޭޝަނުން އެންމެ ބޮޑު އިސްކަމެއް ދެމުން އަންނަ ކަމަކީ ވައިޑީޕީ ޕްރޮގްރާމުތަކުގެ ތެރެއިން ކުދިން އުފައްދާ ޖޫނިއާ ޓީމުތައް ތަރައްގީކުރުންކަމަށް ފައިސަލް ވިދާޅުވިއެވެ. އެމަސައްކަތުގެ ދަށުން ސީބީއެމްއިންދަނީ ކުރިކެޓަށް ނުކުންނަ އައު ކުދިންނަށް ދާންވީ ރާސްތާ ފަހިކޮށްދިނުމުގެ މަސައްކަތް ކުރަމުންކަމަށް ފައިސަލް ހާމަކުރެއްވިއެވެ.
"މިހާރު ސީބީއެމްގެ އެންމެ ބޮޑު ޓާގެޓަކީ ވައިޑީޕީ އާއި ޖޫނިއާ ޓީމުތައް ޑެވެލޮޕްކުރުން. އޭގެ ފުރަތަމަ ހަރުފަތަކީ އަންޑަރ 16، ދެން އަންޑަރ 19 އެޔަށްފަހު އަންޑަރ 23 އަދި ނެޝަނަލް ޓީމް. އެހެންވީމަ ޕާތްވޭ ކުދިންނަށް ދައްކާދޭން އަޅުގަނޑުމެން ބޭނުންވަނީ" ފައިސަލް ވިދާޅުވިއެވެ.
16 އަހަރުންދަށުގެ އުމުރުފުރާއަށް ޚާއްސަކޮށްގެން މުޅިން އަލަށް މިއަހަރު ބޭއްވި ނެޝަނަލް ޖޫނިއާ ޓީ20 ޗެންޕިއަންޝިޕްގައި ވާދަކޮށްފަވާ ޓީމުތަކަކީ ހެލެނބެލި، ފުނަ، މަދޮށި އަދި ކާންޏެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމުބާރާތުގައި ޖުމްލަ 10 މެޗު ކުޅެފަވާއިރު، ޗެންޕިއަންކަން ހޯދާފައިވަނީ މަދޮށި ބަލިކުރުމަށްފަހު ކާނިންނެވެ. މިމުބާރާތް ކުރިއަށްދިޔައީ މިމަހުގެ 10 އިން 19 ވަނަ ދުވަހުގެ ނިޔަލަށް މާފަންނު ކުޅިވަރު އެކުވެނީގެ އެއް ނަމްބަރު ކޯޓުގައެވެ.