ރެއާލް މެޑްރިޑުގެ ޑިފެންޑަރު އެންޓޮނިއޯ ރުޑިގާ މެޗުގެ ރެފުރީއާ ދިމާލަށް އެއްޗެއް އުކި މައްސަލައިގައި ހަ މެޗަށް ސަސްޕެންޑް ކޮށްފިއެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކޮޕާ ޑެލްރޭގެ ފައިނަލުގައި ބާސެލޯނާ އަތުން ރެއާލް މެޑްރިޑް 3-2 ގެ ނަތީޖާއަކުން ބަލިވި މެޗުގައި ޖަރުމަނަށް އުފަން ޑިފެންޑަރު ވަނީ ބެންޗުގައި ހުރެ ރެފުރީއާ ދިމާލަށް އައިސް ކިއުބެއް އެއްލާލާފައެވެ. ރުޑިގާ ވަނީ އެ މެޗުގެ 111 ވަނަ މިނިޓުގައި އޭނާއަށް ލިބުނު އަނިޔާގެ ސަބަބުން ބަދަލުކޮށްފައެވެ.
ސްޕެއިންގެ ފުޓްބޯޅަ ފެޑަރޭޝަނުން މި މައްސަލަ ބެލުމަށްފަހު ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ރެފްރީ އާއި ދެކޮޅަށް ރުޑިގާ ހިންގާފައިވާ އަމަލުގެ ސަބަބުން އޭނާ ހަ މެޗަށް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.
ސްޕެއިންގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ގަވާއިދު ބުނާ ގޮތުން ރެފްރީ އާއިދެކޮޅަށް ހިންގަ ހަމަނުޖެހުމެއްގެ ސަބަބުން އެފަރާތެއް ހަތަރު މެޗާއި ބާރަ މެޗާއި ދެމެދުގެ އަދަދަކުން ސަސްޕެންޑް ކުރެވިދާނެ އެވެ.
އެހެންކަމުން މި ސީޒަނުގައި ރެއާލް މެޑްރިޑް ލަލީގާ ގައި ކުޅެން ޖެހޭ ފަސް މެޗުގެ އިތުރުން އަންނަ އަހަރުގެ ސީޒަނުގެ ފުރަތަމަ މެޗުގައި ރުޑިގާއަށް ނުކުޅެވޭނެ އެވެ.
ކުރިއަށް އޮތް ހަ މެޗަށް ރުޑިގާ ސަސްޕެންޑް ކޮށްފައިވާއިރު މި މެޗުގައި އޭނާއަށް ލިބިފައިވާ އަނިޔާގެ ސަބަބުން މި ސީޒަނުގައި އިތުރަށް ދެން ނުކުޅެވޭނެ ކަމަށް މީޑިޔާ ރިޕޯޓްތައް ވަނީ ބުނެފަ އެވެ. ރެއާލް މެޑްރިޑް އިން ރުޑިގާގެ އަނިޔާ އާއި ގުޅޭ ގޮތުން ރަސްމީކޮށް އެއްޗެއް ބުނެފައިނުވި ނަމަވެސް މީޑިޔާ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި އޭނާއަށް ހަ ހަފްތާ އާއި އަށް ހަފްތާ އާއި ދެމެދުގެ މުއްދަތަކަށް ކުޅުމާއި ދުރަށް ދާން ޖެހޭނެ އެވެ.
މި މެޗުގައި ރެފްރީ ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވި ފަހުން ރުޑިގާގެ އިތުރުން ބެންޗުގައި ހުރި ލޫކަސް ވަސްކޭޒް އަށްވެސް ރަތް ކާޑު ދައްކާފަ އެވެ. އަދި މެޗަށްފަހު ޖޫޑް ބެލިންހަމް އަށް ރެފްރީ ދެއްކި ރަތް ކާޑު ފެޑަރޭޝަނުން ވަނީ ބާތިލުކޮށްފަ އެވެ. މި މައްސަލައިގައި ބެލިންހަމްގެ ފަރާތުން އެފަދަ އަމަލެއް ފެނިފައިނުވާކަމަށް ރެއާލް މެޑްރިޑްއިން ހުށައެޅި ވީޑިއޯއިން ފެންނަ ކަމަށްވެސް ފެޑަރޭޝަނުން ވަނީ ބުނެފަ އެވެ.
ސްޕެއިންގެ ފުޓްބޯޅަ ފެޑަރޭޝަނުން ރުޑިގާ ހަ މެޗަށް ސަސްޕެންޑް ކޮށްފައިވާއިރު އޭނާ ވަނީ ރެފްރީ އާއި ދިމާލަށް އެއްޗެއް އެއްލާލެވުމާއި ގުޅިގެން އެކަމަށް މައާފަށް އެދިފަ އެވެ. އަދި އޭނާ މައާފަށް އެދިފައިވާތީ އަދަބު ދިނުމުގައި ލުއެއް ދީފައިވާކަމަށްވެސް ސްޕެއިންގެ ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ ބުނެފަ އެވެ.
މި މެޗުގައި ރެއާލް މެޑްރިޑްގެ ލޫކަސް ވަސްކޭޒް އަށް ދެއްކި ރަތް ކާޑާއި ގުޅިގެން އޭނާ ދެ މެޗަށް ސަސްޕެންޑް ކޮށްފައިވާއިރު މި މެޗުތައް ގުނާނީ ހަމައެކަނި ކޮޕާ ޑެލްރޭއީގެ މެޗު ތަކަށެވެ.