ޚަބަރު

ދާޚިލީ މައްސަލަތަކުގެ ތެރެއަށް ބޭރު ޤައުމުތަކުން ވަންނާތީ ސޫރިޔާގެ ނުރުހުން


ސޫރިޔާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ފަރާތްތަކުން ވަންނަމުންދާތީ އެ ޤައުމުން ނުރުހިއްޖެއެވެ.

އޭޕްރިލް މަހުގެ 30ވަނަ ދުވަހު ޔަހުދީން ވަނީ ސޫރިޔާގެ ސަލާމަތީ ބާރުތަކާއި ދްރޫޒީންނާ ދެމެދު ޙަމަލާ ބަދަލު ކުރަމުން ދިޔަ ސޫރިޔާގެ ވެރިރަށް ދިމިޝްޤުގެ ރަށް ބޭރުގައި އޮންނަ އަވަށެއް ކަމަށްވާ އަޝްރަފިޔަތު ޞަޙްނާޔާއަށް އަމާޒު ކޮށް ވައިގެ ޙަމަލާތަކެއް ދީފައެވެ.

ސޫރިޔާގެ ދާޚިލީ ވުޒާރާގެ މަސަދަރަކުން ބުނީ ދްރޫޒީން ދިރިއުޅޭ އަވަށަށް އަމާޒު ކޮށް ޔަހޫދީން ހަތަރު ޙަމަލާއެއް ދީފައިވާ ކަމަށާއި އެ ޙަމަލާތަކުގައި މައިގަނޑު ގޮތެއްގައި ގެއްލުން ދީފައި ވަަނީ ސަލާމަތީ ބާރުތަކަށް ކަމަށެވެ.

ޔަހޫދީންގެ ޙަމަލާއާ ގުޅިގެން ސޫރިޔާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ އެ ޤައުމުގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް ބޭރުގެ ފަރާތްތަކުން ވަނުން ކުށްވެރިކުރާ ކަމަށެވެ. ނަމަވެސް އެ ޙަމަލާތައް ދިނީ ޔަހޫދީން ކަމަށް އެ ބަޔާނުގައި ސީދާ ބުނެފައެއް ނުވެއެވެ. ދްރޫޒީން ހިމެނޭ ގޮތަށް ސޫރިޔާގެ ހުރިހާ ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އަޝްރަފިޔަތު ޞަޙްނާޔާގައި ހަމަނުޖެހުންތައް ހިނގާފައި ވަނީ ސުންނީ މުސްލިމުންނާއި ދްރޫޒީ ނަސަބަށް ނިޞްބަތްވާ މީހުންނާ ދެމެދުގައެވެ. މި ހަަމަނުޖެހުންތައް ފެށުނީ، ދްރޫޒީ ދަރިކޮޅުގެ އިސްވެރިއަކު، ކީރިތި ރަސޫލާ މުޙައްމަދު (صَلَّى اللهُ عَلَيْهِ وَسَلَّمَ)އަށް ބަދުބަސް ރައްދުކޮށް، ފުރައްސާ ކުރާ ރެކޯޑިންގއަކާ ގުޅިގެންނެވެ. ނަމަވެސް ދްރޫޒީން ބުނަމުން ދަނީ އެއީ ސޫރިޔާގައި ބައިބައިވުން އިތުރުކޮށް ފިތުނައާއި ހަމަނުޖެހުން އުފެއްދުމަށް ބަޔަކު ހަދާފައިވާ ރެކޯޑިންގއެއް ކަމަށެވެ.

އެ ހަމަނުޖެހުންތަކުގައި ދެ ދުވަހުގެ ތެރޭގައި ގިނަ ޢަދަދެއްގެ މީހުން ވަނީ މަރުވެފަައެވެ. ހަމަނުޖެހުމުގެ ފުރަތަމަ ދުވަހު ސަލާމަތީ ބާރުތަކަށް ނިޞްބަތްވާ 16 މީހުންނާއި ހަ ހަނގުރާމަވެރިން ހިމެނޭ ކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިޔުމަން ރައިޓްސުން ބުނެއެވެ. އަދި ދެވަނަ ދުވަހު ސަލާމަތީ ބާރުތަކަށް ނިޞްބަތްވާ 10 މީހުން ހިމެނޭ ގޮތަށް 17 މީހުން މަރުވެފައިވެއެވެ.

ސޫރިޔާގެ ސަލާމަތީ ބާރުތަކުން ދްރޫޒީންނަށް އިތުރު ޙަމަލާތައް ދޭނަމަ ސޫރިޔާގެ ސަރުކާރުގެ އަމާޒުތަކަށް ޙަމަލާތައް ދިނުމަށް އިޒްރޭލުގެ އަސްކަރިއްޔާގެ ވެރިޔާ ވަނީ އަންގާފައެވެ. ނަމަވެސް ދްރޫޒީން ވެސް ވަނީ މައްސަލައިގެ ތެރެއަށް ޔަހޫދީން ވަނުމަށް އެ މީހުން ނޭދޭ ކަމަށް ބުނެފައެވެ. ދްރޫޒީން ވެސް ބޭނުން ވަނީ އެއްބައިވަންތަ ސޫރިޔާއެއް ކަމަށް އެ މީހުން ދަނީ ބުނަމުންނެވެ.

މިއީ ފަހުގެ ތާރީޚެއްގައި ސޫރިޔާގެ އެކި ދީންތަކާއި މަޒްހަބުތަކުގެ ދެމެދުގައި ހިނގާފައިވާ މި ފަދަ އެންމެ ލޭއޮހޮރުވުން ބޮޑު ކުރިމަތިލުންތަކެވެ. ހުސްވި އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހު، ސޫރިޔާގެ އިންތިޚާބީ ރައީސް ބައްޝާރް އަލް-އަސަދުގެ ވެރިކަން ވައްޓައިލި ފަހުން، އާބާދީ މަދު ނަސްލުތަކަށް އޮތް ނުރައްކާތެރި ކަން ވަނީ އިތުރުވެފައެވެ.

އިސްލާމްދީނުން ވަކިވެގަނެފައިވާ ދްރޫޒީން ޢާންމު ގޮތެއްގައި ދިރިއުޅެނީ ސޫރިޔާއާއި ލުބްނާންގެ އިތުރުން ޒަޔަނިސްޓު އިސްރާއީލުގައެވެ. އިސްރާއީލުގައި ދްރޫޒީ ނަސަބުގެ 140,000ށްހާ މީހުން ދިރިއުޅެއެވެ. އިސްރާއީލުން ވެރިވެގަނެފައިވާ ސޫރިޔާގެ އަލް-ޖޫލާންގެ އުސްބިންތަކަކީ ވެސް ދްރޫޒީ ނަސަބުގެ ބޮޑު މުޖުތަމަޢެއް ދިރިއުޅޭ ސަރަޙައްދެކެވެ. އެ ސަރަޙައްދުގައި ވެސް ދްރޫޒީ ދަރިކޮޅުގެ 18,000ށްހާ މީހުން ދިރިއުޅޭ ކަމަށް ވަނީ ރެކޯޑު ކޮށްފައެވެ.

އަލް-އަސަދުގެ ވެރިކަން ވެއްޓުނު ފަހުން ޔަހޫދީން ސޫރިޔާއަށް އެތައް ސަތޭކަ ޙަމަލާއެއް ދީފައިވެއެެވެ. ސޫރިޔާގެ އަލް-ޖޫލާންގެ އުސްބިންތަކުގައި ވެސް ޔަހޫދީ ސިފައިން ޙަރަކާތްތެރިވެއެވެ.